Roadha Mihaaru

އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުގައި ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުތައް ފަށައިފި އެވެ.

އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 މާޗް 2025

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުގައި ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުތައް ފަށައިފި އެވެ.

ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް އޭ330 މަތިންދާބޯޓުގެ ފުރަތަމަ ފްލައިޓު ޖެއްސީ އިއްޔެ މެންދުރު ފަހެވެ.

ކޮޗިން އާއި ޓްރިވަންޑްރަމަށް މި ބޯޓު ދަތުރުކުރަން ފެށިއިރު މިއީ ބޭސްފަރުވާއަށް ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ ދެ ސިޓީ އެވެ.

މީގެ ކުރިން ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުކުރަނީ މޯލްޑިވިއަންގެ އޭޓީއާރު 72 މަރުކާގެ ބޯޓާއި އެއާބަސް އޭ320 މަރުކާގެ ބޯޓުގަ އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭ330 މަތިންދާބޯޓުގައި ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުތައް އިއްޔެ ކުރީ ބޮޑު ޑިމާންޑެއް އޮތުމުންނެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާ ނަމ، ބޮޑު ބޯޓެއްގައި މީހުން އުފުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާބަސް އޭ330 ބޯޓުން 260 މީހުން އުފުލެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހަށް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާގެ ދަތުރުތައް ކުރެވޭއިރު ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ.

އެ ބޯޓުން ވަނީ ޗައިނާގެ ޝެންހާއީ އަށް ވެސް ދަތުރުތައް ފަށައިފަ އެވެެ.

އެއާބަސް އޭ330 ގެ އިތުރު ބޯޓެއް ގަތުމަށް ވެސް މޯލްޑިވިއަނުން މަސައްކަތް އެބަ ކުރެ އެވެ. އެ ބޯޓާ އެކު އެއާލައިނުން ޔޫރަޕްގެ ސިޓީތަކަށް ވެސް ސީދާ ދަތުރުތައް ކުރާނެ އެވެ.