Roadha Mihaaru
އަންހެނުން ބާޒާރުކުރަން ގިނައިރުވެޔޭ ބުނުމުން ފާޑުކިޔަނީ

އަންހެނުން ބާޒާރުކުރަން ގިނައިރުވާ ކަމަށް ވިދާޅުވުމުން ޖަޕާނުގެ މޭޔަރަކަށް ފާޑުކިޔަނީ

26 އެޕްރީލް 2020

ކޮރޯނާވައިރަހާ ހެދި ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ބާޒާރުކުރަން ނުކުންނަންވީ ފިރެހުން ކަމަށާއި އަންހެނުން ބާޒާރަށްދާ ނަމަ ގިނަ ވަގުތު ނަގައި، ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ޖަޕާނުގެ މޭޔަރަކު ވިދާޅުވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ހެދި ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ބާޒާރުކުރަން ނުކުންނަންވީ ފިރެހުން ކަމަށާއި އަންހެނުން ބާޒާރަށްދާ ނަމަ ގިނަ ވަގުތު ނަގައި، ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ޖަޕާނުގެ މޭޔަރަކު ވިދާޅުވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ބްރީފިންއެއްގައި، ޖަޕާނުގައި ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ އޮސާކާގެ މޭޔަރު އިޝީރޯ މަޓްސޫއީ ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އަންހެނުން ބާޒާރާކުރަން ނުކުތުން އެއްގޮތަކަށް ވެސް ރައްކާތެރި ނޫން ކަމަށެވެ

"އެ މީހުން ބާޒާރުކުރަންދާ ނަމަ ސުޕަމާކެޓްތަކުގައި ހޭދަކުރާ ވަގުތު ގިނަވެ، އަތްލެވޭ އެއްޗެހި އިތުރުވެ، ގިނަ ބަޔަކާ ކޮންޓެކްޓްވުމުގެ ފުރުސަތު ވެސް ބޮޑު. އެހެންވީމަ ދުވަހުން ދުވަހުން ބޭނުންވާ ތަކެތި މި ދަނޑިވަޅުގައި ގަންނަން ނުކުންނަންވީ ފިރިހެނުން،" މޭޔަރު ވިދާޅުވި އެވެ. "އެކަމުގެ ސަބަބުން ބާޒާރުކުރަން ނަގާ ވަގުތު ވަރަށް ބޮޑަށް ދަށްވާނެ."

ބައެއް މީހުން ވަނީ އެއީ ދެ ޖިންސްގެ މެދުގައި ތަފާތުކުރުމުގެ ވާހަކައެއް ކަމަށް ބުނެ މޭޔަރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި ޖަޕާނުގެ ނޫސްވެރިއެއް ކަމަށްވާ ޝޯގޯ އެގާވާ މޭޔަރަށް ރައްދުކޮށް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "ޑެއިލީ ލައިފް" އަކީ ކޯޗެއްކަން ނޭނގޭ މީހުން ހަނު ތިބުން މާ ރަނގަޅުވާނެ ކަމަށެވެ.

އޭނާ ފާހަގަކުރި ގޮތުގައި މިހާރު ވެސް ޖަޕާނަކީ ދެ ޖިންސްގެ މެދުގައި އޮތް ފަރަގު ވަރަށް ބޮޑު ގައުމެކެވެ. އަދި ޖަޕާނަކީ ފިރިހެނުން ހުރިހާ ކަމެއްގައި ނަގާކިޔާ ގައުމެއް ކަމަށާއި މޭޔަރުގެ ވާހަކަތަކަކީ އެފަދަ ކަންކަމަށް ދެވޭ ހިތްވަރެއް ކަމަށް ބުންޏެވެ.

ޖަޕާނުގައި ބަޔަކު ބާޒާރުކުރަނީ.

ޖަޕާނުގައި ބަޔަކު ބާޒާރުކުރަނީ.

ވޯލްޑް އިކޮނޮމިކް ފޯރަމް އިންޑެކްސްގެ ޖެންޑަ އިކްއަލިޓީގައި 149 ގައުމެއް ހިމެނޭ އިރު، ޖަޕާނު އޮތީ 110 ވަނައިގަ އެވެ. އޭޝިއާގެ އެންމެ ކުރިއަރާފައިވާ ގައުމުގެ ތެރޭގައި ހިމެނޭ ޖަޕާނުގެ އާބާދީގެ 51 ޕަސަންޓަކީ އަންހެނުންނެވެ.

ޖަޕާނުން ކޮރޯނާވައިރަހާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ އިރު، މިހާތަނަށް އެ ގައުމުން 13،230 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވެފައިވެ އެވެ. އަދި އެ ބަލީގައި 360 މީހުން މަރުވެފައިވާ އިރު ރަނގަޅުވި މީހުންގެ އަދަދު 2،530 އަށް ވުރެ ގިނަ އެވެ.