Roadha Mihaaru
ކޮމަންވެލްތުން ވަކިވުމުން ރާއްޖެ ހިތާމަކުރާނެ ސަބަބުތައް

ކޮމަންވެލްތުން ވަކިވުމާ އެކު ދިވެހިރާއްޖެ ހިތާމަކުރާނެ ސަބަބުތައް

07 ޑިސެމްބަރ 2016

މިނިވަންކަމާއި އިންސާފުވެރިކަން، ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރަމުންދާ ކޮމަންވެލްތުގެ ޖަމާއަތުން ދިވެހިރާއްޖެ ވަކިވުމަށް އެ ގައުމުގެ ސަރުކާރުން ވޭތުވެދިޔަ އޮކްޓޫބަރު މަހު ނިންމި ނިންމުމުގެ ޚަބަރު އަޅުގަނޑު އެހީ ހިތާމަޔާ އެކުގަ އެވެ.

މިނިވަންކަމާއި އިންސާފުވެރިކަން، ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރަމުންދާ ކޮމަންވެލްތުގެ ޖަމާއަތުން ދިވެހިރާއްޖެ ވަކިވުމަށް އެ ގައުމުގެ ސަރުކާރުން ވޭތުވެދިޔަ އޮކްޓޫބަރު މަހު ނިންމި ނިންމުމުގެ ޚަބަރު އަޅުގަނޑު އެހީ ހިތާމަޔާ އެކުގަ އެވެ.

އެ ނިންމުމަކީ "އުނދަގޫ އެހެން ނަމަވެސް ނުވެނުދާނެ" ކަމެއްގެ ގޮތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ސިފަކޮށްފައިވާ އިރު، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ދިވެހިރާއްޖެއާ މެދު އަމަލުކުރަމުން ދަނީ ނަހަމަ އިން، ނާއިންސާފުން ކަމަށާއި އިސްލާހުކޮށްފައި ހުރި ކަންކަން ބަލައި ނުގަންނަ ކަމަށް ވެސް އެ ފަރާތުން ވަނީ ހާމަކޮށްފަ އެވެ.

އިނގިރޭސިވިލާތަކީ މިވަގުތު ސީމެގްގެ މެންބަރެއް ނޫނެވެ. ނަމަވެސް، ދެކުނު އޭޝިޔާގެ ސަރަހައްދުން އިންޑިޔާ އާއި ޕާކިސްތާނަކީ އެ ގްރޫޕްގެ މެންބަރު ގައުމުތަކެވެ. ދިވެހިރާއްޖޭގައި މައުނަވީ ގޮތެއްގައި ސިޔާސީ މަޝްވަރާތައް ފެށިފައި ނުވާ ކަމާއި ފާއިތުވި އަހަރު އިސްލާހުކުރަން ލަފާ ދީފައިވާ ކަންކަން އަދިވެސް ދެމި އޮތް ހާލަތުގެ މައްޗަށް، އެ ގްރޫޕްގެ ނުވަ މެންބަރު ގައުމުން ވަނީ މި އަހަރުގެ ސެޕްޓެންބަރު މަހު އެ ގްރޫޕުން ޖަލްސާވި އިރު ނުރުހުން ފާޅުކޮށްފަ އެވެ. މި ދެންނެވި އިސްލާހީ ލަފާގެ ތެރޭގައި ގިނަ ހިޔާލާއި ފިކުރިއްޔާތައް ތަންދޭ ސިޔާސީ މާހައުލެއް ގާއިމްކުރުމާއި ސިޔާސީ ހައްޔަރީން މިނިވަންކުރުމާއި އަދުލް އިންސާފުގެ ނިޒާމުގެ މުސްތަގިއްލުކަން ޔަގީންކުރަން ދައުލަތުގެ ތިން ބާރު ވަކިވެ އޮތުމުގެ މުހިންމުކަމާއި، އަދި މިނިވަންކަމާ އެކު ހަރަކާތްތެރިވުމުގެ ޖާގަ މަދަނީ ޖަމިއްޔާ/ޖަމާއަތްތަކަށް ލިއްބައިދިނުމަށް އަޅަން ހުރި ފިޔަވަޅުތައް ހިމެނެ އެވެ. މި ދެންނެވި ގުޅުންތަކާއި ހައްގުތަކާ އަދި މިނިވަންކަމުގެ ވާހަކަ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ވެސް ސަރީހަ ގޮތެއްގައި ބަޔާންކޮށްފައިވެ އެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ސީމެގްގެ އެ އިރުޝާދުތައް ބަލައިގަންނަން ވާނީ އަދި ހުށަހަޅާފައި ވެސް އެ ވަނީ ދުވަސްވީ ރަހުމަތްތެރިއަކު ދޭ ނަސޭހަތެއްގެ ބާވަތަށެވެ. ދުވަސްވީ ރަހުމަތްތެރިއެއް ކަމަށް ދަންނަވާން ޖެހެނީ، ކަންކަން ރަނގަޅަށް ދާއިރު ތައުރީފު ކުރާ ފަދައިން، ނަހަމައިން ދާ ނަމަ ހިތް ހަލާސްކަމާ އެކު ފާޑުކިޔޭ އެކުވެރިންގެ މާނައިގަ އެވެ.

