Roadha Mihaaru
ނުވިކޭ ތަކެތި ބަހާލަން ވެސް ދަނޑުވެރިން ތައްޔާރު

ތޮއްޑޫ ދަނޑުވެރިން ތިބީ ތަކެތި ނުވިކޭ ނަމަ ބަހާލަން ވެސް ތައްޔާރަށް

20 އެޕްރީލް 2020

އއ. ތޮއްޑޫގެ ދަނޑުވެރިން ހައްދާ ތަކެތި ވިއްކޭ ގޮތް ނުވެއްޖެ ނަމަ އެ ތަކެތި ބަހާލަން ވެސް ދަނޑުވެރިން ތިބީ ތައްޔާރަށް ކަމަށް އެ ރަށުގެ ކައުންސިލުން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އއ. ތޮއްޑޫގެ ދަނޑުވެރިން ހައްދާ ތަކެތި ވިއްކޭ ގޮތް ނުވެއްޖެ ނަމަ އެ ތަކެތި ބަހާލަން ވެސް ދަނޑުވެރިން ތިބީ ތައްޔާރަށް ކަމަށް އެ ރަށުގެ ކައުންސިލުން މިއަދު ބުނެފި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް ހަދީޖާ ނިއުޝާ "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެ ރަށުގެ ދަނޑުތަކުގައި ތަރުކާރީގެ ބާވަތްތަކާއި ފަޅޯ އަދި ކަރާ ފަދަ ތަކެތި ހައްދާފައިވާ ކަމަށެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ނުރައްކަލާ ހެދި މާލެއަށް އެތަކެތި ގެނައުމުގައި ދަތިތަކެއް ދިމާވުމާއި ގުޅިގެން މިހާރު އަތޮޅުގެ ރަށްތަކަށް ވިއްކަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިއުޝާ ވިދާޅުވީ މާލެ އަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ނުގެނެވުމުގެ ސަބަބުން އެ ރަށުގެ ދަނޑުވެރިންނަށް ގެއްލުން ވިޔަސް ރާއްޖެ އޮތް ހާލަތުގެ ސަބަބުން އެންމެން ވެސް ކެތްތެރިވާ ކަމަށެވެ. ތަކެތި ނުވިކި ހަލާކުވިޔަ ނުދޭނެ ކަމަށާއި ބަހަން ޖެހުނަސް އެކަމަށް ރަށުގެ ދަނޑުވެރިން ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެއަށް ތަކެތި ނުގެންދެވޭތީ މިރަށުގެ 117 ދަނޑަށް ވެސް ގެއްލުން ވާނެ. މި ތަކެތި މާލެ ނުގެންދެވުނަސް ހަލާކުވިޔަ ނުދީ ބަހަން ވެސް ދަނޑުވެރިން ތިބީ ތައްޔާރަށް،" ނިއުޝާ ވިދާޅުވި އެވެ.

ނިއުޝާ ވިދާޅުވީ މާލެ އަށް ބޯޓުތައް ދިއުމުގެ ހުއްދަ ލިބުމާއެކު މާލެއަށް އެތަކެތި ފޯރުކޮށްދެވޭނެ ކަމަށެވެ. އަދިި ރޯދަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެތަކެތި ފޯރު ކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޯދައަށް ބޭނުންވާ ތަކެތި އުފައްދާ ރަށްރަށުގެ ތެރެއިން ތޮއްޑޫގެ އިތުރުން ތ. ކަނޑޫދޫ އަކީ ވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އެ ރަށުގެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނަވާޒު ވެސް ވިދާޅުވީ މާލެއަށް ތަކެތި ނުގެންދެވޭތީ އަތޮޅުގެ ރަށްތަކަށް އެތަކެތި ވިއްކަމުން އަންނަ ކަމަށެވެ. ނަމަވެސް އެތަކެތި މާލެ ނުގެނެވި ގިނަ ދުވަސް ވާނަމަ ހަލާކުވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާރުކޭޓުގައި ވިއްކަން ހުރި ގިތެޔޮ މިރުސްތަކެއް: ކަނޑޫދޫ މިރުހުގެ އަގު މިއަހަރު ކުޑަ ވާނެ ކަމަށް ލަފަ ކުރެވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާރުކޭޓުގައި ވިއްކަން ހުރި ގިތެޔޮ މިރުސްތަކެއް: ކަނޑޫދޫ މިރުހުގެ އަގު މިއަހަރު ކުޑަ ވާނެ ކަމަށް ލަފަ ކުރެވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކަނޑޫދޫން އުފައްދާ ތަކެތީގެ ތެރެއިން އެންމެ މަޝްހޫރު އެއްޗަކީ މިރުހެވެ. މިދިޔަ ރޯދަ މަހު 1،200ރ. އަށް ކިލޯއެއް އެރި މިރުސް މިއަހަރު ހުރީ 600ރ. އަށެވެ. މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން އެ ރަށުގައި ހައްދާ މިރުހުގެެ އަދަދު ވެސް ވަނީ މަދުވެފަ އެވެ. އަދި މިހާރު ހުރި މިރުހުން އަތޮޅު ތެރޭގެ ރަށްތަކަށް ވެސް ފޯރު ކޮށް ދެވޭނެ ކަމާ މެދު ޔަގީން ކަމެއް ނެތް ކަމަށް މުހައްމަދު ނަވާޒު ވިދާޅުވި އެވެ.

"މިހާރު ކައިރި ރަށްތަކުން މީހުން އައިސް ބަނދަރުން އެއްޗެހި ނަގައިގެން ދަނީ. މާލެއަށް މިތަކެތި ނުގެންދެވޭތީ ވަރަށް ބޮޑަށް ދަތިވޭ. މިބަލަނީ ވީހާވެސް އަވަހަށް ހުރި އެތިކޮޅުވެސް ފޯރުކޮށްދެވޭތޯ." މުހައްމަދު ނަވާޒު ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށުމުން މާލެ ލޮކްޑައުން ކުރުމުން ބޯޓު ފަހަރުތައް މާލެ އައުން މަނާ މަނާކޮށް އަލުން އެ ހުއްދަ ދޭން ފެށީ އިއްޔެ އެވެ. މި ހުއްދައާއެކު ރަށްތަކުގައި ހައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް ގެނެވޭނެކަމުގެ އުއްމީދު ވަނީ އިތުރުވެފަ އެވެ. އަދި ރޯދަ މަސް ފެށުމުގެ ކުރިން އެތަކެތި ނުގެނެވުނަސް ރޯދަމަހުގެ މެދުތެރެއިން ވެސް އެތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ދަނޑު ހައްދާ ގިނަ ރަށްރަށުން އަންނަނީ ބުނަމުންނެވެ.

މާލެ 14 ދުވަހަށް ލޮކްޑައުން ކުރީ މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. މިހާލަތުގައ، މުދާ ބަލާ އަންނަ ބޯޓުތަކުގައި ދަތުރު ކުރެވޭނީ ފަޅުވެރިންނަށް އެކަންޏެވެ.