Roadha Mihaaru
ސައިކަލުތަކުގައި ރޯކޮށްލި މީހާ ބަންދަށް

ގްރީން ޒޯނުގައި ހުރި ސައިކަލުތަކުގައި ރޯކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

07 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތި ނުވަތަ ގްރީން ޒޯނުގެ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކުގައި ރޯކޮށްލި މައްސަލާގައި ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތި ނުވަތަ ގްރީން ޒޯނުގެ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކުގައި ރޯކޮށްލި މައްސަލާގައި ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެއް ކަމަށްވާ ހ. ފޯސީޒަން، ފައިރޫޒް އިބްރާހިމް، 36 އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ އެއީ ޕްރޮސެކިއުޓާ ޖެނެރަލް އަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް، ދައުވާ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެހެންވެ، ޝަރީއަތް ނިމެންދެން ފައިރޫޒް ބަންދުގައި ބަހައްޓައި ދިނުމަށް ދައުލަތުން ކޯޓުގައި އެދުނު ކަމަށް ވެސް އެ އަމުރުގައި ބުންޏެވެ.

އެ ސައިކަލްތަކުގައި ރޯކޮށްލީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުގެ ފަތިހު އެވެ. އެ ހާދިސާގައި ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބުނެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.

"މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި ހުރި ތިން ސައިކަލެއްގައި ރޯކޮށްލި މައްސަލައެކެވެ. މައްސަލާގައި ކުށުގެ އަމަލު ހިންގާފައިވާ ގޮތުން، މި ކަމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ގަބޫލު ކުރެވެ އެވެ. މީނާ ކުރި ކަމަށް ތުހުމަތުކުރާ ކުށުގެ އަމަލު ހިންގާފައިވާ ގޮތުން އެތައް ބައެއްގެ މުދަލަށް އަދި ފުރާނަ އަށް ގެއްލުންވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ގަބޫލުކުރެވެ އެވެ،" ކޯޓުގެ އަމުރުގައިވެ އެވެ.

އަމަރުގައި ބުނި ގޮތުގައި، މި މައްސަލާގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓް އާއި ޕްރޮސިކިއުޝަން އިން ހުށަހަޅާފައިވާ އެހެނިހެން ލިޔުންތަކަށް ބަލާއިރު، ތުހުމަތު ކުރެވޭ އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރެވެ އެވެ.

ފައިރޫޒަކީ ސާޖަރީއެއް ހަދާފައިވާ މީހެއް ކަމަށާއި އެ ސަބަބަށްޓަކައި އޭނާގެ ބަންދަށް ލުޔެއް ދިނުމަށް ކޯޓުގައި އެދުނު ކަމަށް ވެސް އަމުރުގައިވެ އެވެ.

އެހެންވެ، އޭނާ ބަންދުގައި ހުންނައިރު އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި ފަރުވާ ނުދެވޭ ނަމަ ބަންދު މުރާޖައާ ކުރުމަށް ހުށަހަޅަން ކޯޓުން ވަނީ ދައުލަތަށް އަންގައިފަ އެވެ.