Roadha Mihaaru
ލޮކްޑައުންއާ ހިލާފުވާ މީހުން ކަރަންޓީންކުރާނެ

ލޮކްޑައުންއާ ހިލާފުވާ މީހުން ކަރަންޓީންކުރާނެ

15 އެޕްރީލް 2020

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ ވަގުތުތަކުގައި އެންގުންތަކާ ހިލާފަށް މަގުމައްޗަށް ނުކުންނަ މީހުންނާ މެދު ހަރުކަށިކޮށް އަމަލުކުރާނެ ކަމަށާއި އެ ފަދަ މީހުން ކަރަންޓީނުކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ ވަގުތުތަކުގައި އެންގުންތަކާ ހިލާފަށް މަގުމައްޗަށް ނުކުންނަ މީހުންނާ މެދު ހަރުކަށިކޮށް އަމަލުކުރާނެ ކަމަށާއި އެ ފަދަ މީހުން ކަރަންޓީނުކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކޮވިޑް-19 ޖެހިފައިވާ މީހަކާ އެއްވެސް ގޮތަކަށް ކޮންޓެކްޓްވެފައި ނުވާ ކަމަށް ބެލެވޭ މީހަކު މާލެއިން ޕޮޒިޓިވް ވުމުން، އެ މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ވަނީ މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ.

"ފުލުހުން ދެއްވާ ގައިޑްލައިންގެ އިތުރުން މަގުމައްޗަށް ނިކުމެ އުޅޭ ކަމުގައި ވަނީ ނަމަ 14 ދުވަސް ފުރިހަމަ ކުރަން ކަރަންޓީން ފެސިލިޓީއަކަށް ދުރުވާން ޖެހޭނެ"

ލޮކްޑައުންގެ ހާލަތުގައި އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ފުލުހުން ބޭއްވި ޕްރެސް ބްރީފިންގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، މި މަހު ކުރީ ކޮޅު ހިންގި ކާފިއުއާ ހިލާފަށް އަމަލުކުރި މީހުންނާ މެދު އެޅި ވަރަށް ވުރެ ހަރުކަށި ފިޔަވަޅު މިފަހަރު އަޅާނެ ކަމަށެވެ.

"ވަރަށް ބޮޑަށް ސްޓްރިކްޓް ކުރާނަން. ސަބަބަކީ ވަގުތުން ކަރަންޓީން ފެސިލިޓީއަކަށް ގެންދަން ޖެހުނު ކަމުގައި ވި ނަމަވެސް އެކަންތަން ވެސް މި ފަހަރު ކުރާނަން،" ނަވީން ވިދާޅުވި އެވެ. "ފުލުހުން ދެއްވާ ގައިޑްލައިންގެ އިތުރުން މަގުމައްޗަށް ނިކުމެ އުޅޭ ކަމުގައި ވަނީ ނަމަ 14 ދުވަސް ފުރިހަމަ ކުރަން ކަރަންޓީން ފެސިލިޓީއަކަށް ދުރުވާން ޖެހޭނެ."

އެޗްޕީއޭގެ އެންގުމުގައިވާ ގޮތުން ލޮކްޑައުންގެ ހާލަތުގައި އިސްތިނާވަނީ، ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އުޅަނދާއި އެމްބިއުލެންސާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީހުންނާއި އެ ފާސްދޫކޮށްފައިވާ މީޑިއާތަކުގެ މީހުން އެކަންޏެވެ.

ނަވީން ވިދާޅުވީ، މިކަމުގެ މަގްސަދަކީ ރައްޔިތުން ޖޫރިމަނާކުރުން ނޫން ކަމަށެވެ. އަދި ކުރިން ހިންގި ކާފިއުގައި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ޖޫރިމަނާ ކުރި ނަމަވެސް، ފުލުހުންގެ އެންގުންތަކާ ހިލާފަށް މިފަހަރު އަމަލުކުރާ ނަމަ 1،000 ރުފިޔާއާ ހަމަ އަށް ޖޫރިމަނާ ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މީހާ އަކީ ކަރަންޓީން ފެސިލިޓީއަކަށް ގެންދަން ޖެހޭ ވަރުގެ މީހެއް ކަމަށް ބެލެވިއްޖެ ނަމަ، އެ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

މި ބައްޔަށް މިއަދު ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 54 މީހަކު މިހާތަނަށް އައިސޮލޭޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި އެއަށް ވުރެ ގިނަ މީހުން އައިސޮލޭޓް ކުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ބަލި ރާއްޖެ އިން މިދިޔަ މަހުގެ ކުރީ ކޮޅު ފެނުމުން އެއް މަސް ދުވަހަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ އިއުލާނުކޮށްފަ އެވެ. އަދި މި މުއްދަތު މިމަހުގެ ނިޔަލަށްމި މަހުގެ 10 ވަނަ ދުވަހު ވަނީ އިތުރުކޮށްފަ އެވެ. ފަރުވާއެއް ހޯދިފައި ނުވާ މި ބަލި ފެތުރުން މަދުކުރުމަށްޓަކައި އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމެވެ. އެހެންވެ، ސިއްހީ އިދާރާތަކުން އަންނަނީ ގޭގައި މަޑުކުރާށާއި އެމީހެއްގެ އަމިއްލަ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދޭން އިލްތިމާސްކުރަމުންނެވެ.