މާލޭގައި ކޮވިޑް-19 ފެތުރުމާ އެކު އެންމެ ނުރައްކާ ބޮޑުވާނެ އެއް ބަޔަކީ، އޭރު ވެސް ފެންނަން އޮތް ގޮތުގައި ، ބިދޭސީ މަސައްކަތްތެރިންނެވެ. އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި، އެ މީހުންގެ ނިކަމެތި ދިރިއުޅުމަކީ ސިއްރެއް ނޫނެވެ. ކުޑަ ކޮޓަރިތަކުގައި ޑިއުޓީ ބަހައިގެން 50 މީހުން ނިދުމަކީ އެ މީހުންނަށް ކުރިމަތި ކުރުވި މަޖުބޫރީ ހާލަތެވެ.
07 މެއި 2020
މާލޭގައި ކޮވިޑް-19 ފެތުރުމާ އެކު އެންމެ ނުރައްކާ ބޮޑުވާނެ އެއް ބަޔަކީ، އޭރު ވެސް ފެންނަން އޮތް ގޮތުގައި ، ބިދޭސީ މަސައްކަތްތެރިންނެވެ. އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި، އެ މީހުންގެ ނިކަމެތި ދިރިއުޅުމަކީ ސިއްރެއް ނޫނެވެ. ކުޑަ ކޮޓަރިތަކުގައި ޑިއުޓީ ބަހައިގެން 50 މީހުން ނިދުމަކީ އެ މީހުންނަށް ކުރިމަތި ކުރުވި މަޖުބޫރީ ހާލަތެވެ.
އާއްމުންގެ ތެރޭގައި ވައިރަސް ފެތުރިއްޖެ ކަން އެޕްރީލް، 15 ގައި ދެނެގަނެވި، މަންޒަރު މިހާރު ފެންނަނީ ކުުރިން ހީކުރެވިފައި އޮތް ގޮތަށެވެ. މާލޭގައި ފުރަތަމަ ދިވެއްސަކު ޕޮޒިޓިވްވެ، މިހާތަނަށް އެޗްޕީއޭ އިން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން ބަލި ޖެހުނު މީހުންގެ ދެބައިކުޅަ އެއްބަޔަކީ ބިދޭސީންނެވެ. ބަލި ޖެހުނު 600 ހުރަސްކޮށް ދިޔަ އިރު 300 އަށް ވުރެ ގިނައީ ބިދޭސީންނެވެ. މީގެތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ.
އެ މީހުންނާ ގުޅުން ހުރި ބޮޑެތި ކްލަސްޓާސްތައް ފެނި ޓެސްޓް ނުކުރެވި ތިބި ބަޔަކު ވެސް އެބަ ތިއްބެވެ. ޓެސްޓް ކުރެވުމުން، އަދަދު ކުރިއަށް ވުރެން ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
މި ބަލި ޖެހުނު ބަންގްލަދޭޝްގެ މީހަކު މިހާރު ވަނީ މަރުވެފަ އެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ، ފިޓް ޖެހިގެން އައިޖީއެމްއެޗަށް ގޮސް ފަރުވާ ދިނުމުގެ ތެރޭގައި ޓެސްޓްކުރުމުންނެވެ. ކަމާ ބެހޭ އިދާރާތަކުން ބަލަނީ އެއީ ކޮވިޑް ޖެހިގެން ރާއްޖެ އިން މަރުވި ދެ ވަނަ މީހާގެ ގޮތުގަ އެވެ.
ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ގިނަ ތަންތަން މޮނިޓަކުރަމުން އަންނަ އިރު އަދިވެސް ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެންނާނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންގެ ސިއްހީ ބޭފުޅުން ލަފާކުރައްވަ އެވެ. އެއް ތަނެއްގައި އުޅޭ 95 ބިދޭސީން އެއްފަހަރާ ވެސް ޕޮޒިޓިވްވެފައިވެ އެވެ. އެހެންވެ މިހާރު ވަނީ އަވަސް މިނުގައި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. ބިދޭސީންނަށް ޚާއްސަ ވަގުތީ ހިޔާތަކެއް ހަދައި އެ ތަންތަނަށް މީހުން އަންނަނީ ބަދަލުކުރަމުންނެވެ.
