Roadha Mihaaru
ތައިލެންޑާއި ދިވެހި ވިޔަފާރިވެރިން އެއް ތަނަކަށް

އަގު ހެޔޮކޮށް މުދާ ހޯދަން ތައިލެންޑާއި ދިވެހި ވިޔަފާރިވެރިން އެއް ތަނަކަށް

13 އޮކްޓޯބަރ 2016

އަގު ހެޔޮކޮށް މުދާ އެތެރެކުރުމުގެ ފުރުސަތު ހޯދުމަށް ތައިލެންޑުގެ ބޮޑެތި ކުންފުނިތަކުގެ މަންދޫބުންނާއި ދިވެހި ވިޔަފާރިވެރިން އެއް ތަނަކުން ބައްދަލުކުރަން މިއަދު ފަށައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އަގު ހެޔޮކޮށް މުދާ އެތެރެކުރުމުގެ ފުރުސަތު ހޯދުމަށް ތައިލެންޑުގެ ބޮޑެތި ކުންފުނިތަކުގެ މަންދޫބުންނާއި ދިވެހި ވިޔަފާރިވެރިން އެއް ތަނަކުން ބައްދަލުކުރަން މިއަދު ފަށައިފި އެވެ.

ރާއްޖެ އާއި ތައިލެންޑާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރަން އުފައްދާފައިވާ ކޮމިޓީގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ތައިލެންޑުގެ ކޮމާސް މިނިސްޓަރު އަޕިރާދީ ޓަންޓްރަޕޯންއާ އެކު، އެ ގައުމުގެ 30 ކުންފުންޏެއްގެ މަންދޫބުން ރާއްޖެ ވަޑައިގެންނެވި އެވެ. އެ ކުންފުނިތަކުން އެކްސްޕޯޓް ކުރާ ތަކެތި ދައްކާލުމަށް ބާއްވާ ހާއްސަ ފޯރަމެއް ދަރުބާރުގޭގައި މިހާރު ކުރިއަށް އެބަދެ އެވެ.

ހަވީރު 5:00 ޖަހަންދެން ކުރިއަށް ގެންދާ މި ފޯރަމްގައި ވަކިވަކި ކުންފުނިތަކަށް މޭޒު ބަހައްޓައިގެން، އެ ކުންފުނިތަކުގެ މަންދޫބުންނާ ބައްދަލުކޮށް، މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިވެރިންނަށް ވަނީ ހުޅުވާލާފަ އެވެ. މި ފޯރަމްގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ފަރުނީޗަރު، ގަހަނާ، ކެއިންބުއިމުގެ ބާވަތްތައް އުފައްދާ ކުންފުނިތަކުގެ އިތުރަށް، ސްޕާތަކަށާއި ޓޫރިސްޓް ހޮޓާތަކަށް ބޭނުންވާ ސާމާނު ފޯރުކޮށް ދޭ ފަރާތްތައް ވެސް ހިމެނެ އެވެ.

މިއަދު ކުރިއަށް ދާ ފޯރަމްގައި ތައިލެންޑުގެ ކުންފުންޏަކުން ދައްކާލަން ބަހައްޓާފައި ހުރި އުފެއްދުންތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު ކުރިއަށް ދާ ފޯރަމްގައި ތައިލެންޑުގެ ކުންފުންޏަކުން ދައްކާލަން ބަހައްޓާފައި ހުރި އުފެއްދުންތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުދާ އެކްސްޕޯޓް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ތައިލެންޑުގެ އެ ކުންފުނިތަކުން ރާއްޖެ އައީ ވަރަށް ބޮޑު އުއްމީދަކާ އެކު އެވެ. ފޯރަމް ފަށައިގެން މިހާތަނަށް ލިބުނު ތަރުހީބާ މެދު ކުންފުނިތަކުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. ބައެއް ފަރާތްތަކުން ތިބީ މި ލިބުނު ފުރުސަތާ އެކު އާ މާކެޓަކަށް ވަދެވުމުގެ އުއްމީދުގަ އެވެ. ހާއްސަކޮށް، ރާއްޖެ ފަދަ މުޅި ދުނިޔޭގައި ވެސްް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ އެއް ގައުމާ އެކު ވިޔަފާރީގެ ގުޅުން ގާއިމުކުރެވޭތީ ޓޫރިޒަމް ސިނާއަތަށް ބޭނުންވާ ތަކެތި ވިއްކާ ކުންފުނިތަކުން ތިބީ އުފަލުންނެވެ.

"އަލަށް ހުޅުވަން އުޅޭ ބައެއް ރިސޯޓުތަކުން ވެސް ޝައުގުވެރިކަން ފާޅުކޮށްފި،" ސްޕާތަކަށް ބޭނުންވާ ތެލާއި މީރުވަސް ދުއްވާ ތަކެތި ތައިލެންޑާއި ބައެއް އެހެން ގައުމުތަކުގައި ވިއްކާ ޑީވީއެން އިންޓަނޭޝަނަލްގެ މަންދޫބު ވިދާޅުވި އެވެ.

މިއަދު ކުރިއަށް ދާ ފޯރަމްގެ ތެރޭން ދިވެހި ވިޔަފާރިވެރިންނާއި ތައިލެންޑުގެ ކުންފުނިތަކުގެ މަންދޫބުން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު ކުރިއަށް ދާ ފޯރަމްގެ ތެރޭން ދިވެހި ވިޔަފާރިވެރިންނާއި ތައިލެންޑުގެ ކުންފުނިތަކުގެ މަންދޫބުން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ފެއާގެ ތެރެއިން، އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ފޯރަމްގެ އެންމެ ބޮޑު ބޭނުމަކީ ތައިލެންޑުން އަގު ހެޔޮކޮށް މުދާ ލިބުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހޯދައި ދިނުމެވެ. އެކި ދާއިރާތަކުގެ ގިނަ އަދަދެއްގެ ކުންފުނިތަކުން މި ފޯރަމްގައި ބައިވެރިވާއިރު، އެއީ ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ދިވެހި ރާއްޖޭގެ ކޮމިއުނިޓީ އަށް ހެޔޮ އަގުގައި މުދާ ލިބުން،" ތައުފީގު ވިދާޅުވި އެވެ.

މިއަދު ކުރިއަށް ދާ ފޯރަމްގެ ތެރޭން އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު ކުރިއަށް ދާ ފޯރަމްގެ ތެރޭން އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ޖެނުއަރީ މަހު ރައީސް އަބްދުﷲ ޔާމީން ތައިލެންޑަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެ ގޮތުން، އެ މަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ތައިލެންޑުގެ ކޮމާސް މިނިސްޓަރާއި އެ ގައުމުގެ ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށްފަ އެވެ.

ތައިލެންޑުން ރާއްޖެ އަށް ގިނަ އަދަދެއްގެ މުދާ އެތެރެ ކުރެ އެވެ. އޭގެ ތެރޭގައި އަންނައުނާއި ފޭރާން ފަދަ އެއްޗެހި ހިމެނޭއިރު، ރާއްޖޭން ބޭރު ކުރާ މަހުގެ ވަރަށް ބޮޑު ބައެއް ތައިލެންޑަށް ގެންދެ އެވެ. އެ ގޮތުން، މިދިޔަ އޮގަސްޓު މަހު އެކަނި ވެސް 47 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ތައިލެންޑަށް ވިއްކާފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.