Roadha Mihaaru
އަލިފާނުގެ ހާދިސާ އަކީ ލިބުނު ފިލާވަޅެއް: ފައިސަލް

އަލިފާނުގެ ހާދިސާ އަކީ ފިލާވަޅެއް؛ އަވަސް ފިޔަވަޅުތަކެއް އަޅާނަން: ފައިސަލް

26 ސެޕްޓެމްބަރ 2019

ހެންވޭރުގައި ހުރި ގުދަންތަކަކާއި ގެތަކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަކީ ލިބުނު ފިލާވަޅެއް ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހެންވޭރުގައި ހުރި ގުދަންތަކަކާއި ގެތަކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަކީ ލިބުނު ފިލާވަޅެއް ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ، މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއް އެނދި އެވެ. އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ ހ. ތިލަފުށީ ގޭގައި ހުންނަ ކެމިކަލް ގުދަނެއްގަ އެވެ. އެ އަލިފާން މުޅި ސަރަހައްދަށް ފެތުރި ގިނަ ގެތަކަކަށް އަލިފާނުގެ އަސަރުކުރި އެވެ.

ނައިބު ރައީސް ވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ގެއްލުން ލިބުނު ގެތަކާއި ގުދަންތަކުގެ ހާލަތު ބައްލަވާލައްވައިފަ އެވެ. އަދި އެމްއެންޑީއެފާއި ފުލުހުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މުވައްޒަފުންގެ މަސައްކަތް ބައްލަވާލައްވައި ހިތްވަރު ދެއްވި އެވެ.

އެމްޕީއެލްގެ މުވައްޒަފަކު، ހ. ކީވް ރޫޅާލުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ނައިބު ރައީސް އަށް ކިޔައި ދެނީ. ކީވްގެ ބޮޑު ބައެއް މިހާރު ވަނީ ރޫޅާލާފައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްޕީއެލްގެ މުވައްޒަފަކު، ހ. ކީވް ރޫޅާލުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ނައިބު ރައީސް އަށް ކިޔައި ދެނީ. ކީވްގެ ބޮޑު ބައެއް މިހާރު ވަނީ ރޫޅާލާފައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަލިފާން ރޯވި ސަރަހައްދު ބައްލަވާލެއްވުމަށް ފަހު، ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައި ނައިބު ރައީސް ވިދާޅުވީ ކަމުގެ ބޮޑުކަން އެނގެނީ އަބަދުވެސް ކަމެއް ދިމާވީމާ ކަމަށެވެ. އޭގެ ބަދަލުގައި ކަމެއް ހިނގުމުގެ ކުރިން އެކަމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"މި ހާދިސާ އިން ފިލާވަޅުގެ ގޮތުގައި ވަރަށް ބޮޑު އެއްޗެއް ލިބިގެންދޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އާންމުންގެ ފުރާނަ ސަލާމަތް ކުރުމަށް ސިފައިންނާއި ފުލުހުން ކުރި ބުރަ މަސައްކަތަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ގިނަ ބައެއްގެ ފުރާނަ ސަލާމަތްވީ ފުލުހުންނާއި ސިފައިންގެ ހިތްވަރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެންމެ ފުރާނަ އަކީ އަޅުގަނޑުމެންނަށް އަގު ނުކުރެވޭނެ އެއްޗެއް. އެއީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް. ނަމަވެސް ހާދިސާގެ ބޮޑުކަމުން، މާތްﷲ އިރާދަފުޅުން އަޅުގަނޑު އުފާކުރަން އެތައް ބައެއްގެ ފުރާނަ ސަލާމަތްވީތީ ވެ،" ސަލާމަތީ ބާރުތަކަށް ހިތްވަރު ދެއްވަމުން ނައިބު ރައީސް ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ އެއް ކަމަކީ މާލޭގައި ހުރި ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމެވެ. މާލޭގައި ހުރި ހުރިހާ ގުދަންތަކެއް ވަރަށް އަވަހަށް ތިލަފުއްޓަށް ބަދަލު ކުރާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް އެ ސަރަހައްދަށް ވަޑައިގެންނެވި އިރު، ހުސް ބިމެއްގެ ގޮތުގައި މިހާރު އޮތް ހ. ތިލަފުށީގޭ ތެރޭގައި ފޮރެންސިކް ފުލުހުން ގެންދިޔައީ ހަރަކާތްތެރިވަމުންނެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން އަރިއަޅާލާފައިވާ ހ. ކީވް ރޫޅާލުމުގެ މަސައްކަތް އެމްޕީއެލްގެ މުވައްޒަފުންނާއި ސިފައިން ގުޅިގެން ދިޔައީ ކުރަމުންނެވެ. އަދި އެހެން ބައެއް ތަންތަން ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަށް ހަފުތާއެއް ވެގެން ދާ އިރު ވެސް އެތަން އޮތީ "ދިރުމެއް ނެތް" ތަނެއްގެ ގޮތުގަ އެވެ. ފުލުހުންނާއި ސިފައިން އަދިވެސް އަންނީ އެ ސަރަހައްދު ބަލަހައްޓަމުންނެވެ.