އެކަމަކު އެއް ބަޔަކަށް މި ގޮތް ގޯހެވެ. ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި، ދައުލަތުން ބޮޑު ހޭދައެއް އެ މީހުންނަށް ކުރަމުންދާ ކަމުގެ ފާޑުކިއުންތައް ބޮޑެވެ. ބަންގްލަދޭޝް އަށް ނިސްބަތްވާ ގިނަ ބަޔަކު ތިބިއިރު، ބޯޓަކަށް ލައި އެންމެން ގައުމަށް ފޮނުވަން ވެސް ދަނީ ގޮވާލަމުންނެވެ. މިއީ، އިންސާނިއްޔަތުކަން އެއްކައިރިކޮށް، ކޮން ކަހަލަ ވިސްނުމެއް ހެއްޔެވެ؟
ތުލުސްދޫން ކޮވިޑް-19 ގެ އިތުރު މީހުން ފެނި، ރަށް ބަންދުކުރުން ދިގުލައިގެންދާތީ އެ ރަށުގެ ސިއްހީ މަރުކަޒު ކައިރީގައި މިރޭ މުޒާހަރާ ކުރަނީ.
ބިދޭސީންނާ ގުޅުން ހުރި ޚަބަރުތަކާއި ސޯޝަލް މީޑިއާގައި ބައެއް ކޮމެންޓްތައް ހުރީ މިހެންނެވެ!
"ދިވެހި ރައްޔިތުންގެ ބަޖެޓް ހުސްކުރަނީ ބިދޭސީންނަށް. ދިވެހި ރައްޔިތުން ދަރުވައި ލޯނު ނަގައި ޚަރަދުކުރަނީ ބިދޭސީންނަށް. ދިވެހިރާއްޖެއަށް ދޭ އެހީ ޚަރަދުކުރަނީ ވެސް ބިދޭސީންނަށް. ނުވިތާކަށް ދިވެހި ރައްޔިތުންނަށް ބަހަންދިން ކަދުރުކޮޅު ވެސް ބަހާލީ ބިދޭސީންނަށް،" އެކަކު ލިއެފައިވެ އެވެ.
މި ހިތްހަަމަނުޖެހުމުގައި ތިބި އަނެއް ބަޔަކަށް މައްސަލައަކީ، ހާލުގައި ދިވެހިން ތިއްބައި ބިދޭސީންނަށް އަޅާލުމެވެ. ކޮވިޑް-19އާ ދެކޮޅު ފިޔަވަޅުތަކަށް ދައުލަތުން ކުރާ ބޮޑު ހޭދައިގެ ތެރޭގައި ބިދޭސީން ހިމެނުމެވެ.
ރާއްޖޭގައި ލައްކައަކަށް ވުރެން ގިނަ ބިދޭސީން އުޅޭއިރު އޭގެ ތެރޭގައި 60،000 އަށް ވުރެން ގިނަ މީހުންގެ އަތުގައި ސައްހަ ލިޔެކިޔުމެއް ނެތެވެ. މި އަދަދުތަކަށް ސަރުކާރުތަކުން ވަރަށް ފަރިތަ އެވެ. މިހާތަނަށް އެއްވެސް ބަޔަކަށް ހައްލު ނުހޯދުމުގެ ފަހަތުގައި ތަހުގީގު ހިންގަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބެލެވިދާނެ އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުގައި ވެސް އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ފެށި އެވެ. އެ މަސައްކަތް ހިނގަނިކޮށް، ކޮމިއުނިޓީ ސްޕްރެޑެއް ފެށިދާނެ ކަމުގެ ބިރު އޮތުމުން، އަޅަމުން ދިޔަ ފިޔަވަޅުތަކުގެ ތެރޭގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ސާވޭއެއް ސަރުކާރުގެ ބޭނުމަށް މާލޭ ސިޓީ ކައުންސިލުން ކުރި އެވެ. އެ ސާވޭ އިން އޮތީ އެ މީހުންގެ ތެރޭގައި ވައިރަސް ފެތުރިއްޖެ ނަމަ ދެން ވާނެ ގޮތް މާ ބޮޑަށް ސާފުވެފަ އެވެ. އެއާއެކު އެންމެ ހާލުގައި އުޅޭ ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ވެސް ފެށި އެވެ.
