Roadha Mihaaru
އަކްޝޭގެ "ލަކްޝްމީ ބޮމް" ޖޫންގައި ހޮޓްސްޓާ އަށް

އަކްޝޭ ކުމާރުގެ "ލަކްޝްމީ ބޮމް" ޖޫންގައި ޑިޒްނީ+ހޮޓްސްޓާ އަށް

09 މެއި 2020

މި މަހު ފާހަގަކުރާ ފިތުރު އީދާ ދިމާކޮށް ރިލީޒްކުރަން އޮތް އަކްޝޭ ކުމާރުގެ ފިލްމު "ލަކްޝްމީ ބޮމް" އަންނަ މަހު ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމާފައިވާ ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހު ފާހަގަކުރާ ފިތުރު އީދާ ދިމާކޮށް ރިލީޒްކުރަން އޮތް އަކްޝޭ ކުމާރުގެ ފިލްމު "ލަކްޝްމީ ބޮމް" އަންނަ މަހު ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމާފައިވާ ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ މެމްބަރަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ ހުރިހާ ޕްރޮޑިއުސަރުން އެއްބަސްވުމަށް ފަހު، ޑިޖިޓަލްކޮށް ފިލްމީ ރިލީޒްކުރަން ނިންމާފައިވާތީ ޖޫން މަހުގެ ތެރޭގައި ޑިޒްނީ+ހޮޓްސްޓާ އިން "ލަކްޝްމީ ބޮމް" ގެނެސްދޭނެ ކަމަށެވެ. އަދި 80 ކްރޯޑް ރުޕީސް (11 މިލިއަން ޑޮލަރު) ހަރަދުކޮށްގެން ހަދާފައިވާ އެ ފިލްމުގެ ޑިޖިޓަލް ރައިޓްސް ވިއްކައިލަން ނިންމީ 90-100 ކްރޯޑް ރުޕީސް (12-13 މިލިއަން ޑޮލަރު) އަށް ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ނަމަވެސް މިކަން ފިލްމުގެ ޓީމުން އަދި ރަސްމީކޮށް ކަށަވަރެއްނުކޮށްދެ އެވެ.

ދެކުނު އިންޑިއާގެ ޑައިރެކްޓަރު ރަގަވާ ލޯރެންސް ޑައިރެކްޓްކޮށްފައިވާ ހޮރޯ ކޮމެޑީ "ލަކްޝްމީ ބޮމް" ކުރިން މި މަހުގެ 22 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ އިރު، މީގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.

މި ފިލްމު ސިނަމާތަކުގައި ރިލީޒްނުކޮށް، ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމީ ކޮރޯނާވައިރަހާ ދިމާކޮށް، އިންޑިއާގައި ލޮކްޑައުން އިއުލާންކޮށް، ސިނަމާތައް ވެސް ބަންދުކޮށްފައިވާތީ އެވެ. ރިޕޯޓްތައް ބުނާގޮތުން ދެން އެންމެ އަވަހަށް ވެސް ސިނަމާތައް ހުޅުވޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ސެޕްޓެމްބަރު ހިސާބުގަ އެވެ.

"ލަކްޝްމީ ބޮމް" ޑިޖިޓަލްކޮށް ދޫކޮށްލަން ނިންމި އިރު، އަކްޝޭގެ "ސޫރިޔާޝަންޝީ" އަކީ ވެސް ރިލީޒްނުކުރެވި އޮތް ފިލްމެކެވެ. ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ އެ ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ މިދިޔަ މާޗް މަހުގެ 24 ގަ އެވެ. ނަމަވެސް ލޮކްޑައުނާ އެކު، ފިލްމު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

"ސޫރިޔާވަންޝީ" ވެސް ޑިޖިޓަލްކޮށް ރިލީޒްކޮށްފާނެ ކަމަށް ބުނާ ވާހަކަ އެ ފިލްމުގެ ޕްރޮޑިއުސަރުން ތަކުރާރުކޮށް ދޮގުކޮށްފައިވާ އިރު، އެއީ ސިނަމާތަކުގައި ބަލަން ޖެހޭ ފިލްމެއް ކަމަށް ބުނެފައިވެ އެވެ. އަދި ލޮކްޑައުނުން ސަލާމަތްވެ، ސިނަމާތައް ހުޅުވުމާ އެކު ފިލްމު ރިލީޒްކުރާނެ ތާރީހެއް އިއުލާންކުރާނެ ކަމަށް ބުނެފައިވެ އެވެ.