Roadha Mihaaru
ރޯދައިގެ މަދަރުސާގެ އަޚްލާޤީ މުޢާހަދާ (ދެވަނަ ބައި)

ރޯދައިގެ މަދަރުސާގެ އަޚްލާޤީ މުޢާހަދާ (ދެވަނަ ބައި)

15 މެއި 2020

ރޯދައިގެ މަދަރުސާއިން ލިބޭ މަންފާތަކުގެ ތެރެއިން އެއްކަމެއްގެ ގޮތުގައި އިންސާނާއާ ﷲ އާ ދެމެދު އަޚްލާޤީ މުޢާހަދާއެއް ކުރުމަށް ބޭނުންވާނެ ރިވެތި އަޚްލާޤީ ސިފަތަކެއް ދަސްވެ އެވެ. މި ސިފަތަކުގެ ތެރެއިން ބައެއް ސިފަތަކުގެ މައްޗަށް މީގެ ކުރީގެ ލިޔުމުގައި އަލިއަޅުވާލާފައިވާނެ އެވެ. އެއީ ދޫރައްކާތެރިކުރުމާއި، ޙިލްމުވެރިވުމާއި ރުޅިމަޑުވުމާއި މާފުކުރުމާއި ސަމާޙަތްތެރިވުމާއި އުޚުއްވަތްތެރިކަން ދެމެހެއްޓުމާއި ހިތާމަތަކުގައި ބައިވެރިވުމާއި ހިތްތިރިވުމެވެ. މި ލިޔުމުގައި ދެންހުރި ކަންކަން ޚުލާޞާ ކޮށްލެވޭތޯ ބަލާނަމެވެ. މި ރިވެތި އަޚްލާޤީ ސިފަތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވޭ އަޚްލާޤީ މުޢާހަދާ އަކީ ހެޔޮލަފާ ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާނެ މިންވަރަށް އިންސާނާގެ ސުލޫކު ނުވަތަ މުޢާމަލާތު ތަރައްގީ ކޮށްދޭނެ މުޢާހަދާ އެކެވެ. ސަބަބަކީ ރޯދައިގެ ރޫހާ އެކު އެ އަޅުކަން އަދާކުރެވޭ ނަމަ މި ދެންނެވި ތަރުބިޔަތަށް ބޭނުންވާނެ މުހިންމު އުސޫލުތަކަކާއި މަތިވެރި އަޚްލާޤީ ސިފަތަކެއް ދަސްވެގެންދާނެތީ އެވެ. މިގޮތުން އަންނަނިވި ކަންކަން ފާހަގަ ކޮށްލެވެ އެވެ.

ރޯދައިގެ މަދަރުސާއިން ލިބޭ މަންފާތަކުގެ ތެރެއިން އެއްކަމެއްގެ ގޮތުގައި އިންސާނާއާ ﷲ އާ ދެމެދު އަޚްލާޤީ މުޢާހަދާއެއް ކުރުމަށް ބޭނުންވާނެ ރިވެތި އަޚްލާޤީ ސިފަތަކެއް ދަސްވެ އެވެ. މި ސިފަތަކުގެ ތެރެއިން ބައެއް ސިފަތަކުގެ މައްޗަށް މީގެ ކުރީގެ ލިޔުމުގައި އަލިއަޅުވާލާފައިވާނެ އެވެ. އެއީ ދޫރައްކާތެރިކުރުމާއި، ޙިލްމުވެރިވުމާއި ރުޅިމަޑުވުމާއި މާފުކުރުމާއި ސަމާޙަތްތެރިވުމާއި އުޚުއްވަތްތެރިކަން ދެމެހެއްޓުމާއި ހިތާމަތަކުގައި ބައިވެރިވުމާއި ހިތްތިރިވުމެވެ. މި ލިޔުމުގައި ދެންހުރި ކަންކަން ޚުލާޞާ ކޮށްލެވޭތޯ ބަލާނަމެވެ. މި ރިވެތި އަޚްލާޤީ ސިފަތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވޭ އަޚްލާޤީ މުޢާހަދާ އަކީ ހެޔޮލަފާ ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާނެ މިންވަރަށް އިންސާނާގެ ސުލޫކު ނުވަތަ މުޢާމަލާތު ތަރައްގީ ކޮށްދޭނެ މުޢާހަދާ އެކެވެ. ސަބަބަކީ ރޯދައިގެ ރޫހާ އެކު އެ އަޅުކަން އަދާކުރެވޭ ނަމަ މި ދެންނެވި ތަރުބިޔަތަށް ބޭނުންވާނެ މުހިންމު އުސޫލުތަކަކާއި މަތިވެރި އަޚްލާޤީ ސިފަތަކެއް ދަސްވެގެންދާނެތީ އެވެ. މިގޮތުން އަންނަނިވި ކަންކަން ފާހަގަ ކޮށްލެވެ އެވެ.

