18 އޮކްޓޯބަރ 2016
އާއްމުންގެ ބޭނުންތަކަށް ދަރުބާރުގެ ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީންގެ ފެކްޝަންގެ ތައްޔާރީތަކަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން ދޫކޮށްފި އެވެ.
އާއްމުންގެ ބޭނުންތަކަށް ދަރުބާރުގެ ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީންގެ ފެކްޝަންގެ ތައްޔާރީތަކަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން ދޫކޮށްފި އެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ އަބްދުﷲ ހަލީލް ދަރުބާރުގޭގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބަށް އެ ފެކްޝަނަށް ދަރުބާރުގެ، ހައުސިން މިނިސްޓްރީން ދޫކޮށްފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ފެކްޝަނަށް ދަރުބާރުގެ ދޫކޮށްފައި ވަނީ އެތަން އާއްމުންނަށް ދޫކުރަން އޮންނަ އުސޫލުގެ ތެރެއިން ކުއްޔަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕާއި ރައީސް ޔާމީނަށް ތާއީދުކުރައްވާ އެ ޕާޓީގެ ކައުންސިލް މެމްބަރުން ފަހަކަށް އައިސް އެކި ބައްދަލުވުންތަކާއި ނިއުސް ކޮންފަރެންސްތައް ދަރުބާރުގޭގައި ބާއްވަން ފުރުސަތު ދޭތީ އިދިކޮޅު ބައެއް ޕާޓީތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައީސް ޔާމީނަށް ތާއީދުކުރާ މީހުންނަށް ދަރުބާރުގޭގައި ބައްދަލުވުންތަކާއި ނިއުސް ކޮންފަރެންސްތައް ބޭއްވުމަށް ހައުސިން މިނިސްޓްރީން އެތަން ދޫކުރި ނަމަވެސް އެހެން އެއްވެސް ޕާޓީއެއްގެ ސިޔާސީ ހަރަކާތެއް ހިންގަން އެތަނުގެ އެއްވެސް ހޯލެއް ދުލެއް ނުކުރެ އެވެ. އެކަމާ ބައެއް ޕާޓީތަކުން ބުނެފައި ވަނީ އެއީ ނުފޫޒު ބޭނުންކޮށްގެން ހިންގާ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.
އެ މައްސަލައާ ބެހޭ ގޮތުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު މިއަދު ވިދާޅުވީ ދަރުބާރުގެ އާއި ދައުލަތުގެ އެހެން ތަންތަން ޕީޕީއެމްގެ ނަމުގައި ބޭނުންކުރަމުން ދަނީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.
"އެ ގާނޫނުގެ 47 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ ދައުލަތުގެ އެއްވެސް އިމާރާތެއް ނުވަތަ މުދަލެއް އަދި ވަސީލަތެއް ހަމައެކަނި އެއް ޕާޓީގެ ބައްދަލުވުންތަކަށް ނުވަތަ ހަރަކާތްތަކަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިދީގެން ނުވާނެ ކަމަށް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ ކަނޑައެޅިގެން އެ ގާނޫނާ ހިލާފަށް ހުރިހާ ކަމެއް ކުރަމުންދާ ތަން،" އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން މިދަނީ އެ ހުރިހާ މައްސަލައެއް ވެސް ބަލަމުން. އަދި ޕީއެސްއެމް އިން ލައިވްކޮށްދޭ މައްސަލައާ ގުޅިގެން އެތަނުން މިދަނީ މައުލޫމާތު ސާފުކުރަމުން. އެ މައްސަލަތައް ބެލުމަށްފަހު ގާނޫނާއި ގަވައިދާ ހިލާފުވެފައިވާ ނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: އޭސީސީ
ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ހަމަހަމަކަމެއް ނެތި ކުރާ ކަންތައްތަކުގެ ގޮތުގައި އަނަސް ފާހަގަކުރެއްވީ، ޕީޕީއެމްގެ ބައްދަލުވުންތަކާއި ހަރަކާތްތައް މުލީއާގެ އާއި ދަރުބާރުގެ އަދި އާޓިފިޝަލް ބީޗްގައި ފަދަ ދައުލަތުގެ ތަންތަނުގައި ބާއްވާތީ އެވެ.
"އެއިން އެއްވެސް ތަނެއްގައި އަޅުގަނޑުމެންގެ ހަރަކާތެއް ބާއްވަން ފުރުސަތެއް ނުދޭ. ކޮންމެވެސް ބަހަނާއެއް ދައްކާފައި އަޅުގަނޑުމެންނަށް ޖާގައެއް ނުދެވޭ. ދައުލަތުގެ ތަންތަން ނުދޭ މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަށާއި ޕޮލިސް އަދި ހައުސިން އަށް ވެސް އެތައް ސިޓީއެއް ފޮނުވާފައިވާނެ،" އޭނާ ވިދާޅުވި އެވެ.
