Roadha Mihaaru
ރެއާލް މޮޅުވިއިރު ރޮނާލްޑޯ ސަމާލުކަން ހޯދައިފި

ރެއާލް މޮޅުވިއިރު ރޮނާލްޑޯ ސަމާލުކަން ހޯދައިފި

22 ޖެނުއަރީ 2018

މެޑްރިޑް (ޖެނުއަރީ 22) - ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޑިޕޯޓިވޯ ލަކަރޫނިއާ އަތުން 7-1 ރެއާލް މެޑްރިޑް މޮޅުވިއިރު އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބޮޑު ސަމާލުކަމެއް ހޯދައިފި އެވެ.

މެޑްރިޑް (ޖެނުއަރީ 22) - ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޑިޕޯޓިވޯ ލަކަރޫނިއާ އަތުން 7-1 ރެއާލް މެޑްރިޑް މޮޅުވިއިރު އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބޮޑު ސަމާލުކަމެއް ހޯދައިފި އެވެ.

މިއީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހަށް ފަހު ރެއާލް ލީގު މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. ރޭ ބާސެލޯނާ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި 5-0 އިން ރެއާލް ބެޓިސް އަތުން މޮޅުވެފަ އެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 20 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމާ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މެޑްރިޑް އޮތީ 35 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

މި މެޗުގައި ރޮނާލްޑޯގެ މޫނުމަތި ފަޅައިގެން ގޮސް ލޭ އައުމުން ޓީމު ޑޮކްޓަރު ދަނޑަށް އަރައި ފަރުވާދޭން އުޅުނު ވަގުތު ރޮނާލްޑޯ ވަނީ ޑޮކްޓަރުގެ ފޯނު އަތުލައި އޭނާގެ މޫނަށް ލިބިފައިވާ ގެއްލުން ބަލައިފަ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޑިޕޯޓިވޯ އިންނެވެ. އެ ޓީމުގެ ލަނޑު ޖެހީ އެޑްރިއަން ލޮޕޭޒް އެވެ. ފަހަތުން އަރައި ރެއާލް މޮޅުވިއިރު އެ ޓީމުގެ ނަޗޯ، ބޭލް އަދި ރޮނާލްޑޯ ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ރޮނާލްޑޯ އަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށެވެ.

"ރޮނާލްޑޯގެ ލޯ ކައިރިން ދެ ތަނެއް ވަނީ ކަނޑައިގެން ގޮސްފައި. އެތަން ވަނީ ފަހާފައި. އަނިޔާ ސީރިއަސް އެއް ނޫން،" ޒިދާން ބުންޏެވެ.

ބެޓިސް ދަނޑުގައި ކުޅުނު މެޗުގައި ބާސެލޯނާގެ ފަސް ލަނޑު ވެސް ފެނުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ލިއޮނަލް މެސީ، ލުއިސް ސުއަރޭޒް އަދި އިވާން ރަކިޓިޗް އެވެ. މީގެ ތެރެއިން މެސީ އާއި ސުއަރޭޒް ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މި މެޗުގެ ލަނޑުތަކާ އެކު ސުއަރޭޒް ވަނީ ސްޕެނިޝް ލީގުގައި ކުޅުނު 114 މެޗުން 100 ލަނޑު ހަމަކޮށްފަ އެވެ. އަދި ރޭގެ ލަނޑުތަކާ އެކު މެސީ މި ފަހަރު ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ 20 މެޗުން 19 ގޯލު ޖަހައިގެންނެވެ.