ދީލަތިވުން

ރަމަޟާންމަހާ ކުރިމަތިލާއިރު އެކަކު އަނެކަކަށް ތަހުނިޔާ ކިޔުމުގައި އެ މަހަކީ ދީލަތި މަހެއްގެ ގޮތުގައި ސިފަކުރަމު އެވެ. އާދެ، "ރަމަޟާން ކަރީމް" އޭ ބުނަމު އެވެ. ސަބަބަކީ އެ މަހުގައި އެކިގޮތްގޮތުން އިހުސާންތެރިވުން އޮންނާތީ އެވެ. ޞަދަޤާތް ކުރުމާއި ހަދިޔާ ދިނުން އޮންނާތީ އެވެ. އެއްބަޔަކު އަނެއްބަޔަކަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި ބަލައިގަތުން އޮންނާތީ އެވެ. އިބްނު ޢައްބާސް، ރަޟިޔަﷲ ޢަންހު، ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަކީ އެންމެ ދީލަތި ބޭފުޅާ އެވެ. އަދި އެކަލޭގެފާނު އެންމެބޮޑަށް ދީލަތިވެ ވަޑައިގަންނަވަނީ ރަމަޟާން މަހު އެވެ. (ބުޚާރީ އާއި މުސްލިމް). މާތް ނަބިއްޔާގެ އަރިހުން ތަރުބިޔަތުވެ ވަޑައިގެންނެވި ޞަޙާބީންގެ ތެރެއިން މި ރިވެތި އަޚްލާޤީ ސިފަ، ތަފާތު އެކި މުނާސަބަތު ތަކުގައި ފެނިފައިވެ އެވެ. ތާރީޚުގައި މީގެ މިސާލުތައް ވަރަށް ގިނަ އެވެ. ދީލަތި ކަމަކީ ﷲ ގެ ސިފަފުޅުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ. އަދި ﷲ އެކަމަށް ލޯބި ކުރައްވާ ކަމެކެވެ. (އިބްނު ޢަސާކިރު). ވީމާ ރޯދައިގެ އަޅުކަމާ އެކުގައި މިކަމަށް ތަމްރީނު ހޯދުން މުހިންމެވެ.

ޢިއްފަތްތެރިވުން

ޢިއްފަތްތެރިވުމަކީ މުސްލިމުންގެ ކިބައިގައި ހުންނަން ޖެހޭ ވަރަށް މާތް ސިފައެކެވެ. މިކަމަށް އޮތް އެންމެ މުހިންމު ވަސީލަތަކީ ކައިވެނި ކުރުމެވެ. އެހެންނަމަވެސް ޖިސްމާނީ ގޮތުންނާއި މާލީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން މިކަމަށް ހުރަސްއެޅޭ ހާލަތްތައް އާދެ އެވެ. އެހެންނަމަވެސް މި ހުރަސްތައް ނައްތާލެވި ފުރުސަތު ތަނަވަސްވަންދެން މަޑުކުރާއިރު ޢިއްފަތްތެރިކަން މަތީ ތިބެން ﷲ އަންގަވަ އެވެ. އެއީ ﷲ ގެ ފަޟްލަވަންތަ ކަމުން އެކަމަށް ފުރުސަތެއް ފަހިކޮށްދެއްވަންދެނެވެ. (އައްނޫރު 33). މިގޮތަށް މި މުއްދަތުގެ ތެރޭގައި ޢިއްފަތްތެރިކަން މަތީ ތިބުމަށް އޮތް ވަރަށް ރަނގަޅު ފަރުވާއެއްގެ ގޮތުގައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އިރުޝާދު ދެއްވާފައި ވަނީ ރޯދަ ހިފުމަށެވެ. ސަބަބަކީ ރޯދައިގެ ސަބަބުން މީހާ ޢިއްފަތްތެރި ކޮށްދޭތީ އެވެ. (ބުޚާރީ އާއި މުސްލިމް).

