Roadha Mihaaru
ގިނަ ރަށްރަށުން ދަނޑުވެރިކަމަށް ބިން ދޫކުރަނީ

ގިނަ ރަށްތަކަކުން ދަނޑުވެރިކަމަށް ބިން ދޫކުރަނީ

19 އެޕްރީލް 2020

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަށް ސަރުކާރުން ނިންމި ނިންމުމާ އެކު ކައުންސިލްތަކުން ކުއްޔަކާ ނުލައި، ދަނޑުވެރިކަން ކުރާ މީހުންނަށް ރަށްރަށުގެ ބިން ދޫކުރަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަށް ސަރުކާރުން ނިންމި ނިންމުމާ އެކު ކައުންސިލްތަކުން ކުއްޔަކާ ނުލައި، ދަނޑުވެރިކަން ކުރާ މީހުންނަށް ރަށްރަށުގެ ބިން ދޫކުރަން ފަށައިފި އެވެ.

މިގޮތުން ގިނަ ރަށްރަށަކުން ދަނޑުވެރިކަމަށް އަންނަނީ ބިން ދޫކުރަމުންނެވެ. އެގޮތުން ރ. އަނގޮޅިތީމާއި ފ. ނިލަންދޫ އާއި އައްޑު އާއި ފުވައްމުލަކުގެ އިތުރުން މ. އަތޮޅުގެ ރަށްތައް ވެސް ހިމެނެ އެވެ.

ފ. ނިލަންދޫ ކައުންސިލުން ބުނީ، މިގޮތަށް ވަގުތީ ބިންތަކެއް ދަނޑުވެރިކަމަށް ދިނުމަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިން ބޭރުން ގިނަ އަދަދެއްގެ ކާބޯތަކެތި ނުލިބި ދާނެ ހާލަަތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. އެގޮތުން ދަނޑުވެރިކަން ކުރުމަށް އެންމެ ބޮޑުވެގެން 5،000 އަކަފޫޓުގެ ބިމެއް ދޫކުރަން ނިންމާފައި ވަނީ އެއް އަހަރު ދުވަހަށެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ރާއްޖޭގެ ބިން ހުރި ރަށްތަކުން ކުއްޔަކާ ނުލައި، ތިން އަހަރުގެ މުއްދަތަކަށް ދަނޑުވެރިކަމަށް ބިން ދޫކުރަން އެގްރިކަލްޗާ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މިގޮތަށް ބިން ދޫކުރަނީ އެމިނިސްޓްރީން ކަނޑައަޅާ އުސޫލުގެ ތެރެއިން ކަމަށް ވެސް ބުނެފައިވެ އެވެ.

ރ. އަނގޮޅިތީމު ކައުންސިލުން ބުނީ އެރަށުގެ ހުރިހާ ގޭބިސީއަކަށް ދަނޑުވެރިކަން ކުރުމަށްޓަކައި ބިން ދޫކުރާ އިރު ދަނޑުވެރިކަން ނުކުރާކަން ފާހަގަކުރެވޭ ގޭބީސީތަކުގެ ބިންތައް ބާތިލް ކުރާނެ ކަމަށެވެ. އެރަށުން އެގޮތަށް ބިން ދޫކުރަން ނިންމާފައި ވަނީ އެއްވެސް ފީއެއް ނެގުމެއް ނެތި އެވެ.

އައްޑޫ ސިޓީން ވެސް ވަނީ އެރަށުގައި ދަނޑު ހެއްދުމާއި އޮޅު ހައްދަން ބޭނުންވާ މީހުން ސިޓީ ކައުންސިލްގައި ރަޖިސްޓަވުމަށް އެދިފަ އެވެ. އަދި އެކަމަށް އެދި މެއިލް މެދުވެރިކޮށް ހުށަހެޅުމަށް ކައުންސިލުން އެދެ އެވެ.

ފުވައްމުލަކަކީ މިހާރު ވެސް ގިނަ އަދަދަކަށް އަލަ ހައްދަމުން އަންނަ ރަށެކެވެ. މިހާރު ވެސް އެރަށުގައި ގިނަ އަދަދަކަށް އޮޅު އަލަ ހައްދާ އިރު އެ މަސައްކަތް ކުރަން އިތުރަށް ބޭނުންވާ މީހުންނަށް ވެސް އެފުރުސަތު އޮތް ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.

މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ބިން ދޫކުރަމުން އަންނަ އިރު އެސްޓީއޯ އިން ވަނީ ދަނޑުވެރިންގެ އުފެއްދުންތައް ގަންނަން މާލޭގެ ނޯތު ހާބަރު ސަރަހައްދުގައި ޚާއްސަ މަރުކަޒެއް ހުޅުވުމަށް ނިންމައިފަ އެވެ. "އެސްޓީއޯ އެގްރި ސެންޓަރު" ގެ ނަމުގައި ގާއިމްކުރާ އެ ތަން ހުޅުވަން ނިންމާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް މިހާރުއްސުރެ ފެށިގެން އެ މަރުކަޒުގައި ރަޖިސްޓަރީވުމުގެ ފުރުސަތު އެސްޓީއޯ އިން ވަނީ ހުޅުވާލައިފަ އެވެ.