Roadha Mihaaru
"ގަންގްބާއީ" ގެ ސެޓް ރޫޅާލަނީ، 15 ކްރޯޑްގެ ގެއްލުމެއް

"ގަންގްބާއީ" ގެ ސެޓް ރޫޅާލަނީ، 15 ކްރޯޑްގެ ގެއްލުމެއް

08 މެއި 2020

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މި އަހަރުގެ ސެޕްޓެމްބަރު މަހު ގެނެސްދޭން އިއުލާންކުރި ފިލްމު "ގަންގްބާއީ ކަތިއަވާޅީ" ގެ ޝޫޓިން އަށް ތައްޔާރުކުރި ސެޓެއް ރޫޅައިލަން ޖެހި، 15 ކްރޯޑް ރުޕީސްގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މި އަހަރުގެ ސެޕްޓެމްބަރު މަހު ގެނެސްދޭން އިއުލާންކުރި ފިލްމު "ގަންގްބާއީ ކަތިއަވާޅީ" ގެ ޝޫޓިން އަށް ތައްޔާރުކުރި ސެޓެއް ރޫޅައިލަން ޖެހި، 15 ކްރޯޑް ރުޕީސްގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާލިއާ ބަޓާ އެކު ހަދާ އެ ފިލްމަކީ 1960ގެ އަހަރުތަކުގެ ތެރޭގައި މުމްބާއީގައި އުޅުނު މާފިއާ ކްއީން ގަންގްބާއީގެ ވާހަކަ ކިޔައިދޭ ފިލްމަކަށްވާތީ އެ ޒަމާން ދައްކުވައިދޭ ގޮތަށް ވަރަށް ފުރިހަމަ ސެޓެއް ފިލްމު ޝޫޓްކުރަން މުމްބާއީގެ ގޮރެގާއޯން ފިލްމު ސިޓީގައި ހަދާފައިވެ އެވެ.

ނަމަވެސް ކޮރޯނާވައިރަހާ އެކު އިންޑިއާގައި އިއުލާންކޮށްފައި އޮތް ލޮކްޑައުން ދިގުދަންމަމުންދާތީ އަލުން ފިލްމުގެ މަސައްކަތް ފެށޭނެ އިރެއް ނޭނގޭތީ އާއި ކުރިއަށް އޮތީ ވިއްސާރަ މޫސުން ކަމަށްވާތީ ސެޓް ރޫޅައިލުން ނޫން ގޮތެއް މި ވަގުތު ނެތް ކަމަށް މީޑިއާތަކުން ބުންޏެެވެ.

މިއާ އެކު 15 ކްރޯޑް ރުޕީސް (1,973,490 ޑޮލަރު) ގެ ގެއްލުމެއް ލިބޭނެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ތެރޭގައި ޝޫޓިން ފެށި "ގަންގްބާއީ ކަތިއަވާޅީ" ގެ ވަރަށް ގިނަ މަސައްކަތްތައް އަދި ކުރިއަށް އެބަ ހުއްޓެވެ. އެގޮތުން ފިލްމުގެ ބޮޑު ބައި އަދި ޝޫޓްނުކުރެވި، އެކަން ދިގުލައިގެންދާތީ ކުރިން ތާވަލުކޮށްފައި އޮތް ތާރީހު ކަމަށްވާ ސެޕްޓެމްބަރު 11 ގައި ފިލްމު ގެނެސްދެވޭނެކަމާ ދޭތެރޭ ވެސް ޝައްކު ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

"ގަންގްބާއީ ކަތިއަވާޅީ" ގެ ކާސްޓުންގެ ތެރޭގައި އާލިއާ އެކު ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ އާއި ވިޖޭ ރާޒް އަދި މުހައްމަދު ސަމަދު ފެނިގެންދާނެ އެވެ.

މި ފިލްމަކީ ކުރިން މި އަހަރުގެ ފިތުރު އީދުގައި ސަލްމާން ޚާނާއި އާލިއާއާ ބަންސާލީ ގެނެސްދޭން އިއުލާންކުރި ފިލްމު "އިންޝާﷲ" އިން ސަލްމާން ވަކިވުމުން، އެ ފިލްމު ބޭއްވުމަށް ފަހު، ބަންސާލީ ހަދަން ފެށި ފިލްމެވެ.

ނަމަވެސް އިންޑިއާގެ ލޮކްޑައުނާ އެކު، "ގަންގްބާއި ކަތިއަވާޅީ" ގެ މަސައްކަތް މިހާރު އޮތީ ވާނުވާގަ އެވެ.

ލޮކްޑައުނާ އެކު އިންޑިއާގެ މުޅި ފިލްމު އިންޑަސްޓްރީ ހުއްޓުމަށް އައިސްފައިވާ އިރު ބަންސާލީގެ ފިލްމަށް ދިމާވި ކަހަލަ މައްސަލަތަކެއް އަޖޭ ދޭވްގަންގެ "މައިދާން" އާއި ކަންނަގާ ރަނާވަތުގެ "ތަލައިވީ" އަށް ވެސް ވަނީ ކުރިމަތިވެފަ އެވެ.