އެކަމަކު ވައިރަސް ފެތުރުނުއިރު އެންމެ އެކަށީގެންވާ ގޮތެއްގައި ފިޔަވަޅެއް ނޭޅެ އެވެ. އެންމެ ހާލުގައި އުޅުނު ގިނަ މީހުން ތިބީ ރައްކާތެރި މާހައުލުތަކަށް ބަދަލުނުކުރެވި އެެވެ.
ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިން ގަވައިދުގެ ތެރެއަށް ފެތެން ފޯމް ފުރަން ނަމްބަރު ހޯދަން ގަލޮޅު ދަނޑަށް އެއްވެފައި. ފައިލް ފޮޓޯ/މިހާރު
ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އެއީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ.
ބިދޭސީންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ 600 ތަނެއް ބެލި، އެ މީހުންނާ ގުޅޭނެ ނަމްބަރުތައް ވެސް ދުރާލައި ހޯދި ކަމަށެވެ.
"ވަަރަށް ދެރަކޮށް އެ ތަންތަނުގައި ބިދޭސީންގެ ހާލަތު ހުރީ. އެ ހާލަތަށް ގެނައުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ ވަރަށް ބޮޑު އިހުމާލެއް އެބަ އޮތް،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި ވަރަށް އަވަހަށް ކޮންމެވެސް ހައްލެއް ލިބޭނެ އެވެ. ގިނަ އަދަދެއްގެ ބިދޭސީން ވަރަށް ރަނގަޅު ތަންތަނަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ލަފާކުރެވެނީ ކުރިއަށް އޮތް ތަނުގައި 1000-3،000 ދެމެދުގެ އަދަދެއްގެ ބިދޭސީން އެކި ފެސިލިޓީތަކަށް ބަދަލުކުރެވޭނެ ކަމަށް،" ޝިފާ ވިދާޅުވި އެވެ.
ބިދޭސީން ބަދަލުކުރަން ގުޅީފަޅުގައި ތަނެއް ހަދާފައިވާ އިރު ހުޅުމާލޭގައި ވެސް 80 މީހުންގެ ޖާގައިގެ ތަނަކާއި 2،000 ބިދޭސީންނަށް ތިބެވޭވަރުގެ ތަނެއް އެޗްޑީސީން ވެސް އެބަ ހަދަ އެވެ. އަދި ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ކުރި މަޝްވަރާތަކަށް ފަހު މިހާރު ނިންމާފައި ވަނީ 1،500 ބިދޭސީން ގައުމަށް ފޮނުވާލާށެވެ.
ދައުލަތަށް އެ މީހުން ބަދަލުއެރިއިރު އެ މީހުން ރާއްޖެ ގެނެސް މި ހާލަށް ދޫކޮށްލި މީހުން ތިބޭނެ އެވެ. މި ޝަކުވާ ރަނގަޅެވެ. ބިދޭސީން ރާއްޖެ ގެނައުމަކީ އެންމެ ފައިދާ ބޮޑު ވިޔަފާރީގެ ގޮތުގައި ދެކި އެކަމުން މަންފާ ހޯދި ބަޔަކު އެބަ ތިއްބެވެ. ބައެއް މީހުންގެ ތަހުގީގުތައް ވެސް ކަމާ ބެހޭ އިދާރާތަކުން ކުރި އެވެ. ބިދޭސީން ރާއްޖެ ގެނެސް ކުޑަ މުސާރައެއްގައި އެ މީހުން ލައްވައި މަސައްކަތް ކުރުވައި، އެ މީހުންގެ މަގުމައްޗަށް ދޫކޮށްލި މީހުން ވެސް މަދެއް ނޫނެވެ.