ސީމެގް ގާއިމުކޮށްފައި ވަނީ ކޮމަންވެލްތުގެ މައިގަނޑު ސިޔާސީ އަގުތައް ބަޔާންކުރާ 'ހަރާރޭ ޑިކްލަރޭޝަން'ގެ ތެރެއިން މީގެ 20 އަހަރު ކުރިންނެވެ: "ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހެއްގެ މިނިވަންކަމާއި ޖިންސާއި ނަސްލާއި ކުލަޔާއި ދީނީ އަދި ސިޔާސީ ވިސްނުމަށް ބެލުމެއް ނެތި ކޮންމެ ރައްޔިތަކަށް ހަމަހަމަ ހައްގުތައް ލިބިދޭންވާނެ ކަމާއި އެ މީހަކު ދިރިއުޅޭ މުޖުތަމައެއް ބައްޓަން ކުރުމުގައި ޑިމޮކްރެޓިކް ސިޔާސީ ކަންކަމުގައި މިނިވަންކަމާ އެކު ބައިވެރިވެ، މަޝްއޫލުވުމަކީ ހަމަ ކޮންމެ ރައްޔިތެއްގެ މެ، ހައްގެއް ކަމުގައި އަހަރެމެން ގަބޫލުކުރަމެވެ،" އޭގައި ވެ އެވެ.

ކޮމަންވެލްތަކީ ހަ ބައްރުގައިވާ ފަންސާހަށް ވުރެ ގިނަ ގައުމުގެ މައްޗަށް އެކުލެވޭ 2.2 ބިލިޔަން މީހުން ހިމެނޭ ޖަމާއަތެކެވެ. މި ޖަމާއަތުގެ އަގުތަކާއި ހަމަތައް ކަމުގައި ހިމެނޭ ޑިމޮކްރަސީ އާއި ހެޔޮ ވެރިކަމާއި އިންސާނީ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ބާރުތައް ވަކިވުމާއި ތިމާވެށި ރައްކާތެރި ކުރުން ފަދަ ކަންކަމަކީ މެންބަރު ގައުމުތައް ކުރިއެރުމަށް އޮތް ބާރެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި މި ދެންނެވި ހަމަތަކާއި އަގުތަކަކީ ދުނިޔޭގެ އެންމެހާ ކަންކޮޅުގައި އޮންނަ ފަދައިން، ދިވެހިރާއްޖޭގައި ވެސް ގާއިމުވެ، ދެމިއޮތުމަށް މުހިންމު ހަމަތަކާއި އަގުތައް ކަމަށް ހުރިހާ ފަރާތަކުން ވެސް ދެކޭނެތެވެ.

ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ވުމަކީ އެކަމުގެ ފައިދާ އެކި މަގުތަކުންނާއި ހަމަތަކުން ލިއްބައިދޭ ކަމެކެވެ. އެ ފައިދާތަކުގެ ބޭނުން ދިވެހިރާއްޖެ އިން ވަނީ ފުރިހަމަ އަށް ހިފާފައި ވެސް މެ އެވެ.

މީގެ އިތުރުން، ކޮމަންވެލްތުގައި ދިވެހިރާއްޖެ ފަދަ (ދާދި މިދާކަށް ދުވަހާ ޖެހެންދެން) އެތައް ޖަޒީރާ ގައުމެއް އެކުލެވެ އެވެ. އެ ގޮތުން، ތަރައްގީގެ މުހިންމު މައްސަލަތަކާއި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް، މޫސުމަށް އަންނަ ބަދަލުތައް ހިމެނޭ ގޮތުން، މި ޖަމާއަތުގެ ވާސިތާ އިން ފާޅުކޮށް، ފާހަގަކުރެވެ އެވެ. އެތައް ދިވެހި ދަރިންނެއް ވަނީ ކޮމަންވެލްތުގެ ސްކޮލަޝިޕް އަދި ފެލޯޝިޕް ޕްލޭންގައި ބައިވެރިވެ، މަތީ ތައުލީމު ހާސިލުކޮށްފަ އެވެ. އަދި ދިވެހިރާއްޖެ އިން ވަނީ ކޮމަންވެލްތުގެ 'ފަންޑް ފޯ ޓެކްނިކަލް ކޯޕަރޭޝަން'ގެ އެހީ ހޯދާފަ އެވެ. އިންޑިއާ ކަނޑުގައި 2004 ގައި އުފެދުނު ސުނާމީއަށް ފަހު ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް އެރި ލޮޅުމާ ގުޅިގެން ވެސް ކޮމަންވެލްތުން ދިވެހިރާއްޖެ އަށް އެހީ ފޯރުކޮށްދިނެވެ. އަދި 2008 ގައި އޮތް ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ފުރަތަމަ އިންތިޚާބުގެ ކުރިން، ދިވެހިރާއްޖޭގެ އިންތިޚާބީ އޮނިގަނޑު ވަރުގަދަކުރަން ކޮމަންވެލްތުން އެހީ ފޯރުކޮށްދިނެވެ. އަދި ކޮމަންވެލްތު އޮބްޒާވަ މިޝަން ވަނީ ދިވެހި ރައްޔިތުން އެދޭ މަގުން، އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަމުގެ މައްޗަށް ދިވެހިންގެ މެދުގައި ޔަގީންކަން ބޮޑުކޮށްދޭން އެހީތެރިވެ ދީފަ އެވެ.

