Roadha Mihaaru
ކްރޫޒަށް ލިބެން އޮތް ޝަރަފެއް ރަޝިއާ އިން އަތުލައިފި

ކްރޫޒަށް ލިބެން އޮތް ޝަރަފެއް ރަޝިއާގެ ބަތަލާއަކު ގެއްލުވާލައިފި

07 އޮކްޓޯބަރ 2021

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ފީޗާ ފިލްމެއް ފުރަތަމަ ޝޫޓް ކުރުމުގެ ޝަރަފު ހޮލީވުޑްގެ މަޝްހޫރު ބަތަލު ޓޮމް ކްރޫޒަށް ލިބެން އޮއްވައި އެ ޝަރަފު ރަޝިއާ އިން އޭނާ އަށް ގެއްލުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ފީޗާ ފިލްމެއް ފުރަތަމަ ޝޫޓް ކުރުމުގެ ޝަރަފު ހޮލީވުޑްގެ މަޝްހޫރު ބަތަލު ޓޮމް ކްރޫޒަށް ލިބެން އޮއްވައި އެ ޝަރަފު ރަޝިއާ އިން އޭނާ އަށް ގެއްލުވާލައިފި އެވެ.

ރަޝިއާ އިން ގައުމުން "ޗެލެންޖް" ގެ ނަމުގައި ހަދާ ފިލްމެއްގެ ޝޫޓިން އަށް 12 ދުވަހުގެ ދަތުރެއްގައި އަންގާރަ ދުވަހު ވަނީ ޖައްވީ ސްޓޭޝަނަށް ގޮސްފަ އެވެ. މި ފިލްމަކީ ޖައްވީ ސްޓޭޝަނުގައި ހުއްޓައި ކުއްލިއަކަށް ބަލިވެ ކޮސްމޮނޯޓެއްގެ އޮޕަރޭޝަނަކަށް ދުނިޔެ އަށް ގެންދެވެން ނެތުމުން އޭނާގެ ފަރުވާ އަށް ދާ އަންހެން ޑޮކްޓަރެއްގެ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

ރަޝިއާގެ ޗެނެލް ވަން ޓީވީން ފަންޑް ކޮށްގެން ހަދާ "ޗެލެންޖް" ގެ ބަތަލާ އަކީ ރަޝިއާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޔޫލިއާ ޕެރެސިލްޑް، 37، އެވެ. ޝޫޓިން އަށް އޭނާ އައިއެސްއެސް އަށް ދިޔައީ ފިލްމުގެ ޕްރޮޑިއުސަރު ކްލިމް ޝިޕެންކޯ އާއި ރަޝިއާގެ މަޝްހޫރު ކޮސްމޮނޯޓް އޭންޓަން ޝްކަޕްލެރޯވްއާ އެކީގަ އެވެ. ޝޫޓިން އަށް ފުރީ ވަރަށް ގިނަ ދުވަހުގެ ތަމްރީނުތަކަކަށް ފަހުގަ އެވެ.

ޝޫޓިން އަށް ފަހު ކްރޫ ދުނިޔެ އަށް އެނބުރި އަންނާނީ މި މަހުގެ 16 ގަ އެވެ.

"ޗެލެންޖް" ގެ ޝޫޓިން އަށް ޖައްވީ ސްޓޭޝަނަށް ދިޔަ ކްރޫ.

"ޗެލެންޖް" ގެ ޝޫޓިން އަށް ޖައްވީ ސްޓޭޝަނަށް ދިޔަ ކްރޫ.

މިކަމާ ބެހޭ ގޮތުން ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސްގެ ވެރިޔާ ޑިމިޓްރީ ޖޯކް ޖައްސަވައި ވިދާޅުވީ އައިއެސްއެސްގައި ފީޗާ ފިލްމެއް ޝޫޓް ކުރުމަކީ ވަރަށް ޑްރެމެޓިކް ކަމެއް ކަމަށާއި އެހެންވެ އެ ފިލްމު ވެސް ވަކިން ބޮޑަށް ޑްރެމެޓިކް ވާނެ ކަމަށެވެ.

ޖައްވީ ސްޓޭޝަނުގައި ކްރޫޒްގެ ފިލްމެއް ޝޫޓްކުރަން ނިންމިކަން އިއުލާންކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ސްޕޭސް އެޑްވެންޗާއެއްގެ ގޮތުގައި ހަދަން ނިންމާފައިވާ އަދި ވަކި ނަމެއް ދީފައި ނުވާ އެ ފިލްމަކީ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްގެ އެހީއާ އެކު ޖައްވީ ސްޓޭޝަނުއި ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

އޭގެ ޑައިރެކްޓަރަކީ ކްރޫޒްގެ 2014 ގެ "އެޖް އޮފް ޓުމޯރޯ" އާއި 2017 ގެ "އެމެރިކަން މޭޑް" ގެނެސްދިން ޑަގް ލިމަން އެވެ.

މީގެ ކުރިން ވެސް ޖައްވީ ސްޓޭޝަނުގައި ބައެއް ޑޮކިއުމަންޓަރީ އާއި ކުރު ފިލްމު ޝޫޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކްރޫޒް ނެރޭޓްކޮށް ދިން 2002 ގެ އައިމެކްސް ޑޮކިއުމަންޓަރީ "ސްޕޭސް ސްޓޭޝަން" އާއި 2012 ގެ އަށް މިނިޓްގެ ސައިންސް ފިކްޝަން ފިލްމު "އެޕަޖީ އޮފް ފިއާ" ހިމެނެ އެވެެ.