ކެތްތެރިވުން

ކެތްތެރިވުމަކީ ރޯދައިގެ އަޅުކަމުން އެންމެބޮޑަށް ދަސްކޮށްދޭ އަޚްލާޤީ ސިފަ އެވެ. ސަބަބަކީ ކެތްތެރިވުމުގެ ތެރޭގައި ހިމެނޭ ތިން ބާވަތުގެ ކެތްތެރިވުން ވެސް ރޯދައިގައި ހިމެނޭތީ އެވެ. އެއީ، ﷲ ގެ އަމުރުތަކަށް ކިޔަމަންވުމުގައި ކެތްތެރި ވުމާއި، ﷲ ގެ ނަހީތަކުން ދުރުހެލިވުމުގައި ކެތްތެރިވުމާއި، ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ތަކަށް ކެތްތެރިވުމެވެ. މި ތިން ބާވަތުގެ ކެތްތެރިކަން އަށަގަންނުވަން ދަސްކުރުވާ ސަބަބުތައް ރޯދަވެރިޔާ އަށް ކުރިމަތިވެ އެވެ. މިގޮތުން ރޯދަ ހިފުން އޭގެ ޒާތުގައި ހިމެނެ އެވެ. ފަރްޟު ނަމާދުތަކުގެ އިތުރަށް ސުންނަތް ނަމާދުތަކާއި ޤުރްއާން ކިޔެވުމާއި ޒިކުރު ކުރުން ގިނަކުރަން ޖެހެ އެވެ. ޝަހުވަތްތަކުން ދުރުހެލިވާން ޖެހެ އެވެ. ދުލުގެ އާފާތްތަކުން ސަލާމަތްވާން މަސައްކަތް ކުރަން ޖެހެ އެވެ. ބަނޑުހައިވުމާއި ކަރުހިއްކުމާއި ހޫނުގަދަވުމާއި ބުރަ އުފުލުންތައް ތަހައްމަލް ކުރަން ޖެހެ އެވެ. މި ސަބަބުތަކަށްޓަކައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިވި ވަސައްލަމް، ރަމަޟާން މަހަށް ނަންދެއްވާފައި ވަނީ ވެސް ކެތްތެރި ކަމުގެ މައްސަރުންނެވެ. (އަޙްމަދާއި ނަސާއީ). ކެތްތެރިކަމާއި ނަމާދުން ވާގިވެރިކަން ހޯދަން ކީރިތި ޤުރްއާނުގައި ﷲ އަންގަވާފައިވާ އާޔަތުގައި އެވާ ކެތްތެރިކަމުގެ މުރާދެއް ކަމުގައި ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ އެއީ ރޯދަ ކަމަށެވެ. (މުޖާހިދު).

އަމާނާތްތެރިވުން

ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސްފުޅު ކުރައްވާފައި ވަނީ "ހަމަކަށަވަރުން ރޯދައަކީ އަމާނާތެކެވެ. ފަހެ ތިޔަބައިމީހުންކުރެ ކޮންމެ މީހަކުވެސް އެ މީހެއްގެ އަމާނާތަށް ރައްކާތެރިވާހުށި ކަމެވެ!" (އަލްޚަރާއިޠީ). އަދި އެކަލޭގެފާނު ހަދީސްފުޅު ކުރައްވާ ގޮތުގައި އަމާނާތްތެރިކަން ނެތް މީހެއްގެ އީމާންކަމެއް ނެތެވެ. (އަޙްމަދު އާއި އަލްބައްޒާޒް). ރޯދައިގެ އަޅުކަމަކީ އޭގެ ޒާތުގައި ޚިޔާނާތްތެރިވުމުގެ ފުރުސަތު ފަހި އަޅުކަމެކެވެ. އެހެންނަމަވެސް ރޯދައިގެ ސަވާބު މަތިވެރި ކުރެވިފައިވުމާއި، ރޯދައަކީ ﷲ އާއި އަޅާއާ ދެމެދު އޮންނަ ސިއްރެއްގެ ގޮތުގައި ލައްވާފައި ވުމުން ރޯދައިން ދަސްކޮށްދޭ އަޚްލާޤީ އެއް ސިފައަކީ ކިތަންމެ ބަނޑުހައި ވިއަސް އަދި ކިތަންމެ ކަރުހިއްކިއަސް އަދި ޝަހުވަތަށް ކިތަންމެ ބޭނުންވިއަސް ﷲ އަށް ޚިޔާނަތްތެރިނުވެ ދެމިހުރުމެވެ. މިގޮތުގައި ދެމި ނުހުރެވުމަކީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ހިމެނޭނެ ކަމެއް ކަމުގައިވާތީ ވެސް އަމާނާތްތެރިވާން ރޯދައިން އިތުރަށް މަގުފަހިވެ އެވެ. ކީރިތި ރަސޫލާގެ ހުވަފެންފުޅެއްގައި، ފުންނާބުން އެލުވިފައި މިޔަކަނިތައް ފަޅަފަޅައިގެންގޮސް އެ ތަންތަނުން ލޭފައިބަމުން ދާ ބަޔަކު ފެނިވަޑައިގަތެވެ. އެއީ ކޮންބައެއްތޯ ސުވާލު ދެންނެވުމުން ޖަވާބު ލިބުނީ އެއީ ރޯދަވީއްލާ ވަގުތު ނުޖެހެނީސް ރޯދަވީއްލައި އުޅުނު މީހުން ކަމުގަ އެވެ. (އައްޠަބަރާނީ އާއި އައްނަސާއީ).