ކޮމަންވެލްތަކީ އެތައް ފަރާތެއްގެ ބައިވެރިވުމާ އެކު، ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނާއި އިލްމުވެރިންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ސައިންޓިސްޓުންނާއި ފަނޑިޔާރުން ވެސް ހިމެނޭ ގޮތުން އެތައް ގިނަ ބާވަތެއްގެ ބަޔަކު ހިމެނި، އެކުލެވިގެންވާ ޖަމާއަތެކެވެ. ޒުވާނުންނާ ގުޅޭ ކަންކަމާއި އަންހެނުންގެ ހައްގުތަކާއި ސިއްހަތާއި ތައުލީމުގެ ދާއިރާ ހާއްސަކޮށް ފާހަގަވާ ގޮތުން، ދިވެހިރާއްޖެ އިން ވަނީ ކޮމަންވެލްތުގައި އަގުހުރި އަދި ހީވާގި ހަރަކާތްތެރިވުމެއް ވޭތުވެ ދިޔަ ގިނަ އަހަރުތަކުގައި ދައްކާފަ އެވެ. މި ގޮތުން، 2014 ވަނަ އަހަރު ގްލާސްގޯގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ދިވެހިރާއްޖޭގެ އެންމެ ކުޅަދާނަ 25 އެތުލީޓުންގެ ހުނަރުވެރިކަން އަޅުގަނޑުމެން ދުށީ އުފަލާ އެކުގައިކަން ފާހަގަކުރަމެވެ. މިހާރު ކޮމަންވެލްތުން ވަކިވުމާ އެކު، 2018 ގެ ގޯލްޑް ކޯސްޓް ގޭމްސްގައި ބައިވެރި ނުވެވޭނެ ކަމުގެ މައްޗަށް ހުނަރުވެރި ދިވެހި އެތުލީޓުން ކުރާ ހިތާމައިގައި އަޅުގަނޑު ބައިވެރިވަމެވެ.

އަބަދުވެސް ރަނގަޅުކުރާންވީ އެތައް ކަމެއް ކޮމަންވެލްތުގައި، އެހެން ވެސް ކަންކަމެކޭ އެއްފަދައިން އޮތް ނަމަވެސް، ކޮމަންވެލްތަކީ މައުނަވީ ދައުރެއް އަދުގެ ދުނިޔޭގައި އޮތް ވަރުގަދަ ޖަމާއަތެއް ކަމަށް އަޅުގަނޑުމެންގެ ސަރުކާރުން ދެކޭ ދެކުމަށް އަޅުގަނޑު ތާއީދުކުރަމެވެ. މެންބަރު ގައުމުތަކުގެ ރައްޔިތުންގެ ހާލަތު ރަނގަޅުކުރަން ކޮމަންވެލްތުން ވެފައި އެވާ އިގުރާރު އަޅުގަނޑުމެން ހެޔޮ ހިތުން ގަބޫލުކުރަމެވެ.

ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިންސާނީ ހައްގުތައް ކުރިއެރުވުން ފަދަ ދެ ބަސްވެވެން ނެތް ހަމަތަކާއި އަގުތަކާއި މަސްލަހަތުތަކުގެ އަމާޒުގައި ދިވެހިރާއްޖެއާ އެކު އިނގިރޭސި ސަރުކާރުން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނެތެވެ. ދުވަސްވީ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އެދެނީ، ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވި ވަކިވުމަކީ ވަގުތީ ކަމަކަށް ވުމެވެ. އަދި ދުރު ނޫން މުސްތަގުބަލެއްގައި އަލުން މި ޖަމާއަތާ ދިވެހިރާއްޖެ ގުޅުމެވެ. އެންމެ ފަހު ބަހެއްގެ ގޮތުން އެކުވެރި ގައުމުތަކުން ދިވެހިރާއްޖެ ކޮމަންވެލްތުގައި ނެތް ކަމުގެ ފަޅުކަން އިހުސާސް ކުރާކަން މޮޅިވެރިކަމާ އެކު ފާހަގަކުރަމެވެ. ދިވެހިރާއްޖެ އަށް ލިބޭ ކޮންމެ ގެއްލުމަކާއި ދެރަ އަކީ ހަމަ އަޅުގަނޑުމެންނަށް ވެސް ލިބޭ ގެއްލުމެކެވެ. ދެރައެކެވެ.

އެޑިޓަރުގެ ނޯޓް: ޖޭމްސް ޑޯރިސް އަކީ އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.