Roadha Mihaaru
މަހިބަދޫ ހާދިސާގެ މައުލޫމާތު ނުދޭތީ ކަންބޮޑުވެއްޖެ

މަހިބަދޫގައި ލޯންޗުތަކުގައި ރޯކޮށްލި މައްސަލައިގެ މައުލޫމާތު ނުދޭތީ ކަންބޮޑުވެއްޖެ

27 އެޕްރީލް 2020

އދ. މަހިބަދޫ ފަޅުގައި އަޅާފައި އޮތް ފަސް ލޯންޗާއި ދެ ޑިންގީގައި ރޯކޮށްލުމުގެ ޒިންމާ ޓެރަރިސްޓް އައިއެސް ޖަމާއަތުން އުފުލި ނަމަވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުގެ ކަމާ ގުޚޭ އިދާރާތަކުން ހިއްސާ ނުކުރާތީ މަހިބަދޫ ކައުންސިލުން ކަންބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އދ. މަހިބަދޫ ފަޅުގައި އަޅާފައި އޮތް ފަސް ލޯންޗާއި ދެ ޑިންގީގައި ރޯކޮށްލުމުގެ ޒިންމާ ޓެރަރިސްޓް އައިއެސް ޖަމާއަތުން އުފުލި ނަމަވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުގެ ކަމާ ގުޚޭ އިދާރާތަކުން ހިއްސާ ނުކުރާތީ މަހިބަދޫ ކައުންސިލުން ކަންބޮޑުވެއްޖެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފަތިހު އެ ހަތް އުޅަނދުގައި ބަޔަކު ރޯކޮށްލާފައި ވަނީ ގަސްދުގައި ކަމަށެވެ. އެއީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އަމިއްލަ މީހެއްގެ އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗް 2 ލޯންޗާއި ދެ ޑިންގީ އެވެ.

އެއީ ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަަށް ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވި ނަމަވެސް އެ ޖަރީމާ އަށް 12 ދުވަސް ވީއިރު ވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

މަހިބަދޫ ކައުންސިލްގެ ރައީސް އަހުމަދު ހަލީލް މިއަދު ވިދާޅުވީ، ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ފުލުހުން ތުހުމަތު ކުރާއިރު އެކަމާ ގުޅުން ހުރި ކޮންމެ ވެސް މައުލޫމާތެއް ކައުންސިލާ ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ، މަހިބަދޫގެ ރައްޔިތުން ތިބީ ވާނުވާއެއް ނޭނގި، ހާސްކަމެއްގެ ތެރޭގައި ކަމަަށް އޭނާ ވިދާޅުވި އެވެ.

"ކުށުގެ ރެކޯޑު ނެތް، އަމާން ރަށެއްގައި އެ ކަހަލަ ކަމެއް ހިނގީމާ ރައްޔިތުން ތިބީ ވަރަށް އަވަހަށް އެ ކަމުގެ މައުލޫމާތު ބޭނުން ވެފައި. ފަހު ވަގުތާ ހަމައަށް ވެސް އަޅުގަނޑު ގަބޫލު ކުރާނީ މި ރަށުގެ މީހަކު އެ ކަހަލަ ކަމެއް ނުކުރާނެ ކަމަށް،" ހަލީލް ވިދާޅުވި އެވެ.

އެ ހާދިސާ ތަހުގީގުކުރަން ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް އެ ރަށުގައި އަންނަނީ އަދި ވެސް ހަރަކާތްތެރިވަމުންނެވެ. ބޭނުން ނުކުރެވޭ ވަރަށް އެނދި ލޯންޗުތައް ފަޅުތެރެއިން މިހާރު ވަނީ ނަގައިފަ އެވެ.

ހަލީލް ވިދާޅުވީ އދ. އަތޮޅު ޕޮލިސް ކޮމާންޑަރާއި އެ މައްސަލަ ތަހުގީގުކުރާ ޓީމުގެ އިސް އޮފިސަރާ ވެސް ދެ ފަހަރެއްގެ މަތިން ބައްދަލު ކުރައްވައި، އެ ހާދިސާގެ ކުޑަ މައުލޫމާތެއް ނަމަވެސް ސާފުކޮށްދޭން އެދިވަޑައިގެންފައިވާނެ ކަމަށެވެ. އެކަމަކުމ އިތުރަށް ބަލަންޖެހޭ ކަންކަން ހުރި ކަމަށް ވިދާޅުވެ އެއްވެސް މައުލޫމާތެއް ހިއްސާނުކުރާ ކަމަށް ހަލީލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގުކުރަމުން އަންނާތީ އެ މައްސަލައާ ގުޅޭ މައުލޫމާތު މިވަގުތު އަދި ހާމަކުރެވެން ނެތް ކަމަށެވެ.