Roadha Mihaaru
"އެވެޓާ" ގެ ސީކްއެލްތައް އަނެއްކާ ވެސް ފަސްކޮށްފި

"އެވެޓާ" ގެ ސީކްއެލްތައް އަނެއްކާ ވެސް ފަސްކޮށްފި

26 ޖުލައި 2020

ޖޭމްސް ކެމެރަންގެ "އެވެޓާ" ގެ ސީކްއެލްތަކަށް ކުރަން ޖެހިފައިވާ އިންތިޒާރު އަނެއްކާ ވެސް ދިގުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖޭމްސް ކެމެރަންގެ "އެވެޓާ" ގެ ސީކްއެލްތަކަށް ކުރަން ޖެހިފައިވާ އިންތިޒާރު އަނެއްކާ ވެސް ދިގުވެއްޖެ އެވެ.

އަންނަ އަހަރުގެ ޑިސެމްބަރު 17 ގައި "އެވެޓާ 2" ސިނަމާތަކަށް އަންނާނެ ކަމަށް ބުނެފައިވާތީ އެކަމަށް ދުރާލައި ކައުންޓްޑައުން ފަށައިގެން ތިބި މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް ހިތާމަވެރި ޚަބަރަކީ އެ ތާރީހުގައި ފިލްމު ނުފެންނާނެކަން ކަށަވަރުވުމެވެ. މިއީ "އެވެޓާ 2" ރިލީޒްކުރުން ފަސްކުރަން ޖެހުނި ތިން ވަނަ ފަހަރެވެ.

ކޮވިޑް-19އާ ހެދި ފިލްމު އިންސްޓްރީ ހުއްޓުމާ އެކު، ޑިޒްނީން މި ވަނީ އެ ސްޓޫޑިއޯ އިން ގެނެސްދޭން ނިންމި ބޮޑެތި ފިލްމުތަކެއްގެ ތާރީހަށް ބޮޑެތި ބަދަލުތަކެއް ގެނައިކަން އިއުލާންކޮށްފަ އެވެ.

"އެވެޓާ" ގެ ސީކްއެލްތަކަކީ އޭގެ ތެރޭގައި ހިމެނޭ ފިލްމުތަކެވެ ކެމެރެން 2009 ގައި ގެނެސްދިން ކާމިޔާބު ފިލްމު "އެވެޓާ" ގެ ހަތަރު ބައެއް އޮތީ ޕްލޭންކޮށްފަ އެވެ. މި ފިލްމުތަކުގެ ޝޫޓިން ނިއު ޒިލެންޑްގައި މިހާރު ވެސް ކުރިއަށް އެބަދެ އެވެ.

އެކަމަކު ކޮވިޑްގެ ސަބަބުން މަސައްކަތްތަކަށް ދިމާވި ލަސްވުންތަކާ ހެދި މިހާރު ކަށަވަރު ކަމަކީ ސީކްއެލްތައް ކުރިން ރިލީޒްކުރަން ތާވަލުކުރި ތާރީހުތަކުގައި ސިނަމާތަކަށް ނާންނާނެ ކަމަށެވެ. އެކަމާ ބެހޭ ކެމެރަން ކުރި ޓްވީޓެއްގައި ބުނީ އަންނަ އަހަރުގެ ޑިސެމްބަރުގައި "އެވެޓާ 2" ގެނެސްދޭން ކުރިން ނިންމި ނަމަވެސް ހާލަތު ނިޔާކުރި ގޮތުން އެ ފުރުސަތު ނެތް ކަމަށެވެ. އެކަމަކު ޔަގީންކަންދޭ ބޭނުންވާ ކަމަކީ ކުރިން ވެސް ފޭނުންނަށް ވައުދުވެފައިވާ ފަދައިން "އެވެޓާ" ސީކްއެލްތަކުގެ ވަރަށް ވެސް ފުރިހަމަ ފިލްމުތަކެއް ގެނެސްދޭނެ ކަމެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން "އެވެޓާ 2" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު 16، 2022 ގަ އެވެ. ދެން ހުރި ބައިތަކަށް ބަލާ އިރު "އެވެޓާ 3" ޑިސެމްބަރު 20، 2024 އަށް ތާވަލުކޮށްފައިވާ އިރު، "އެވެޓާ 4" ސިނަމާތަކަށް ގެންނާނީ ޑިސެމްބަރު 19، 2025 ގަ އެވެ. އަދި "އެވެޓާ 5" ރިލީޒްކުރާނީ ޑސެމްބަރު 22، 2028 ގަ އެވެ.

"އެވެޓާ 2" އަކީ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާ ފިލްމެކެވެ. މީގެ ކާސްޓުން މި ފަހަރު ފެންނާނެ އެންމެ ފާހަގަކޮށްލެވޭ އެކަކީ ކެމެރަންގެ 1997 ގެ "ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓެވެ. "އެވެޓާ 2" އިން ފުރަތަމަ ބައިގެ މުހިއްމު ބައެއް ތަރިންގެ އިތުރުން އިތުރު ކާސްޓެއް ފެނިގެންދާނެ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.