Roadha Mihaaru
މެޗު ނުކުޅެވޭނަމަ ކުރިން އަންގަންޖެހޭނެ: މޮރީނިއޯ

މެޗު ނުކުޅެވޭނަމަ ކުރިން އަންގަންޖެހޭނެ: މޮރީނިއޯ

02 ޖެނުއަރީ 2021

ލަންޑަން (ޖެނުއަރީ 2) - ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ގިނަވި ނަމަވެސް ޝެޑިއުލްކޮށްފައިވާ މެޗު ކުޅެވޭނެތޯ ނުވަތަ ނޫންތޯ ވަގުތު އޮއްވައި އެނގެންޖެހޭނެ ކަމަށް ބުނެ އިނގިރޭސި ޕްރިމިއާ ލީގުގެ ބޯޑަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ފާޑުކިޔައިފި އެވެ.

ލަންޑަން (ޖެނުއަރީ 2) - ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ގިނަވި ނަމަވެސް ޝެޑިއުލްކޮށްފައިވާ މެޗު ކުޅެވޭނެތޯ ނުވަތަ ނޫންތޯ ވަގުތު އޮއްވައި އެނގެންޖެހޭނެ ކަމަށް ބުނެ އިނގިރޭސި ޕްރިމިއާ ލީގުގެ ބޯޑަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ފާޑުކިޔައިފި އެވެ.

މިދިޔަ ތިން ދުވަސް ތެރޭ ޕްރިމިއާ ލިގުގެ ދެ މެޗެއް ފަސްކުރީ ޝެޑިއުލްގައި މެޗު ފަށަން ހަޔެއްކަ ގަޑިއިރަށް ވަގުތު ކުޑަތަން ވެފައި ހުއްޓަ އެވެ. އެއީ އެވަޓަން އާއި މެންޗެސްޓާ ސިޓީގެ މެޗާއި ޓޮޓެންހަމް އާއި ފުލަމް ބައްދަލުކުރަން އޮތް މެޗެވެ. އެ ދެ މެޗު ފަސްކުރަން ޖެހުނު ސަބަބަކީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ފުލަމް އާއި ސިޓީގެ ކޮވިޑް ކޭސްތަކާ ބެހޭ ފުރިހަމަ މައުލޫމާތު ލިބިފައި ނެތުމެވެ. ސިޓީ އާއި ފުލަމް އިން ފަހު ވަގުތު އެންގީ އެ ޓީމުގެ ގިނަ ބައެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެންނަ ކަމަށާއި ޓެސްޓްތަކެއް ކޮށްގެން ނޫނީ މެޗު ކުޅެން ބޭނުންނުވާ ކަމަށެވެ.

މޮރީނިއޯ އޭނާގެ ރަސްމީ އިންސްޓަގްރާމްގައި ޓޮޓެންހަމްގެ އޮފިޝަލުންނާއި ކުޅުންތެރިން ހޮޓަލުގައި ތިބި ވީޑިއޯ އެއް ޕޯސްޓުކުރުމަށް ފަހު ބުނީ ދުނިޔޭގެ އެއް ވަނަ ލީގުގައި މެޗު ފަށަން ކުޑަ ވަގުތުކޮޅެއްވާއިރު ވެސް މެޗު ކުޅެވޭނެ ކަމެއް ނޭނގޭ ކަމަށެވެ.

މޮރީނިއޯ ބުނީ ހޮޓަލުގައި މެޗު ކުޅެން ތައްޔާރުވެގެން ތިބެފައި މެޗު ނުކުޅެވޭކަން އެނގެނީ މެޗުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ވަގުތުކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"އަހަރެން އެކަމާ ބެހޭގޮތުން މާ ބޮޑަށް ވާހަކަ ދައްކަން ނެތިން. ހަމައެކަނި އަހަންނަށް އިހުސާސްކުރެވުނު ގޮތަކީ ކޮބައިތޯ ބުނާނަމަ ފެނިގެންދިޔައީ ވަރަށް ޕްރޮފެޝަނަލް އުސޫލާ ބީރައްޓެހި ގޮތަކަށް. އެއީ އެކަން ދިޔަ ގޮތް. އަހަރެން ދެކޭ ގޮތުގައި މެޗެއް އެ އޮންނަ ވަގުތެއްގައި ނުކުޅެވޭނަމަ ކުރިން ވަގުތު އޮއްވައި އަންގަންޖެހޭނެ. އެއީ ރަނގަޅު ގޮތަކީ،" ކުރިން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

އިންގްލެންޑްގައި ހަލުވިކަމާ އެކު ކޮވިޑް-19ގެ އާ ވައްތަރެއް ފެތުރެމުންދިޔަ ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލުމުގެ ވިސްނުމެއް ނެތް ކަމަށް ލީގުން ވަނީ އަންގައިފަ އެވެ.

ޓޮޓެންހަމް މެޗު ފަސްކުރުމަކީ އެ ޓީމަށް ރަނގަޅު ކަމެއްގެ ގޮތުގައި ބުނެ ވާހަކަ ދައްކާ މީހުންނަށް މޮރީނިއޯ ވަނީ ރައްދެއް ދީފަ އެވެ. އޭނާ ބުނީ ބަޔަކަށް އެގޮތަށް ހީވި ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ކަމަށް އޭނާ ނުދެކޭ ކަމަށެވެ.

"މެޗެއް ކުޅުމުގެ ކުރިން ޓްރެއިނިން ބާއްވަނީ ވަކި ގޮތަކަށް. ވަކި ޓްރެއިނިން އެއް ބާއްވާފައި މެޗު ކުޅޭ ދުވަހަށް ތައްޔާރުވެގެން ތިބެފައި މެޗު ނުކުޅެ އަނެއްކާ ޓްރެއިނިން އަށް އައުމަކީ އެންމެ ރަނގަޅުކަމެއް ކަމަށް އަހަރެން ނުދެކެން. މީހުންނަށް ހީވޭ އަހަންނަށް ރަނގަޅޭ މެޗު ލަސްކުރީމަ. އެ ގޮތެއް ނޫން ބޭނުމީ. މުހިއްމީ މެޗު ނެތްކަން ކުރިން އެނގުން،" މޮރީނިއޯ އޭނާގެ ވާހަކަ ތަކުރާރުކުރި އެވެ.

އެންމެ ފަހުން މެޗުތައް ފަސްކުރުމުގައި އަމަލުުރެވުނީ އެންމެ ރަނގަޅަށް ނޫން ކަމަށް އިނގިރޭސި އެފްއޭ އިން ވަނީ ބުނެފަ އެވެ.

ލީގުގައި މިއަދު ހަވީރު ޓޮޓެންހަމް ކުޅޭނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ. މެޗު ފަށާނީ މިއަދު 17:30 ގަ އެވެ.