އެކަމަކު ބޮޑެތި ވިޔަފާރިތަކާ ގުޅިފައިވާ މި މީހުންގެ ނުފޫޒާއި ކޮންމެ ސަރުކާރެއްގެ ވެސް ކަމާ ބެހޭ ފަރާތްތަކާ އެކު އޮންނަ ގުޅުން ބޮޑުކަމުން ފިޔަވަޅެއް ނޭޅެ އެވެ. ދެން ވެސް އެ ބަޔަކު ހޯދި ފިޔަވަޅެއް ނޭޅޭނެ އެވެ. އަމުދުން، މި ބަލިމަޑުކަމުގައި އިދާރާތަކުން އެކަމަށް ހުސްވާވަރަށް ވަރަށް ވުރެން ހާލަތު ގޯހެވެ.
މިފަދަ ބަލިމަޑުކަމެއްގައި، އެ މީހުންނާ މެދު އަޅާނުލައި ދޫކޮށްލުމަކީ ސަރުކާރަކަށް ވެސް ވެވޭނެ ވަރަށް ބޮޑު އިހުމާލެކެވެ. އަދި އެއީ ކޮންޓްރޯލްނުވެ ބަލި ފެތުރި ބިދޭސީންގެ އިތުރުން ދިވެހިންނަށް ވެސް ނުރައްކާ އޮތް ކަމެކެވެ. ދައުލަތުން ބަޖެޓުން ހޭދަކޮށްގެން ފިޔަވަޅު އަޅަން ޖެހިފައިވާ މައިގަނޑު އެއް ސަބަބަކީ ވެސް މިއެވެ؛
ބިދޭސީން ގެނެސް މަގުމަތިވާން ދޫކޮށްލި މީހުން ތިބީ ޒިންމާއިން ރެކިގެން، ފިލަ އެވެ. ބައެއް އާންމުން ބިދޭސީންނަށް ބާލަނީ މި ރުޅި ކަމަށް ވެދާނެ އެވެ. އެކަމަކު، ބަލިމަޑުކަމުގެ މި ހާލަތުގައި، ދިވެހިންނެކޭ އެއްގޮތަށް ބިދޭސީންނާ މެދު އަޅާލުމަކީ ދިވެހިންނަށް ވެވޭ ބޭއިންސާފެއް ނޫނެވެ. އަދި އެކަން އެގޮތަށް ނުކޮށް ސަރުކާރަށް ދުލެއް ވެސް ނުކުރެވޭނެ އެވެ. ޒިންމާވާން ޖެހޭ ކުށްވެރިން ފިލާ ތިއްބަސް، މިހާރު ޖެހިފައި މި އޮތީ، ބަލި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑު ބިދޭސީން އެހެން ތަންތަނަށް ބަދަލުކޮށް، މި ބަލިމަޑުކަން ހައްލުކުރާށެވެ.
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ބިދޭސީންނަށް އެކޮމަޑޭޝަން ދެނީ ކުލި ދައްކާ ގޮތަށް
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
ބިދޭސީން ގަވާއިދަށް ފެއްތުމުގެ އެހީއަށް އެދިއްޖެ
ރޭ މަރުވި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް
ކޮވިޑް ޖެހުނު ދިވެހިންގެ އަދަދު އިތުރުވެއްޖެ
ކޮވިޑް-19 ޖެހިގެން 6 ވަނަ މީހަކު މަރުވެއްޖެ
އިތުރު 101 ކޭސް، ގިނައީ ތޮއްޖެހިގެން އުޅޭ ބިދޭސީން
ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހުންގެ އަދަދު 500 އަށް
ބިދޭސީގެ ފުރާނަ ސަލާމަތްކުރަން ލިބުނީ ކުޑައިރުކޮޅެއް