Roadha Mihaaru
އައިއެސްއެސްގައި ފިލްމެއް ކުޅުމުގެ ޝަރަފު ކްރޫޒަށް

ޖައްވީ ސްޓޭޝަނުގައި ފިލްމެއް ކުޅުމުގެ ޝަރަފު ޓޮމް ކްރޫޒަށް

06 މެއި 2020

ޖައްވުގައި ހިނގާ ކަންކަމާ ގުޅޭ ފިލްމުތައް ހެދުމަކީ ހޮލީވުޑްގައި ވަރަށް އާންމު ކަމެކެވެ. އެކަމަކު މިހާތަނަށް ލިބިފައި ނެތް ޝަރަފަކީ ސީދާ ޖައްވުގައި ފިލްމެއް ޝޫޓްކުރުމުގެ ފުރުސަތެވެ. ނަމަވެސް އެކަމަކަށް ދެން މާ ގިނަ ދުވަހެއް ނެތެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖައްވުގައި ހިނގާ ކަންކަމާ ގުޅޭ ފިލްމުތައް ހެދުމަކީ ހޮލީވުޑްގައި ވަރަށް އާންމު ކަމެކެވެ. އެކަމަކު މިހާތަނަށް ލިބިފައި ނެތް ޝަރަފަކީ ސީދާ ޖައްވުގައި ފިލްމެއް ޝޫޓްކުރުމުގެ ފުރުސަތެވެ. ނަމަވެސް އެކަމަކަށް ދެން މާ ގިނަ ދުވަހެއް ނެތެވެ.

މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒަށް ވަނީ އެ ޝަރަފު ލިބިފަ އެވެ. ޖައްވީ ސްޓޭޝަން ނުވަތަ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ފިލްމެއް ޝޫޓްކުރުމުގެ ފުރުސަތު އޭނާ އަށް ލިބިފައިވާ އިރު، މި ޕްރޮޖެކްޓްގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި އެތަނާ ގުޅިގެން ޖައްވީ ދަތުރުތައް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ މަހުޖަނު އީލޮން މަސްކް މިހާރު އަންނަނީ މަޝްވަރާތަކެއް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން އައިއެސްއެސްގައި ކްރޫޒް ހަދާނީ ސްޕޭސް އެޑްވެންޗާ ފިލްމެކެވެ. އެކަމަކު މީގެ ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.

ނަމަވެސް ނާސާ އިން ވަނީ ޓޮމް ކްރޫޒާ އެކު ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ވާހަކަ އަކީ ތެދެއްކަން ކަށަވަރުކޮށް ދީފަ އެވެ. މިކަމާ ބެހޭ ގޮތުން ނާސާގެ އެޑްމިނިސްޓްރޭޓަރު ޖިމް ބްރައިޑެސްޓީން ކުރި ޓްވީޓެއްގައި ބުނީ އައިއެސްއެސްގައި ކްރޫޒާއާ އެކު ފިލްމެއް ޝޫޓްކުރަން ނިންމި ވާހަކަ ހިއްސާކުރަނީ ވަރަށް އުފަލުން ކަމަށާއި މި ޕްރޮޖެކްޓް ކާމިޔާބުކުރަން މި ޖީލުގެ ސައިންޓިސްޓުންނާއި އިންޖިނިއަރުންގެ އެހީ ވެސް ބޭނުންވާނެ ކަމަށެވެ. އޭނާ ބުނިގޮތުގައި މިއީ ނާސާ އިން ހަގީގަތަކަށް ހަދަން ބޭނުންވާ ކަމެކެވެ.

ކޮންމެއަކަސް އައިސްއެސް އާއި ސީދާ ޖައްވުގައި ފިލްމެއް ކުޅެން ކްރޫޒަށް ލިބުމަކީ ތާރީހުގައި އޭނާގެ ނަން ހާއްސަ ގޮތަކަށް ލިޔެވިގެންދާނެ ކަމެކެވެ. ދެން އިންތިޒާރުކުރަންވީ މި ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެ އިރަކަށެވެ.

ކްރޫޒްގެ ދެން އެންމެ އަވަހަށް ސިނަމާތަކަށް އަންނާނެ ފިލްމަކީ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް "ޓޮޕް ގަން" ގެ ސީކްއަލް "މެވެރިކް" އެވެ.