Roadha Mihaaru
އުތުރުތިލަފަޅާ އެކު ރަށްރަށަށް ދަނޑުވެރިކަން ފުޅާވާނެ

އުތުރު ތިލަފަޅާ އެކު، އެހެން ރަށްރަށަށް ވެސް ދަނޑުވެރިކަން ފުޅާކުރާނެ: ރައީސް

30 މާޗް 2024

ދިވެހިންނަށް ބޭނުންވާ ވަރަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ހެއްދުމަށްޓަކައި އެ މަސައްކަތުގެ މައި ހަބަކަށް އުތުރު ތިލަފަޅު ހެދުމާ އެކު، އެ މަޝްރޫއުގެ ތެރެއިން އުތުރާއި ދެކުނުގައި ވެސް ދަނޑުވެރިކަމުގެ ރަށްރަށް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ދިވެހިންނަށް ބޭނުންވާ ވަރަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ހެއްދުމަށްޓަކައި އެ މަސައްކަތުގެ މައި ހަބަކަށް އުތުރު ތިލަފަޅު ހެދުމާ އެކު، އެ މަޝްރޫއުގެ ތެރެއިން އުތުރާއި ދެކުނުގައި ވެސް ދަނޑުވެރިކަމުގެ ރަށްރަށް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އެންމެ ފަހުން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ވަނީ ދިވެހިންނަށް ބޭނުންވާ ވަރަށް ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ހެއްދުމަށްޓަކައި ޗައިނާއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރައްވައިފަ އެވެ.

އޭގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އެއް ގާއިމްކުރުމަށް، އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު އެމްއޯޔޫއެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ސޮއިކޮށްފަ އެވެ.

މާލޭގައި ރޭ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިން އިވެންޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދަނޑުވެރިކަމުގެ މައި ހަބެއްގެ ގޮތުގައި އުތުރު ތިލަފަޅު ހެދުމަށްޓަކައި ހިއްކަނީ 200 ހެކްޓަރު ކަމަށެވެ.

"އަދި އެއާ ގުޅިގެން އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓާ އެކީގައި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް އަދި ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތް ހިންގާ، ރައްޔިތުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ވެސް ބައެއް ރަށްރަށް ހިމަނައިގެން އުތުރާއި ދެކުނުގައި ހުރި މި ކަހަލަ ބިޔަ، ބޮޑު ބިން ހުރި ރަށްތަކުގައި ވެސް މި މަޝްރޫއުގެ ބައިބައި ހިނގާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ހެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ހެއްދުމުގެ މަޝްރޫއު ލާމަރުކަޒުކޮށް ހިންގުމާ އެކު، އެ މަޝްރޫއުގެ މައި ހަބަކަށް ވާނީ އުތުރު ތިލަފަޅު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި އަޅުގަނޑުމެން އުފައްދާނަން،" ވަރަށް ޔަގީންކަމާ އެކު ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާ އަށް ވާދަކުރައްވާ މުސްތަފާގެ ކެމްޕެއިން ބައްދަލުވުމުގައި ރައީސް މުއިއްޒުގެ ދެކަނބަލުން ރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާ އަށް ވާދަކުރައްވާ މުސްތަފާގެ ކެމްޕެއިން ބައްދަލުވުމުގައި ރައީސް މުއިއްޒުގެ ދެކަނބަލުން ރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައީސް ވިދާޅުވި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރަން މިހާރު ރާއްޖެ އިން ބޭރަށް މިލިއަނުން ހޭދަކުރާ އަދަދު ވެސް ނިމުމަކަށް އަންނާނެ އެވެ. އޭރުން ރާއްޖޭގެ އިގުތިސާދަށް އިތުރު ދިރުން އަންނާނެ ކަމަށާއި އަމާޒަކީ ރިސޯޓުތަކަށް ބޭނުންވާ އަދަދަށް ދަނޑުވެރިކަމުގެ އުފެއްދުންތައް އުފެއްދުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު، އެ ހިސާބަށް ދާނީ ދިވެހިންނަށް ބޭނުންވާ ވަރަށް ދަނޑުވެރިކަމުގެ އުފެއްދުންތައް އުފެއްދުމަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ.

އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި އަޅުގަނޑުމެން އުފައްދާނަން،"---ރައީސް

"އެހެންވީމާ އެ ޕްލޭންގެ ދަށުން އެ މަސައްކަތް ވެސް އެ ވަނީ ފެށިފައި. އެހެންވީމާ އަޅުގަނޑުމެންގެ ކެޕޭސިޓީ އަމިއްލަ އަށް ގާއިމް ކުރުމަކީ އަޅުގަނޑުމެންގެ ގައުމުގެ ރައްޔިތުންނަށްޓަކައި މުސްތަގުބަލަށްޓަކައި އެޅޭނެ އެންމެ ވަރުގަދަ ބިންގާ ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އޭރުން އެތައް ހާސް ވަޒީފާއެއް އުފެދިގެން އެބަދޭ. އެތައް ރައްޔިތުންނަކަށް އާމްދަނީ ލިބިގެން އެބަދޭ. ފުދުންތެރިކަން ގާއިމް ކުރެވިގެން އެބަދޭ،" ރައީސް ވިދާޅުވި އެވެ.

އުތުރު ތިލަފަޅަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ މައި ހަބު ކަމަށް މި ސަރުކާރުން ނިންމިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޮތީ އެ ރަށުގައި ކޯސްޓް ގާޑްގެ ޑޮކްޔާޑެއް ތަރައްގީ ކުރަން ފަށައިފަ އެވެ. އެކަމަކު، އެއީ އިންޑިއާގެ ކޮންޓްރޯލް އޮންނަ ތަނެއް ކަމަށް މި ސަރުކާރުގެ އިސްވެރިން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވަރަށް ބޮޑަށް ތުހުމަތު ކުރި އެވެ.