Roadha Mihaaru
މާޗުން ނޮވެމްބަރަށް ހޭދަވީ 15 މިނިޓް: ކާޖޮލް

ކާޖޮލް ބުނަނީ މާޗުން ނޮވެމްބަރަށް ނެގީ 15 މިނިޓް ކަމަށް

03 ޑިސެމްބަރ 2020

މި އަހަރު ކޮވިޑް-19 އާ ހެދި ވަރަށް އަވަހަށް ނިމިއްޖެ ކަމަށާއި މާޗު މަހުން ފެށިގެން ނޮމެވްބަރާ ހަމައަށް ދިޔައީ 15 މިނެޓުން ކަމަށް ބޮލީވުޑްގެ ބަތަލާ ކާޖޮލް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ކޮވިޑް-19 އާ ހެދި ވަރަށް އަވަހަށް ނިމިއްޖެ ކަމަށާއި މާޗު މަހުން ފެށިގެން ނޮމެވްބަރާ ހަމައަށް ދިޔައީ 15 މިނެޓުން ކަމަށް ބޮލީވުޑްގެ ބަތަލާ ކާޖޮލް ބުނެފި އެވެ.

"އަހަންނަށް އިހުސާސްކުރެވެނީ އެގޮތަށް. މިހާރު މި ތިބީ ޑިސެމްބަރުގެ ތެރޭގައި،" އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއަކާ އެކު ކާޖޮލް ލިޔެފައިވެ އެވެ.

ކޮވިޑާ ހެދި އިންޑިއާގެ ފިލްމު އިންޑަސްޓްރީ މި އަހަރު ހުއްޓުމަކަށް އައި އިރު، މާޗް މަހުގެ 25 އިން ފެށިގެން ޖޫން މަހުގެ މެދުތެރެއާ ހަމައަށް އިންޑިއާގައި އޮތީ ވަރަށް ހަރުކަށިކޮށް ލޮކްޑައުން އިއުލާންކޮށްފަ އެވެ. އެގޮތުން ފޭސްތަކަކަށް ބަހާލައިގެން ލުއިދެމުން ގޮސް މިހާރު ހާލަތަށް އިންޑިއާ ދިޔައީ ސެޕްޓެމްބަރު ހިސާބުގަ އެވެ.

ލޮކްޑައުންގެ ތެރޭގައި ގައުމުގެ އެތެރެ އާއި ބޭރުގެ ދަތުރުފަތުރުތަކާއި އެތައް ވިޔަފާރިއަކާއި ސްކޫލްތަކާއި އެ ނޫން ވެސް އެތައް އަސާސީ ހިދުމަތްތަކެއް ހުއްޓުމަކަށް އައެ އެވެ. ލޮކްޑައުންގައި މި އަހަރު އިންޑިއާ އިން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް އިންޑަސްޓްރީ އަކީ ފިލްމީ ދާއިރާ އެވެ. މާޗް މަހުގެ ފަހުކޮޅު ސިނަމާތައް ބަންދުކުރި ގޮތަށް ސިނަމާތައް އަލުން ހުޅުވަން ހުއްދަ ދިނީ އޮކްޓޯބަރު މަހުގެ 15 އިން ފެށިގެންނެވެ.

ނަމަވެސް އަދިވެސް އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން ނުދާތީ ސިނަމާތަކުގެ ވިޔަފާރި ވަރަށް ދަށެވެ. މި އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި އަޅުވާނެ ބޮޑު ފިލްމެއް ވެސް ނެތެވެ.

މި އަހަރު ސިނަމާތަކުގައި ރިލީޒްކުރަން ފުރުސަތު ލިބުނު ފިލްމުތަކުގެ ތެރެއިން އެންމެ ހިނގި ފިލްމަކީ ޖެނުއަރީ 10 ގައި ރިލީޒްކުރި ކާޖޮލް އާއި ފިރިމީހާ އަޖޭ ދޭވްގަން އެކީގައި ފެނިގެން ދިޔަ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ. ޖުމްލަ 115 ކްރޯޑް ރުޕީސް (15.614 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 367.65 ކްރޯޑް ރުޕީސް (49,924 މިލިލިއަން ޑޮލަރު) ލިބުނެވެ.