Roadha Mihaaru
ލޮކްޑައުންގައި މަގުމަތިވި 24 މީހަކަށް އެހީވެއްޖެ

މާލެ ލޮކްޑައުންކުރި އިރު ވަންނާނެ ގެއެއް ނެތި ހާލުގައި ޖެހުނު 24 މީހަކަށް އެހީވެއްޖެ

16 އެޕްރީލް 2020

ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހަކު އިއްޔެ މާލެ އިން ފެނުމުން މާލެ ސަރަހައްދު ލޮކްޑައުން ކުރި އިރު ވަންނާނެ ގެދޮރު ނެތި ހާލުގައި ޖެހުނު 24 މީހަކަށް ކާނާ އާއި ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން ރޭ ހަމަޖައްސައިދީފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހަކު އިއްޔެ މާލެ އިން ފެނުމުން މާލެ ސަރަހައްދު ލޮކްޑައުން ކުރި އިރު ވަންނާނެ ގެދޮރު ނެތި ހާލުގައި ޖެހުނު 24 މީހަކަށް ކާނާ އާއި ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން ރޭ ހަމަޖައްސައިދީފި އެވެ.

ވަންނާނެ ތަނެއް ނެތި މަގުމަތީގަ އާއި މާލޭ މަސް މާރުކޭޓުގައި ތިބި އެ މީހުންނަށް ސަރުކާރުން ފޯރުކޮށްދިން ކާބޯތަކެތި ބަހާފައިވަނީ ފުލުހުންނެވެ. ކާންދިނުމަށް ފަހު ފުލުހުން ވަނީ ސަރުކާރާއި ދިވެހި ރެޑްކްރެސެންޓުން ހަމަޖައްސާފައިވާ ވަގުތީ އެކޮމަޑޭޝަނަށް އެ މީހުން ގެންގޮސްފަ އެވެ.

ކާތަކެތި ހިފައިގެން ޕޮލިސް ޓީމްތައް ގޮސް، ހާލުގައި ޖެހިފައިވާ މީހުންނަށް ދޭ ފޮޓޯތަކެއް ފުލުހުން އާންމުކޮށްފައިވެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ތިބީ މަސްމާރުކޭޓްގެ އެކި ތަންތަނުގަ އެވެ.

ފުލުހުން ކާބޯތަކެތި ބަހަނީ--

އިއްޔެ ހަވީރު 3:30 އިން ފެށިގެން 24 ގަޑިއިރަށް މުޅި މާލެ ލޮކްޑައުން ކޮށްފައިވާއިރު ކެއިންބުއިމުގެ ހިދުމަތް ދޭ ހުރިހާ ތަނެއްހެން ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން ޑެލިވަރީ ކޮށްދެވޭނެ ވަގުތުތަކެއް މިހާރު ފުލުހުން ވަނީ ކަނޑައަޅައިފަ އެވެ.

ޑެލިވަރީ ކުރެވޭނެ ގަޑިތައް--

މުޅި މާލެ ލޮކްޑައުންކުރީ ކޮވިޑް-19 އަށް މާލޭން އަންހެނަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އޭނާއާ ކޮންޓެކްޓްވި އިތުރު ދެ މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި ކޮންޓެކްޓްވި އިތުރު މީހުން ވަނީ އައިސޮލޭޓް ކޮށްފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ކުރިންވެސް ބުނެފައިވަނީ މާލޭން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށެވެ. އެހާލަތުގައި ބަލާނީ ބަލި ބޮޑަށް ފެތުރިފައިވާ ކަމަށް ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.