މުލީއާގޭގައި ދާދި ފަހުން ބޭއްވި ބައްދަލުވުމަކަށް ފަހު ޕީޕިއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން (ވ) އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު، މުލީއާގޭގެ ބޭރުގައި މަޑުކޮށްލައްވައިގެން.---ފޮޓޯ: މިހާރު
އަނަސް ވިދާޅުވީ އެމްޑީޕީގެ ޖަލްސާއެއް ބާއްވާނެ ތަނެއް ނުލިބިގެން ފުލުހުންނާ ބައްދަލުކުރުމުން، ހުރިހާ ފަރާތެއް ހިމެނޭ ގޮތަށް ބައްދަލުވުމެއް ބާއްވަން އެންގި ކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަން ފިޔަވައި ހުރިހާ ފަރާތަކާ އެކު ބައްދަލުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިލެކްޝަން ކޮމިޝަން ފިޔަވައި ހުރިހާ ތަނަކާ ބައްދަލުކުރެވުނު. މިދިޔަ އަހަރު ފަހުކޮޅު އެއީ. އެކަމަކު އެ ބައްދަލުވުން އަޅުގަނޑުމެން އިސްނަގައިގެން ބޭއްވީމަ އެއްވެސް ބަޔަކު އެދުނު ކަންތައްތަކެއް ނުކޮށްދިން،" އަނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި އެ ބައްދަލުވުންތަކަށް ފަހު، ދައުލަތުގެ ތަންތަން ގާނޫނާ ހިލާފަށް ބޭނުންކުރާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ބެލި ކަމެއް އެއާ ބެހޭ އެއްވެސް ތަފުސީލެއް ލިބިފައިނުވާ ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތަކަށް ދަރުބާރުގެ ފަދަ ތަންތަން އެހެން ޕާޓީތަކަށް ނުދީ ބޭނުންކުރުން އެއީ ނުފޫޒު ބޭނުންކޮށްގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނުގެ 47 ވަނަ މާއްދާއާ ހިލާފުވާ ފަރާތްތައް 30،000ރ. އާއި 75،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.
ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން މިދިޔަ ބުރާސްފަތި ދުވަހު ދަރުބާރު ގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ދަރުބާރުގެ ހަމަހަމަ އުސޫލަކުން ދޫނުކުރާ މައްސަލަ ބޮޑު. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ދަރުބާރުގެ ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަންގެ ހަރަކާތްތަކަށް ދޫކުރުމުގެ އިތުރުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން އެހެން ޕާޓީތަކަށް ފުރުސަތު ނުދޭ މައްސަލަ ވެސް އަނަސް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ޕީއެސްއެމް އިން ހިންގާ ޓީވީއެމް އިން އެމްޑީޕީގެ ޕްރެސް ކޮންފަރެންސްތައް ލައިވްކޮށް ދޭން އެދުނު ނަމަވެސް އެކަން ނުކޮށް ނުދޭ ކަމަށެވެ.
"އަޅުގަނޑުމެން އެދުނިން ޓީވީއެމްގެ ރާއްޖެ މިއަދުން ވެސް ޖާގަދޭން. އެކަމަކު މިހާތަނަށް އަޅުގަނޑުމެންނަށް އެ ފުރުސަތެއް ނުދޭ. އެކަމަކު އަޅުގަނޑުމެންނަށް އެބަ ފެނޭ ރައީސް ޔާމީންގެ ހުރިހާ ޖަލްސާތަކާއި ޕީޕީއެމްގެ ބައްދަލުވުންތައް ވެސް ޓީވީއެމް އިން ލައިވްކޮށްދޭ ތަން. މި މައްސަލަ ވެސް އަޅުގަނޑުމެން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅިން. އެކަމަކު އެ މައްސަލައަށް ވީގޮތެއް ނޭނގެ،" އަނަސް ވިދާޅުވި އެވެ.
އެ މައްސަލަތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ސަރުކާރާއި ދައުލަތުގެ މީޑިއާ އިން ވެސް މިހާތަނަށް އަމަލުކޮށްފައި ވަނީ އެއްވެސް ހަމަހަމަ ކަމެއް ނެތި ވަރަށް ބޮޑަށް ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ.
ދަރުބާރުގެ ހަމައެކަނި ޕީޕީއެމްގެ ނަމުގައި ބާއްވާ ބައްދަލުވުންތަކަށް ދޫކުރާ މައްސަލައާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ބަހެއް ހޯދުމަށް މިދިޔަ ދެ ދުވަހު މަސައްކަތް ކުރި ނަމަވެސް އެތަނުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ރައީސް ޔާމީންގެ ފެކްޝަންގެ ހަރަކާތްތައް ޓީވީއެމުން ލައިވްކުރާ މައްސަލާގައި ޓީވީއެމުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ.
