Roadha Mihaaru
ބާސެލޯނާ އަށް ރޮނާލްޑޯ ވިއްކާލަން ފާގަސަން ބޭނުންވި

ބާސެލޯނާ އަށް ރޮނާލްޑޯ ވިއްކާލަން ފާގަސަން ބޭނުންވި

20 އެޕްރީލް 2020

ލަންޑަން (އޭޕްރީލް 20) - ރެއާލް މެޑްރިޑަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލުމުގެ ކުރިން އޭނާ ބާސެލޯނާ އަށް ދޫކޮށްލަން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން މަޝްވަރާކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލަންޑަން (އޭޕްރީލް 20) - ރެއާލް މެޑްރިޑަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލުމުގެ ކުރިން އޭނާ ބާސެލޯނާ އަށް ދޫކޮށްލަން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން މަޝްވަރާކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ 2009 ވަނަ އަހަރު ރެެއާލަށް ބަދަލުވީ އޭރުގެ ރެކޯޑް އަގެއް ކަމަށްވާ 80 މިލިއަން ޕައުންޑަށެވެ. ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އެ ފަހަރު ރެއާލަށް ރޮނާލްޑޯ ވިއްކާލުމުގެ ކުރިން ފާގަސަން ވަނީ ބާސެލޯނާއާ ވެސް މަޝްވަރާކޮށްފަ އެވެ. އެކަމަކު އެ ވަގުތު ރެއާލުން ހުށަހެޅި ވަރުގެ އަގެއް ދޭން ބާސެލޯނާ އިން ބޭނުމެއްނުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މި ޑީލުގައި އެންމެ ބޮޑަށް ގޮތެއް ނިންމުމުގެ އިހުތިޔާރު ލިބުނީ ރޮނާލްޑޯ އަށް ކަމަށްވާއިރު، އޭނާ ވެސް ބޭނުންވީ ރެއާލަށް ދިއުމަށް ކަމަށްވެ އެވެ.

ފާގަސަންއާ އެކު ކުރިން މަސައްކަތްކުރި އެސިސްޓަންޓް ކޯޗު ކާލޮސް ކުއެރޯޒް، 2014 ވަނަ އަހަރު ޕޯޗުގަލްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވެސް ވަނީ ބާސެލޯނާ އަށް ރޮނާލްޑޯ ބަދަލުވުމުގެ ވާހަކަތައް ދެކެވުނު ކަމަށް ބުނެފަ އެވެ. އެކަމަކު ފާގަސަން ވެސް އެންމެ ބޮޑަށް ބޭނުންވީ ރޮނާލްޑޯ އެންމެ ދާން ބޭނުންވާ ޓީމަކަށް ދޫކޮށްލުމަށް ކަމަށާއި އެ ގޮތުން ރޮނާލްޑޯ އިހުތިޔާރުކުރި ޓީމަކީ ރެއާލް ކަމަށް ވުމުން އެ ކްލަބަށް އޭނާ ދޫކޮށްލީ ކަމަށް ބުންޏެވެ.

ރެއާލުގެ ކުރީގެ ރައީސް ރަމޮން ކަލްޑެރޯން ވެސް ވަނީ ޔުނައިޓެޑުން ރޮނާލްޑޯ ބާސެލޯނާ އަށް ދޭން މަސައްކަތްކުރި ކަމަށް ވިދާޅުވެފަ އެވެ. އަދި ރެއާލުން ރޮނާލްޑޯގެ ސޮއި ހޯދީ ގިނަ މަސައްކަތްތަކެއް ކޮށްގެން ކަން ވެސް ކަލްޑެރޯން ފާހަގަކުރެއްވި އެވެ.

"ދެ އަހަރު ދުވަހު އަހަންނާއި ރޮނާލްޑޯ މަޝްވަރާކުރިން. އެ ގޮތުން 2007 އާއި 2008 ވަނަ އަހަރު ދެކެވުނު ގިނަ ވާހަކަތަކަށް ފަހު 2009 ގައި އޭނާ ލިބުނީ. މި ޑީލަކީ ޔުނައިޓެޑަށް ވުރެން ބޮޑަށް ރޮނާލްޑޯ ބޭނުންވި ކަމެއް،" ކަލްޑެރޯން ވިދާޅުވި އެވެ.

ޔުނައިޓެޑްގެ ކުޅުންތެރިން ރެއާލަށް ދިނުމުގައި ފާގަސަންގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން ކުއެރޭޒް ވަނީ އެ އިންޓަވިއުގައި ފާހަގަކޮށްފަ އެވެ. ސަބަބަކީ ޔުނައިޓެޑުގައި ފާގަސަން ބޭނުންވި ގިނަ ކާމިޔާބީތަކެއް ހޯދަން ދިމާވި ގޮންޖެހުމަކީ މާ އަވަހަށް އޭނާގެ ކުޅުންތެރިން ރެއާލަށް ބަދަލުވުމެވެ. އެންމެ ފުރަތަމަ ހިތްހަަމަނުޖެހުނީ ޑޭވިޑް ބެކަމް ގެންދިއުމުންނެވެ. ރޮނާލްޑޯ ދޫކޮށްލަން ވެސް ޔުނައިޓެޑުން އެއްބަސްވީ ގިނަ ދުވަސްތަކެއް ވަންދެން އެކަމަށް ދެކޮޅު ހެދުމަށް ފަހު އެވެ.

ރެއާލުގައި ރޮނާލްޑޯ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައި އެ ކްލަބްގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭ ކުޅުންތެރިޔަކަށް ވެފަ އެވެ. ރެއާލް ދޫކޮށް ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އަލުން އެނބުރި ރެއާލަށް ދިއުމަކީ ވެސް އުއްމީދެއް ކަމަށް މީގެ ކުރިން ރޮނާލްޑޯ ބުނެފައިވެ އެވެ.