Roadha Mihaaru
އެކި ގައުމުތަކުގެ ކުންފުނިތައް ގެނެސް ފޯރަމް ބާއްވަނީ

އިތުރު ގައުމުތަކުގެ ކުންފުނިތައް ގެނެސްގެން ދިވެހި ވިޔަފާރިވެރިންނާ އެކު ފޯރަމްތައް ބާއްވަނީ

13 އޮކްޓޯބަރ 2016

ދިވެހި ވިޔަފާރިވެރިންނަށް އަގު ހެޔޮކޮށް މުދާ ލިބޭނެ ގޮތް ހޯދަައިދޭން އިތުރު ގައުމުތަކުގެ ކުންފުނިތައް ރާއްޖެ ގެނެސްގެން ފޯރަމްތައް ބާއްވަން ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ދިވެހި ވިޔަފާރިވެރިންނަށް އަގު ހެޔޮކޮށް މުދާ ލިބޭނެ ގޮތް ހޯދަައިދޭން އިތުރު ގައުމުތަކުގެ ކުންފުނިތައް ރާއްޖެ ގެނެސްގެން ފޯރަމްތައް ބާއްވަން ނިންމައިފި އެވެ.

ރާއްޖެ އާއި ތައިލެންޑާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރަން އުފައްދާފައިވާ ކޮމިޓީގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ތައިލެންޑުގެ ކޮމާސް މިނިސްޓަރު އަޕިރާދީ ޓަންޓްރަޕޯންއާ އެކު، އެ ގައުމުގެ 30 ކުންފުންޏެއްގެ މަންދޫބުން ރާއްޖެ ވަޑައިގެންނެވި އެވެ. އެ ކުންފުނިތަކުން އެކްސްޕޯޓް ކުރާ ތަކެތި ދައްކާލަން ބާއްވާ ހާއްސަ ފޯރަމެއް ދަރުބާރުގޭގައި މިހާރު ކުރިއަށް އެބަދެ އެވެ.

އެ ފޯރަމްގެ ތެރެއިން، އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި އެހެން ބައެއް ގައުމުތަކާ އެކު ވެސް މިފަދަ ފޯރަމްތައް ބާއްވަން ވަނީ ނިންމާފަ އެވެ. އެ ގޮތުން، އަވަށްޓެރި އިންޑިއާގެ ކުންފުނިތަކުގެ މަންދޫބުން ރާއްޖެ ވަޑައިގެން، އެ ކުންފުނިތަކުން އުފައްދާ އަދި ވިއްކާ އުފެއްދުންތަކުގެ މައުލޫމާތު ދިވެހި ވިޔަފާރިވެރިންނަށް ދޭން ފޯރަމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ދިވެހި ވިޔަފާރިވެރިންނަށް އަގު ހެޔޮކޮށް މުދާ ލިބުމުގެ އިތުރު ފުރުސަތުތައް ލިބިގެން ދިއުން،" ތައުފީގު ވިދާޅުވި އެވެ.

އިންޑިއާގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރަން މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު (ވ) އާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ވާހަކަ ދައްކަވަނީ: އިންޑިއާގެ ކުންފުނިތައް ގެނެސްގެން ދިވެހި ވިޔަފާރިވެރިންނާ އެކު ރާއްޖޭގައި ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމާފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންޑިއާގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރަން މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު (ވ) އާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ވާހަކަ ދައްކަވަނީ: އިންޑިއާގެ ކުންފުނިތައް ގެނެސްގެން ދިވެހި ވިޔަފާރިވެރިންނާ އެކު ރާއްޖޭގައި ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމާފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، އެ ފޯރަމް ބާއްވާނެ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

އިންޑިއާ އާއި ދިވެހި ވިޔަފާރިވެރިން ވެސް ގުޅުން ބަދަހިކުރަން މަސައްކަތް ކުރާއިރު، ރާއްޖޭގެ ތިން ވަނަ އިންވެސްޓްމަންޓް ފޯރަމް ވެސް ބާއްވަން ނިންމާފައި ވަނީ އިންޑިއާގަ އެވެ. ނޮވެމްބަރު 21 އިން 22 އަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ މި ފޯރަމުން، އިންވެސްޓަރުން ހޯދުމުގެ އިތުރުން ބޭރުގެ ސަރުކާރުތަކާ ގުޅުން ބަދަހިވެ، ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށް ސަރުކާރުން ދެކެ އެވެ.

އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރަން މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފާހަގަކުރެއްވި ގޮތުގައި އިންޑިއާ އަކީ ވިޔަފާރީގެ ގުޅުން އެންމެ ބޮޑަށް ބަދަހި ކުރެވޭނެ އެއް ގައުމެވެ. އަދި ރާއްޖޭގެ އިގްތިސާދުގައި އިންޑިއާ އިން މިހާރު ވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކަމަށާއި މި ފޯރަމާ އެކު އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ގައުމެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ބާވަތްތައް ގިނަ އަދަދަކަށް ހިމެނޭއިރު، ޖުމްލަ ބިލިއަނެއްހާ ރުފިޔާގެ މުދާ ކޮންމެ އަހަރަކު އިންޑިއާ އިން ރާއްޖެ ގެނެ އެވެ.