ރައީސް ޔާމީންގެ ފެކްޝަންގެ ހަރަކާތްތަކަށް އެކަނި ދަރުބާރުގެ ދޫކުރުމާއި ޓީވީއެމް އިން އެ ފެކްޝަންގެ ނިއުސް ކޮންފަރެންސްތައް ލައިވް ކޮށްދޭ މައްސަލާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމް ހިންގާ އިމާރާތް: އެތަނުން ހިންގާ ޓީވީއެމް އިން ލައިވްކުރުމުގައި ހަމަހަމަ އުސޫލެއް ނުގެންގުޅޭ ކަމުގެ ޝަކުވާ ބޮޑު.
އެ މައްސަލައާ ބެހޭ ގޮތުން އަލީ ވިދާޅުވީ ރައީސް ޔާމީންގެ ފެކްޝަންގެ ހަރަކާތްތަކަށް ދައުލަތުގެ ތަންތަން ދޫކޮށް ޓީވީއެމް އިން ލައިވްކޮށްދެނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ ފެނޭ އިލެކްޝަން ކޮމިޝަނަށާއި ޕީއެސްއެމް އަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާ މިންވަރު. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން އެއީ މިނިވަން ތަންތަން ކަމަކަށް. އެހެންވީމަ އަޅުގަނޑުމެން އެއްވެސް ފުރުސަތެއް ނުލިބެނީ،" އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ރައީސް ޔާމީން ބައިވެރިވެވަޑައިނުގަންނަވާ ބައެއް ބައްދަލުވުންތައް ވެސް މުލިއާގޭގައި ބާއްވާފައިވާ ކަމަށެވެ.
"މިކަމުގެ ޝަކުވާ އެކި ފަރާތްތަކަށް ހުށަހެޅިން. އެގޮތުން އޭސީސީ އަށާއި އިލެކްޝަނަށް ވެސް ހުށަހެޅިން. އެއިން އެއްވެސް މައްސަލައެއް ހިންގާ ކަމެއް އެނގިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ދައުލަތުގެ ތަންތަން ސިޔާސީ ޕާޓީތަކަށް ހަމަހަމަ އުސޫލެއްގެ ތެރެއިން ދޫކުރަން ޖެހެ އެވެ. އަދި ޕީއެސްއެމް އިން ވެސް އަމަލުކުރަން ޖެހޭނީ އެގޮތަށް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑުމެންނަށް ޝަކުވާ ލިބިފައި އެބަހުރި މުލިއާގޭގައި ޕީޕީއެމްގެ ބައްދަލުވުންތައް ބާއްވަމުންގެންދާ މައްސަލައާ ގުޅޭ ގޮތުން. އޭގެ އިތުރުން ޕީއެސްއެމްއާ ގުޅޭ ޝަކުވާތައް ވެސް އެބަހުރި. އެންމެ ފަހުން އަޅުގަނޑުމެންނަށް ހުށަހަޅާފައި ވަނީ ފުވައްމުލަކުގައި ބޭއްވި ޕީޕީއެމްގެ ބައްދަލުވުމެއް ލައިވްކޮށްދިން މައްސަލައެއް،" މުއައްވިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުލީއާގޭގެ އާއި ދަރުބާރުގޭގައި ބައްދަލުވުންތައް ބޭއްވުމަށް ހަމަހަމަ އުސޫލަކުން ހުރިހާ ސިޔާސީ ޕާޓީތަކަށް ނުދޭ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ޕީއެސްއެމް އިން ހަމައެކަނި ރައީސް ޔާމީންގެ ފެކްޝަންގެ ބައްދަލުވުންތައް ލައިވްކޮށްދޭ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ އެ ހުރިހާ މައްސަލައެއް ވެސް ބަލަމުން. އަދި ޕީއެސްއެމް އިން ލައިވްކޮށްދޭ މައްސަލައާ ގުޅިގެން އެތަނުން މިދަނީ މައުލޫމާތު ސާފުކުރަމުން. އެ މައްސަލަތައް ބެލުމަށް ފަހު ގާނޫނާއި ގަވައިދާ ހިލާފުވެފައިވާ ނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން،" އޭސީސީގެ ނައިބު ރައީސް ވިދާޅުވި އެވެ.
ޕީޕީއެމް ޖަގަހަ ހަދާ މައްސަލަ އޭސީސީން ބަލަން ފަށައިފި
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
މައްސަލަ ނެތް ފްލެޓްތަކުގެ ލިސްޓެއް މިނިސްޓްރީއަށް
ނުހައްގުން ފްލެޓް! މިފަހަރު އިންސާފުވެރިވާނީ ކިހިނެއް؟
ފްލެޓުތަކުގެ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ
ފްލެޓު މައްސަލާގައި މީހުން ހާޒިރުކޮށް ސުވާލުކުރަނީ
ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އޭސީސީ އަށް ދެނީ
4000 ފްލެޓު ބަހާލަން އުޅޭ ކަމަށް ބުނެ އޭސީސީ އަށް