Roadha Mihaaru
ކުޅުދުއްފުށީގެ ލޮކްޑައުނަށް އަނެއްކާ ވެސް ހަތް ދުވަސް

ކުޅުދުއްފުށީގެ ލޮކްޑައުން އަނެއްކާ ވެސް ހަތް ދުވަސް އިތުރުކޮށްފި

07 މެއި 2020

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހދ. ކުޅުދުއްފުއްޓަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އަނެއްކާ ވެސް ހަތް ދުވަސް އިތުރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހދ. ކުޅުދުއްފުއްޓަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އަނެއްކާ ވެސް ހަތް ދުވަސް އިތުރުކޮށްފި އެވެ.

ރާއްޖޭގައި މި ބަލި ހަލުވި ކަމާ އެކު ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންމެ ފުރަތަމަ ކުޅުދުއްފުށި ލޮކްޑައުން ކުރަން އެ ރަށުގައި ހުންނަ ކޮވިޑް ޓާސްކް ފޯހުން ނިންމީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. ލޮކްޑައުން ލުއި ކުރުމަށް ފަހު މިއަދާ ހަމައަށް މުއްދަތު އިތުރު ކުރީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ރަށަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައި ވަނީ، ކުރިން އިއުލާންކޮށްފައިވާ ލުއިތަކާ އެކު ކަމަށެވެ.

އެހެންކަމުން ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން މެންދުރު 3:30 އާ ހަމައަށް ކައުންސިލްގެ ހުއްދައާ ނުލާ ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ނިކުމެވޭނެ އެވެ. ނަމަވެސް އެ ނޫން ވަގުތުތަކުގައި ގެއިން ނިކުމެވޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެނެވެ. ލޮކްޑައުންއާ ހިލާފަށް އަމަލުކުރާ މީހުން 500 ރުފިޔާ އާއި 5،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ކުޅުދުއްފުށި ކައުންސިލަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައި ވެ އެވެ.

ލަތީފް ވިދާޅުވީ، ލޮކްޑައުންގެ އަމުރުތަކާ ހިލާފުވި ދެ މީހަކު ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ވެސް ޖޫރިމަނާ ކުރީ 500 ރުފިޔާ އިން ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު މާލެ އިން ފެނުމުން މާލެ ސަރަހައްދު ލޮކްޑައުން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ. މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދަށް އިއުލާންކުރި ލޮކްޑައުންގެ މުއްދަތު އެޗްޕީއޭ އިން ވަނީ އިތުރުކޮށްފަ އެވެ.

މިހާތަނަށް 618 މީހަކު ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ އިރު، ގިނައީ ބިދޭސީންނެވެ. މި ބަލި ޖެހުނު 20 މީހަކު ރަނގަޅުވެފައިވާ އިރު، ދެ މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ދިވެއްސަކާއި ބިދޭސީއަކު ހިމެނެ އެވެެ.