Roadha Mihaaru
ބަންގްލަދޭޝް އިން 10 ޓަނުގެ ކާބޯތަކެތި ހަދިޔާކޮށްފި

އަނެއްކާވެސް ބަންގްލާދޭޝްގެ އެހީއެއް، މިފަހަރު 10 ޓަނުގެ ކާނާ އާއި މެޑިކަލް ސާމާނު

16 މެއި 2020

ބަންގްލަދޭޝް އިން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ދިން 10 ޓަނުގެ ކާބޯތަކެތި އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި މިއަދު ރާއްޖެ ގެނެސްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ބަންގްލަދޭޝް އިން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ދިން 10 ޓަނުގެ ކާބޯތަކެތި އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި މިއަދު ރާއްޖެ ގެނެސްފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ވަގުތު އެހީގެ ގޮތުގައި ބަންގްލަދޭޝް އިން ފޮނުވި ތަކެތީގެ ތެރޭގައި ހިމެނެނީ ބޭހާއި މެޑިކަލް ބައެއް ސާމާނުގެ އިތުރުން، ފިޔާ، ބިސް މުގު، އަލުވި، ކުކިން އޮއިލް، ބަރަބޯ، ތޮރާ، ކަރާ އަދި އަލަނާސި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާ އެކު ވެސް، ބަންގްލަދޭޝް އިން ވަނީ މީގެ ކުރިން ވެސް ރާއްޖެ އަށް ކާބޯތަކެތީގެ އެހީ ފޮނުވައިފަ އެވެ. ކާބޯތަކެއްޗާއި ސިއްހީ އެހީތެރިން ބޭނުންވާ ޕީޕީއީ ވެސް ހަދިޔާކޮށް މި ސާމާނާ އެކު މީގެ ކުރިން ރާއްޖެ އައީ އަސްކަރީ މަނަވަރެކެވެ. އަދި އެ ގައުމުގައި ތިބި ދިވެހި ދަރިވަރުން ވެސް ރާއްޖެއަށް ގެނެސްދީފައިވާއިރު އެ ގައުމުން ވަނީ ރާއްޖެ އަށް ޑޮކްޓަރުންގެ ޓީމެއް ވެސް ފޮނުވައިފަ އެވެ.

ބަންގްލަދޭޝް އިން ފޮނުވި މި އެހީ އަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި، އެ ގައުމުގެ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ހިތްހެޔޮކަމަށްޓަކައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައިވެ އެވެ.

ބަންގްލަދޭޝް އިން ރާއްޖެ އައި މި އަސްކަރީ ފްލައިޓުގައި، ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ 70 މީހުން ފޮނުވާލަން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ވެސް ރާއްޖެ އަށް އެހީއާ އެކު އައި ބަންގްލަދޭޝްގެ ފްލައިޓުގައި 68 މީހަކު ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި ދިރިއުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބަންގްލަދޭޝް އަށް ނިސްބަތްވާ 15،00 މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ.