Roadha Mihaaru
އިންޑިއާގެ ނުވަ ސިޓީއަކުން 200 ދިވެހިން ގެންނަނީ

އިންޑިއާގެ ނުވަ ސިޓީއަކުން 200 ދިވެހިން ގެންނަނީ

06 މެއި 2020

އިންޑިއާގެ ނުވަ ސިޓީއެއްގައި ތިބި 200 ދިވެއްސަކު އަންނަ ހަފުތާގައި ރާއްޖެ ގެންނަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާގެ ނުވަ ސިޓީއެއްގައި ތިބި 200 ދިވެއްސަކު އަންނަ ހަފުތާގައި ރާއްޖެ ގެންނަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ޕަންބްޖާބު، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާއި، ޓްރިވެންޑްރަމް އަދި ކޮޗިން އިން ދިވެހިން ގެންނަނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ކަމަށެވެ. އެ މީހުން އަންނާނީ އަމިއްލައަށް ޓިކެޓު ގަނެގެންނެވެ. ޓިކެޓިންގެ ކަންކަން ކުރިއަށްގެންދާނީ މޯލްޑިވިއަނުން ކަމަށް ބުންޏެވެ.

މީހުން ގެންނަ ބޯޓު އެންމެ ފުރަތަމަ ޖައްސާނީ ދިއްލީއަށެވެ. އެއަށް ފަހު މާލެ އަންނާނީ ޓްރިވެންޑްރަމުން މީހުން ގޮވައިގެންނެވެ.

މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިއުމުގައި ރާއްޖޭގެ ހައި ކޮމިޝަނުންނާއި ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

"ބޭސްފަރުވާއަށް އިންޑިއާ އަށް ގޮސް، ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި ރިޕަޓްރިއޭޝަން ފްލައިޓުތަކުގައި އައުމަށް އެއާޕޯޓުތަކަށް ދިއުމަށް ދަތި، ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން ވެސް މި ފްލައިޓުގައި އަންނާނެ،" މިއުވާން ވިދާޅުވި އެވެ.

އިންޑިއާއިން 200 ދިވެހިން ގެނައުމަށްފަހު، ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިން 14 ދުވަހަށް ކަރަންޓީން ކުރާނެ އެވެ.

އިންޑިއާގައި ތިބި ދިވެހިން ގެންނަން ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ފްލައިޓުތައް ބާއްވާނެ ކަމަށް ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް، އިންޑިއާ ލޮކްޑައުންކުރުމާ ގުޅިގެން ދަތުރުފަތުރުކުރުން ވަނީ އެއްކޮށް ހުއްޓިފަ އެވެ. އެހެންވެ އެ ގައުމުގައި ތާށިވެފައި ތިބި ދިވެހިން މީގެ ވެސް ރާއްޖެ ގެނެސްފައި ވެ އެވެ. މިހާތަނަށް އިންޑިއާއިން އެކަނި ވސް 500 އަށްވުރެ ގިނަ ދިވެހިން ގެނެސްފައި ވެ އެވެ. އޭގެ އިތުރުން ސްރީލަންކާ އާއި މެލޭޝިޔާއިން ވެސް ދިވެހިން ވަނީ ގެނެސްފަ އެވެ.