Roadha Mihaaru
ކުޅުދުއްފުށި ކައުންސިލް ގޮނޑި ވެސް ޕީއެންސީ އަށް

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ގޮނޑި ވެސް ޕީއެންސީ އަށް!

20 ޖުލައި 2024

އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލް އޮތް ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އުތުރު ދާއިރާގެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މިއަދުގެ ބައި އިލެކްޝަންގައި ކާމިޔާބު ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލް އޮތް ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އުތުރު ދާއިރާގެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މިއަދުގެ ބައި އިލެކްޝަންގައި ކާމިޔާބު ކޮށްފި އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލުން ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ދާއޫދު އެ ދާއިރާގެ މަޖިލިސް ގޮނޑި އަށް އިންތިހާބު ވުމުންނެވެ.

ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރެއްވީ އިބްރާހިމް އަހުމަދެވެ. އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވީ ޝަމްނޫޒް މުހައްމަދެވެ.

މިހާތަނަށް ލިބިފައިވާ ބައި އިލެކްޝަން ނަތީޖާ ދައްކާ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް 445 ވޯޓު ހޯއްދެވިއިރު އެމްޑީޕީގެ ކެންޑިޑޭޓް ޝަމްނޫޒަށް ލިބިވަޑައިގަތީ 185 ވޯޓެވެ.

ބޮޑު ތަފާތަކުން ޕީއެންސީ އެ ގޮނޑި ކާމިޔާބު ކުރި އިރު ކުޅުދުއްފުށި ސިޓީ ކައުންސިލްގައި ކުރިން ތިއްބެވީ މުޅިން ވެސް އެމްޑީޕީގެ މެންބަރުންނެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވެސް ހުރިހާ ގޮނޑިއެއް ނަގައި، ބޮޑު ކާމިޔާބީއެއް ހޯދީ ސަރުކާރު ނުވަތަ ޕީއެންސީ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ފާތިމަތު ޝައުފާ ސަލީމް ކާމިޔާބު ކުރެއްވި އިރު، މައްޗަންގޮޅި މެދު ދާއިރާ ފާތިމަތު އިޝާން އަލީ އަދި ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަލީ އައިމަން އެވެ.

މާލެ ސިޓީ ކައުންސިލްގެ އެންމެ ފަހުގެ އިންތިހާބުން ފެށިގެން އެ ކައުންސިލްގެ އަޣުލަބިއްޔަތު ހިފަހައްޓަމުން އަންނަނީ ޕީޕީއެމް ނުވަތަ ޕީއެންސީ އެވެ. މި ފަހުން އެެމްޑީޕީ އަށް މާލެ ސިޓީ ކައުންސިލްގެ ކޮންޓްރޯލެއް ނުލިބެ އެވެ.