Roadha Mihaaru
ޑިމޮކްރަސީ ހަރުދަނާކުރަން މަސައްކަތްކުރާނަން: ޔޫކޭ

ޑިމޮކްރަސީ ހަރުދަނާކުރަން އަދިވެސް ރާއްޖެއާއެކު މަސައްކަތްކުރާނަން: އިނގިރޭސިވިލާތް

14 އޮކްޓޯބަރ 2016

ކޮމަންވެލްތުން ރާއްޖެ ވަކިވި ނަމަވެސް، ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރަން ޖެހޭ ކަންތައްތަކުގައި ބައިވެރިވާނެ ކަމަށް އިނގިރޭސިވިލާތުން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކޮމަންވެލްތުން ރާއްޖެ ވަކިވި ނަމަވެސް، ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރަން ޖެހޭ ކަންތައްތަކުގައި ބައިވެރިވާނެ ކަމަށް އިނގިރޭސިވިލާތުން މިއަދު ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ބޮރިސް ޖޯންސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖެ ކޮމަންވެލްތުން ވަކިވުމުން ހިތާމަކުރައްވާ ކަމަށެވެ. އެކަމަކު ވެސް ރާއްޖެއަށް ދިމާވެފައިވާ މަައްސަލަތައް ހައްލުކުރެއްވުމަށް އެހީތެރިވާނެ ކަމަށް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން މެދުނުކެނޑި ސަރުކާރާއެކު މަސައްކަތްކުރާނަން ރާއްޖޭގައި ޑިމޮކްރަސީ ކުރިއެރުވުމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށް. ރާއްޖޭގެ ކުރިމަގު ބިނާވެފައި އޮންނަން ޖެހޭނީ ގައުމުގެ ހަމަޖެހުމުގެ މައްޗަށް،" ބޮރިސްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ކޮމަންވެލްތުން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ މެމްބަރު ގައުމުތަކުގެ ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް ކަމަށެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ހޯދި ގައުމުތައް ހިމެނޭ ގޮތަށް އުފައްދާފައިވާ ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވާން އިއްޔެ ނިންމީ، އެ ޖަމާއަތުން ރާއްޖެއާ މެދު ކަންތައްތައް ކުރަމުން ގެންދަނީ ބޭއިންސާފުން ކަމަށް ބުނެ އެވެ.

ކޮމަންވެލްތުން ވަކިވުމުން އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކޮމަންވެލްތުން އަބަދުވެސް މަސައްކަތް ކުރަނީ ޑިމޮކްރެސީ ކުރިއަރުވަން ކަމަށާއި އެހެންވެ ރާއްޖޭން އެ ޖަމާއަތާ އަލުން ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކޮމަންވެލްތުން ވަކިވާން ކެބިނެޓުން އިއްޔެ ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދިނުމާ އެކު، ރައީސް ވަނީ އެ ގޮތަށް އެކަން ނިންމަވާފަ އެވެ. އެ ގޮތަށް ނިންމެވީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް، ބޭ އިންސާފުން ފިޔަވަޅު އަޅަމުން ދާ ކަމަށް ބުނެ އެވެ. އަދި ޑިމޮކްރަސީ ހަރުދަނާ ކުރަން ރާއްޖޭން ކުރާ މަސައްކަތް ކޮމަންވެލްތުން ބަލައި ނުގަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.