Roadha Mihaaru
ރޭ މަރުވި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް

ރޭ މަރުވި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް، އެކަމަކު ކޮވިޑް ކޭސްއެއް ކަަމަކަށް ނުބަލާ

31 ޖުލައި 2020

މާލޭގެ ގެއެއްގެ ތެރޭގައި ރޭ މަރުވެފައި އޮއްވައި ފެނުނު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގެ ގެއެއްގެ ތެރޭގައި ރޭ މަރުވެފައި އޮއްވައި ފެނުނު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ރޭ ދަންވަރު މަރުވި ބަންގްލަދޭޝްގެ އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓުކުރިއިރު، ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އުމުރުން 29 އަހަރުގެ އެ މީހާ އެ ބައްޔަށް ޓެސްޓްކުރީ، މި ދުވަސްވަރު މަރުވާ އެންމެން ވެސް ކޮވިޑަށް ޓެސްޓު ކުރާ އާއްމު އުސޫލުންނެވެ. ނަމަވެސް އެއީ ކޮވިޑް ޖެހިގެން މަރުވި މީހެއް ކަމަށް އެެޗްޕީއޭއަކުން ނުބަލަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، އެއީ ކޮވިޑް ޖެހިގެން މަރުވި މީހެއް ކަމަށް ނުބެލީ އޭނާ މަރުވުމުގެ ކުރިން އެ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާތީ އެވެ.

އެ މީހާ މަރުވީ ކޮވިޑް ޖެހިގެން ކަމަށް ނުބެލި ނަމަވެސް އެ ބައްޔަށް ޕޮޒިޓިވް ވެފައިވާތީ، ކުރަން ޖެހޭ އެހެން ކަންތައް އެ ކޭސްއާ ގުޅިގެން ވެސް ކުރާނެ އެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ، އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އާ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން އިއްޔެ އިން ފެށިގެން ސަރުކާރުން ވަނީ މަޖުބޫރު ކޮށްފަ އެވެ. އެކަމަކު އެ އުސޫލާ ޚިލާފުވާ މީހުން 1،000ރ. އިން ޖޫރިމަނާ ކުރާނީ މާދަމާ އިން ފެށިގެން ކަަމަށް އެޗްޕީއޭ އިން ރޭ ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެޗްޕީއޭގެ އުސޫލާ ޚިލާފަށް އަމަލުކުރާ ކެފޭ/ރެސްޓޯރަންޓާއި ފިހާރަތަކާއި ޖިމާއި ސެލޫންތަކާއި އެފަދަ ޚިދުމަތް ދޭ އެހެން ތަންތަނަށް ވެސް ވަގުތުން ދަނީ ބަންދު ކުރަމުންނެވެ. އަދި މާލެ ސަރަހައްދުގައި ރޭގަނޑު 11 ން ފަތިހު 5 އަށް ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ނުކުތުން ރެއިން ފެށިގެން މަނަލެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބުނީ ބުދަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ރޭގެ 6:00 އާ ހަމައަށް ރާއްޖެއިން ކޮވިޑްގެ 152 ކޭސް އަލަށް ފެނުނު ކަމަށެވެ. އޭގެ ތެރެއިން 142 މީހުންނަކީ މާލެ ސަރަހައްދުގައި ތިބި މީހުންނެވެ. އަނެއް 10 މީހުންގެ ތެރެއިން ނުވަ މީހުންނަކީ ސަވާރީ ބޯޓުގެ ފަޅުވެރިންނެވެ. އަދި 10 ވަނަ މީހާ އަކީ ބ. ކަމަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

ރާއްްޖެ އިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 3،719 އެވެ. އޭގެ ތެރެއިން 2،568 މީހަކު އެ ބަލިން ރަނގަޅުވެފައިވާ އިރު 16 މީހަކު ވަނީ މަރުވެފަ އެވެ. އެންމެ ފަހުން ކޮވިޑްގައި މީހަކު މަރުވީ އިއްޔެ އެވެ.