ޝުކުރުވެރިވުން

ރޯދަ ފަރްޟު ކުރައްވައި އެއާ ގުޅުންހުރި ކަންކަން ކަނޑައަޅުއްވާފައި ވަނީ އެ މައްސަރުގެ އަދަދު ފުރިހަމަ ކުރުމަށާއި، ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކުބީރު ކިޔައި އުޅުމަށާއި، ﷲ އަށް ޝުކުރު ކުރުމަށްޓަކައި ކަމަށް ﷲ ބަޔާން ކުރައްވާފައިވެ އެވެ. (އަލްބަޤަރާ 185). ޝުކުރު ކުރުމަކީ ނިޢުމަތްތައް ދެއްވާ ފަރާތަށް ހަމްދާއި ސަނާ ކިޔުމާއި ޢަމަލުން އެކަން ދައްކައި ދިނުމެވެ. ކީރިތި ރަސޫލާ ބަޔާން ކުރައްވާ ގޮތުގައި ﷲ ގެ ނިޢުމަތްތަކާ މެދު ވާހަކަ ދެއްކުމަކީ ޝުކުރު ކުރުމެކެވެ. އެކަން ދޫކޮށްލުމަކީ ކުފުރު ވުމެކެވެ. ކިތަންމެ ކުޑަމިންވަރަށް ވިއަސް ޝުކުރު ނުކުރާ މީހަކަށް ބޮޑު މިންވަރަށް ވެސް ޝުކުރެއް ނުކުރެވޭނެ އެވެ. މީސްތަކުންނަށް ޝުކުރު ނުކުރާ މީހަކު ﷲ އަށް ވެސް ޝުކުރު ނުކުރާނެ އެވެ. (އަލްބައިހަޤީ). ވީމާ މިއިން ދަސްކޮށްދެނީ ދިރިއުޅުމުގެ ތެރޭގައި އެކަކު އަނެކަކަށް ވެސް ޝުކުރުވެރިވާން ޖެހޭނެ ކަމެވެ. ރޯދަ ނިމިގެން ޝުކުރު ކުރަން އާދަ ކުރާ ނަމަ ރޯދައިގެ އަޅުކަން ނޫނަސް އެހެން ކަންކަމުގައި ތައުފީޤު ލިބުމުން ވެސް ޝުކުރުވެރިވާން އާދަވާނެ އެވެ. އަދި މީސްތަކުންނަށް ވެސް ޝުކުރުވެރިވާނެ އެވެ.

މި ފާހަގަކުރި ސިފަތަކާއި ކުރީގެ ލިޔުމުގައި ފާހަގަކުރި ސިފަތައް އަދި މިނޫންވެސް އެހެން ރިވެތި އަޚްލާޤީ ސިފަތައް ދަސްކުރުމުގެ ފުރުސަތު ރޯދައިގެ އަޅުކަމުގެ ތެރެއިން ލިބިގެން ދެ އެވެ. އެހެންކަމުން ރޯދަމަސް ނިމިގެންދާއިރު މިފަދަ ސިފަތައް ނަފްސުގައި ހަރުލެއްވުމަކީ ﷲ އާ ތިމާއާ ދެމެދު ވެވޭ އަޙުދެއްގެ ގޮތުގައި ހަދަން މަސައްކަތް ކުރަން ޖެހެ އެވެ. ޢަހުދެއްގެ ގޮތުގައި މިކަން ބަލައިގަތުމަކީ މި ސިފަތައް ދެމެހެއްޓުމަށް ލިބޭނެ ވަރަށް ވަރުގަދަ ބާރަކަށް ވާނެ އެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގެ އަޚްލާޤީ ވަރަށް ގިނަ މައްސަލަތަކެއް ހައްލު ކުރެވޭނެ އެވެ. އޭރުން މުޖުތަމައުގައި އަމާންކަމާއި ލޯތްބާއި އެކުވެރިކަމާއި އުޚުއްވަތްތެރިކަން ދެމެހެއްޓޭނެ އެވެ.