Roadha Mihaaru
"ފުޓްބޯޅަ އަވަހަށް ފަށަންވީ ސަޕޯޓަރުންނަށްޓަކައި"

ފުޓްބޯޅަ އަވަހަށް ފަށަންވީ ސަޕޯޓަރުންނަށްޓަކައި: މޮރީނިއޯ

01 މެއި 2020

ލަންޑަން (މެއި 1) - ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލާފައިވާ ފުޓްބޯޅަ ސީޒަން އަވަހަށް ފަށަން ޖެހޭ އެއް ސަބަބަކީ ފުޓްބޯޅަ ސަޕޯޓަރު ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 1) - ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލާފައިވާ ފުޓްބޯޅަ ސީޒަން އަވަހަށް ފަށަން ޖެހޭ އެއް ސަބަބަކީ ފުޓްބޯޅަ ސަޕޯޓަރު ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މާޗް ނުވަ ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު، އަލުން ލީގު ފެށުމަށް ޕްރިމިއާ ލީގާއި އިނގިރޭސި ސަރުކާރުން ވެސް އަންނަނީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ފަހަކަށް އައިސް އެ ގައުމުގައި އަންނަނީ މަދުވަމުންނެވެ.

އަންނަ މަހު އަށް ވަނަ ދުވަހު އަލުން ލީގު ފެށުމަށް އިންގްލެންޑް އެފްއޭ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މޮރީނިއޯ ވަނީ އެ މަސައްކަތުގައި އުޅޭ މީހުންނަށް ހިތްވަރުދީފަ އެވެ.

"ފުޓްބޯޅަ މަތިން އަހަރެން ވަރަށް ހަނދާންވޭ. އެއީ އަހަރެމެންގެ ދުނިޔެ. ކޮންމެ ގޮތެއް ވިޔަސް މި ވަގުތު އަހަރެމެން ހަނގުރާމަ ކުރަމުން މިދަނީ އަހަރެމެން ކުރަން ޖެހޭ ކަމެއް. މި ބަލި މަޑުކަމުން އަރައިގަނެވެގެން އަހަރެމެންނަށް މާދަމައެއް އޮތީ،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.

ޕްރިމިއާ ލީގުގެ މެޗުތައް އަލުން ފަށައިގެން ކުރިއަށްގެންދާނީ ސަޕޯޓަރުން ނުވައްދަ އެވެ. މޮރީނިއޯ ބުނީ ދަނޑަށް ވަދެ މެޗު ބަލަން ތިބޭ ސަޕޯޓަރުން ނެތްކަމުގައި ވިޔަސް އެއީ ސަޕޯޓަރެެއް ނެތުން ކަމުގައި އޭނާ ނުދެކޭނެ ކަމަށެވެ.

"އަހަރެމެން ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗު ކުޅުނަސް އަހަރެންގެ ނަޒަރުގައި މި ކުޅެވެނީ ސަޕޯޓަރުން ނުލައެއް ނޫން. މިއީ އެތަށް މިލިއަން މީހުންނެއް ބަލާނެ މެޗުތަކެއް. ޓީވީ ކައިރީގައި ތިބެގެން ދިރިއުޅުމުގެ ބައެއް ގޮތަށް ދެކޭ މީހުން ފުޓްބޯޅަ އަށް އިންތިޒާރުކުރާނެ. އަހަރެންގެ ނަޒަރުގައި ފުޓްބޯޅަ އަވަހަށް އެނބުރި އަންނަން ޖެހެނީ ސަޕޯޓަރުންނަށްޓަކައި،" ކުރިން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

މިދިޔަ ޖެނުއަރީ މަހު މޮރީނިއޯ އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މުހިއްމު ކުޅުންތެރިން އަނިޔާގައި ތިބުމުގެ މައްސަލަ އެވެ. އެކަމަކު މިހާރު އެ ކަންތައްތަކަށް ހައްލުލިބިފައިވާއިރު، މޮރީނިއޯ އިންތިޒާރުކުރަމުން އަންނަނީ ޓީމު އެއްކޮށް ޕްރެކްޓިހެއް ކޮށްލަން ލިބޭނެ ދުވަހަކަށެވެ.

ކޮވިޑް-19 ގައި އެހީތެރިކަމަށް ބޭނުންވާ އެކި ފަރާތްތަކަށް އެހީވުމުގެ ގޮތުން ޓޮޓެންހަމް ހޮޓްސްޕާސްގެ ސްޓޭޑިއަމްގައި ވަނީ ހާއްސަ ސެންޓަރެއް ގާއިމްކޮށްފަ އެވެ. އެ ސެންޓަރު މެދުވެރިކޮށް ހޮސްޕިޓަލަށް ދާން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ އިތުރުން އެކި ފަރާތްތަކަށް ކާބޯތަކެތި ވެސް ފޯރުކޮށްދެ އެވެ. ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތުގައި މޮރީނިއޯ ވެސް ބައިވެރިވެ އެވެ.