Roadha Mihaaru
"އެވެޓާ" ގެ ސީކްއެލްތަކަށް ބިލިއަން ޑޮލަރުގެ ބަޖެޓެއް

"އެވެޓާ" ގެ ސީކްއެލްތަކަށް ބިލިއަން ޑޮލަރުގެ ބަޖެޓެއް

14 މެއި 2020

ޑައިރެކްޓަރު ޖޭމްސްގެ ކެމެރަންގެ ކާމިޔާބު ފިލްމު "އެވެޓާ" ގެ ހަތަރު ފިލްމެއް ގެނެސްދޭން ނިންމާފައިވާ އިރު، މި ފިލްމުތަކުގެ ބަޖެޓް ބިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ޖޭމްސްގެ ކެމެރަންގެ ކާމިޔާބު ފިލްމު "އެވެޓާ" ގެ ހަތަރު ފިލްމެއް ގެނެސްދޭން ނިންމާފައިވާ އިރު، މި ފިލްމުތަކުގެ ބަޖެޓް ބިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑެޑްލައިނުން ބުނިގޮތުގައި "އެވެޓާ" ގެ ހަތަރު ފިލްމެއްގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، އެއިން ކޮންމެ ފިލްމެއްގެ ބަޖެޓް މަދުވެގެން 250 މިލިއަން ޑޮލަރަށް އަރަ އެވެ. އެހެންވެ މި ފިލްމުތަކުގެ ކޮލިޓީއާ ދޭތެރޭ ކުރަން ޖެހެނީ ވަރަށް ބޮޑެތި އުންމީދުތަކެއް ކަމަށް ބުންޏެވެ.

ދެހާސް ނުވައެއްގައި ގެނެސްދިން "އެވެޓާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް ފިލްމެވެ. ގާތްގަނޑަކަށް 237 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 2.79 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

"އެވެޓާ" ގެ ކުރިއަށް އޮތް ހަތަރު ފިލްމު ބިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާތީ މިކަންވެގެންދާނީ މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން ހަދާ ފުރަތަމަ ފިލްމު ސީރީޒްއަށެވެ.

"އެވެޓާ" ގެ ސީކްއަލްތަކުގެ މަސައްކަތްކުރަމުން އަންނަނީ 2018 އިން ފެށިގެންނެވެ. ކޮރޯނާވައިރަސް ފެތުރެން ފެށި އިރު، ކެމެރަން އާއި އޭނާގެ ޓީމުން ގެންދިޔައީ ނިއު ޒިލެންޑްގައި ފިލްމުގެ މަންޒަރުތަކެއް ނަގަމުންނެވެ.

ނަމަވެސް ވައިރަހާ ހެދި މާޗް މަހުގެ ތެރޭގައި އެ މަސައްކަތް ހުއްޓައިލަން ޖެހުނު ނަމަވެސް، ނިއު ޒިލެންޑް އަލުން އާންމު އާލަތަކަށް އައިސްފައިވާތީ "އެވެޓާ" ގެ ސީކްއެލްތަކުގެ ޝޫޓިންތައް އަލުން ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެ ހުއްދަ ވެސް އެ ގައުމުން ވަނީ ދީފަ އެވެ.

ކެމެރަން ބުނީ މިކަން ވަރަށް އުފާވެރި ކަމަށާއި ކުރިން ހީކުރި ގޮތާ ހިލާފަށް ފިލްމުތަކުގެ ޝޫޓިން ދެން ދިގުލައިގެން ނުދާނެކަމުގެ ޔަގީންކަން ބޮޑުވެއްޖެ ކަމަށެވެ. އެހެންވެ ފިލްމު ރިލީޒްކުރާ ތާރީހުތަކަށް ވެސް ބަދަލެއް ނާންނާނެ ކަމަށް ބުންޏެވެ.

"ޓައިޓޭނިކް" ވެސް ގެނެސްދިން ޑައިރެކްޓަރު ބުނިގޮތުގައި "އެވެޓާ" ގެ ސީކްއެލްތައްވެގެން ދާނީ ބެލުންތެރިން ހައިރާންކޮށްލާ ވަރުގެ ކަންކަން ދައްކުވައިދޭ ފިލްމުތަކަކަށެވެ. މި ފިލްމުތަކުން ވީއެފްއެކްސް އާ މަރުހަލާއަކަށް ގެންދާނެކަން އެއީ މިހާރު ވެސް ޔަގީންވާ ކަމެކެވެ.

"އެވެޓާ" ގެ ފުރަތަމަ ބައި ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 17، 2021 ގަ އެވެ. އޭގެ ފަހުން ދެން ހުރި ބައިތައް ތާވަލުކޮށްފައި ވަނީ 2023، 2025 އަދި 2027 އަށެވެ.