Roadha Mihaaru
ބަލި އައި ގޮތެއް ނޭޭނގޭ 39 މީހަކު އެބަތިބި:އެޗްޕީއޭ

ޕޮޒިޓިވްވި އެއްވެސް މީހަކާ ގުޅުމެއް ނެތް 39 މީހެއްގެ ފަރާތުން ވައިރަސް ފެނިފައިވޭ: އެޗްޕީއޭ

05 މެއި 2020

ކޮވިޑް-19 އަށް ކުރިން ޕޮޒިޓިވް ވި އެއްވެސް މީހަކާ ކޮންޓެކްޓްވި ކަމެއް ނޭނގި 39 މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް ކުރިން ޕޮޒިޓިވް ވި އެއްވެސް މީހަކާ ކޮންޓެކްޓްވި ކަމެއް ނޭނގި 39 މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އެ ގޮތަށް އެހެން ކޭހަކާ ގުޅުމެއް ނެތި ޕޮޒިޓިވް ވި މީހުން ވެސް މިހާރު ތިބީ އައިސޮލޭޓް ކޮށްފައި ކަމަށް ވާތީ އެ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެކަމަކު، އެގޮތަށް ކޭސްތައް ފެންނަ ކަމަށް ވާ ނަމަ އެއީ ފެށުނު ގޮތެއް ނޭނގި އެކިއެކި ދިމަދިމާލުން ބަލި ފެތުރޭ ކަމުގެ އަލާމާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިޕެންޑެންޓް ކޭސަސް ގިނަވާ ކަމަށް ވެއްޖެއްޔާ، އަންނަ ދިމަދިމާލުން ކޮމިއުނިޓީ ސްޕްރެޑް ވާ ކަމުގެ އިޝާރާތަކަށް ވާނީ،" އޭނާ ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރިފައި ވާއިރު، ފިހާރަ އަަކަށް ގޮސް އުޅުމުގެ ތެރޭގައި ނޭނގި ވައިރަސް އެރުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ހާލަތުގައި އެ މީހުންނާ ހަމައަށް ވައިރަސް އައި ގޮތެއް ނުހޯދުމަކީ ވެދާނެ ކަމެކެވެ.

"އިންޑިޕެންޑެންޓް ކޭސަސް ގިނަވާ ކަމަށް ވެއްޖެއްޔާ، އަންނަ ދިމަދިމާލުން ކޮމިއުނިޓީ ސްޕްރެޑް ވާކަމުގެ އިޝާރާތަކަށް ވާނީ،" - ޑރ.އަފްޒަލް

ނަމަވެސް އެއީ ކަންބޮޑުވާން ޖެހޭ ކަމެއްތޯ ނުވަތަ ނޫންތޯ ކުރި ސުވާލަށް ޑރ. ސާފު ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ އެފަދަ ކޭސްތައް ނިސްބަތުން މަދު ކަމަށެވެ.

ކޮވިޑް-19 ރާއްޖޭގައި އާއްމުންގެ ތެރޭގައި ފެތުރޭކަން ފުރަތަމަ އެނގުނީ މިދިޔަ އޭޕްރިލް 15 ގައި މާލޭގެ ފުރަތަމަ ކޭސް ފެނުނު ހިސާބުންނެވެ. އޭގެ ފަހުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، ގިނަ މީހުން ގުޅިފައި ވަނީ ހަރަކާތްތެރި މީހުން ހިމެނޭ ބޮޑެތި ކްލަސްޓާ ތަކާ އެެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮޑެތި ވިޔަފާރިތަކާއި ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ލޭބާ ކްއާޓާސް ތަކާ ގުޅިފައިވާ ކްލަސްޓާތަކެވެ. ބިދޭސީން ދިރިއުޅޭ ކުއާޓަރެއްގެ ހުރިހާ އެންމެން ޕޮޒިޓިވްވި ކޭހެއް ވެސް ކުރިން ވަނީ ފާހަގަ ވެފަ އެވެ.

މާލޭގައި ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަނުން އެ މީހުން ގެންދިއުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.