ކޮވިޑް-19 އަކީ ވަކި މީހަކަށް ޖެހި، ވަކި މީހަކަށް ނުޖެހޭ ބައްޔެއް ނޫން ކަމަށާއި މިއީ ސިޔާސީ ކަމެއް ވެސް ނޫން ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުގެ އެއްވުންތަކާ މެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނުރުހުން ފާޅުކޮށްފި އެވެ.
29 އޯގަސްޓް 2020
ކޮވިޑް-19 އަކީ ވަކި މީހަކަށް ޖެހި، ވަކި މީހަކަށް ނުޖެހޭ ބައްޔެއް ނޫން ކަމަށާއި މިއީ ސިޔާސީ ކަމެއް ވެސް ނޫން ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުގެ އެއްވުންތަކާ މެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނުރުހުން ފާޅުކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާނުވެ، ސިޔާސީ އެއްވުންތަކާއި ޕާޓީތައް ބޭއްވުން ފަދަ ކަންތައްތައް ކުރާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު، މިއީ އެއްވެސް ތަނަަކަށް އެއްވާންވީ ވަގުތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފާހަގަކޮށްލަން ހަމަ ބޭނުން މިރޭ، މިއީ ވަކި މީހަކަށް ޖެހޭ އަދި ވަކި މީހަކަށް ނުޖެހޭނެ ބައްޔެއް ނޫން. މިއީ ސިޔާސީ ކަމެއް ވެސް ނޫން. ސިޔާސީ އެއްވުން ބޭއްވުމާއި ޕާޓީ ބޭއްވުމާއި ކަންތަތައް ކުރިއަށް ދާއިރުގައި ކުޅިބަލަން ތިބުމާއި މި ކަހަލަ ކަންކަން [ކުރާތަން އަދި] ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާނުވެ، އެއްވާ ތަން އަޅުގަނޑުމެންނަށް އެބަ ފެނޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު މާލޭގައި ބޭއްވި ސައިކަލްބުރާއި އެއްވުމުގައި ބައެއް މީހުން މާސްކު ނާޅައި ތިބިއިރު، ސޯޝަލް ޑިސްޓެންސިން އަށް ސަމާލުކަން ނުދިން މައްސަލަ ވަނީ ހޫނުވެފަ އެވެ. އަދި ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ ކޮންޓްރޯލް ކުރަން ސިފައިން މަސައްކަތް ކުރި ވަގުތު، އެ މަންޒަރު ބަލަން ވެސް އެތައް ބަޔަކު ކާފިއު ގަޑީގައި ޖަމާވުމުން ވެސް ފާޑުކިޔުން އަމާޒުވެފަ އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި، ކޮންމެން ދާން ޖެހޭ ތަނަކަށް ނޫނީ މި ދުވަސްވަރު ނުދާން އެޗްޕީއޭ އިން އާއްމުކޮށް ކުރަމުން އަންނަ އިލްތިމާސް ތަކުރާރު ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ މާސްކު އަޅައިގެން ވެސް ފަސް މީހުންނަށް ވުރެ ގިނައިން އެއްވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެ މުހިއްމީ ދުޅަހެޔޮ ސިއްހަތެއްގައި އުޅުމުގެ ހައްގެވެ. އެއީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެން އެއްވެސް ހައްގެއް މި ވަގުތު މި އަށް ވުރެ އިސްވެގެން ނުވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އަޅުގަނޑުމެން ފާހަގަކޮށްލަން ހަމަ ބޭނުން މިރޭ، މިއީ ވަކި މީހަކަށް ޖެހޭ އަދި ވަކި މީހަކަށް ނުޖެހޭނެ ބައްޔެއް ނޫން. މިއީ ސިޔާސީ ކަމެއް ވެސް ނޫން. ސިޔާސީ އެއްވުން ބޭއްވުމާއި ޕާޓީ ބޭއްވުމާއި ކަންތަތައް ކުރިއަށް ދާއިރުގައި ކުޅިބަލަން ތިބުމާއި މި ކަހަލަ ކަންކަން [ކުރާތަން އަދި] ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާނުވެ، އެއްވާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ.---ޑރ. ނަޒްލާ
ކޮވިޑް ފެތުރޭވަރު އިތުރުވުމުން އެޗްޕީއޭ އިން ވަނީ އެ ބަލި ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތައް ކުރިއަށް ވުރެ ހަރުކަށިކޮށް، ބައެއް އާ ފިޔަވަޅުތައް ވެސް އަޅައިފަ އެވެ. އެ ފިޔަވަޅުތަކުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ނަތީޖާ އަދި ނުފެންނަ ކަމަށެވެ. އެގޮތުން ކޮންމެ ދުވަަހަކު ވެސް ފެންނަ ކޮވިޑްގެ އާ ކޭސްތަކުގެ އަދަދު އަދިވެސް ހުރީ 100 އިން މަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔަވަޅުތައް ތަންފީޒު ކުރެވެނީ ކިހާވަރަކަށްތޯ "މިހާރު"ން ސުވާލު ކުރުމުން ޑރ. ނަޒްލާ ވިދާޅުވީ، ކަންކަން ތަންފީޒު ކުރަން ފުލުހުން ވެސް މަސައްކަތް ކުރާ ކަމަށާއި މީހުންނަށް ނަސޭހަތް ދިނުން ފަދަ ފިޔަވަޅުތައް އަޅާ ކަމަށެވެ.
އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރުމަކީ އޭނާ ވިދާޅުވި ގޮތުގައި އެންމެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. އެއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިި އެވެ.
ރާއްޖޭން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 7،578 މީހުން ޕޮޒިޓިވްވެފަ އެވެ. އަދި 4،925 މީހުން އެ ބަލިން ރަނގަޅުވި އިރު 28 މީހަކު ވަނީ އެބަލީގައި މަރުވެފަ އެވެ.
ނުގެންދެވި ތިބި ގިނަ މީހުންނަކީ ދާން ދެކޮޅުހެދި މީހުން
ވެކްސިނުން ބޮޑު ސައިޑްއިފެކްޓެއް އަދި ނެތް: އެޗުޕީއޭ
ހާލަތު ރަނގަޅުވެ، އައިސީޔޫ ހުސްވެއްޖެ
ހައި ރިސްކް މީހުންގެ ކޮވިޑް ކޭސްތައް ގިނަވެއްޖެ
ފްރޮންޓްލައިން ކޮވިޑް ކޭސްތައް ގިނައީ އެއާޕޯޓުގައި
އެޗްޕީއޭގެ އިރުޝާދަށް އަމަލުނުކުރާ ނަމަ އަންގަން އެދެފި
މާސްކް ނާޅަައި އުޅުމުން 73 މީހަކު ޖޫރިމަނާކޮށްފި
ކޮވިޑްގެ 4،000 ވަރަކަށް ކޮންޓެކްޓުން އެބަތިބި
ބިރު ބޮޑުވެއްޖެ، ފަރުވާކުޑަކޮށް ނުލާ!
ކޮންޓެކްޓް ޓްރޭސިންއަށް ސައްހަ މައުލޫމާތެއް ނުދޭ!