Roadha Mihaaru
އެސްޓީއޯއަށް ފުރަތަމަ ކުއާޓަރުގައި 114 މިލިއަން

އެސްޓީއޯއަށް ފުރަތަމަ ކުއާޓަރުގައި 114 މިލިއަން ރުފިޔާގެ ފައިދާ

16 މެއި 2020

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 114 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 114 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި އެސްޓީއޯއަށް ވަނީ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާއިރު 141 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. އަދި ހުރިހާ ހަރަދުތަކަށް ކެނޑުމަށްފަހު އެ ކުންފުންޏަށް 114 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވާ އިރު މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާ ބަލާއިރު 32 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން ވަނީ ހަރަދު 37 މިލިއަން ރުފިޔާ އިން ދަށްކޮށްފަ އެވެ. މިދިޔަ ކުއާޓާގައި އެ ކުންފުނިން ހަރަދުގެ ގޮތުގައި 211 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ހަރަދު ކޮށްފައިވަނީ 248 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އާމްދަނީ ފުރަތަމަ ކުއާޓަގައި އިތުރުވީ ހިންގުމުގެ ޕްލޭނާއި މެނޭޖުމަންޓުގެ ނިންމުންތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން، ކޮވިޑް-19އާ ގުޅިގެން ވިޔަފާރިއަށް އަސަރު ކުރާނެ ކަމަށް ލަފާ ކުރި ނަމަވެސް ކާބޯތަކެއްޗާއި ތެލާއި ބޭހުގެ ބާވަތްތަކަށް އިސްކަން ދީގެން ވިޔަފާރި ކުރިއަށްގެންދިއުމަކީ ފައިދާވުމުގެ ސަބަބެއް ކަމަށް އެސްޓީއޯއިިން ބުންޏެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 358 މިލިއަން ރުފިޔާ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން 422 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 68 ޕަސެންޓުގެ އިތުރު އަދަދެކެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރި ދަށްވާނެ ކަމަށް ލަފާކުރި ނަމަވެސް އެސްޓީއޯއިން އަންނަނީ އާއްމުންނަށް ބޭނުންވާ ޒަރޫރީތަކެތި ބޭރު ގައުމުތަކުން އިމްޕޯޓު ކުރަމުންނެވެ. އަދި މިހާލަތުގައި ރައްޖޭން ކާޑުގެ ބާވަތްތައް ހުސްނުވެ ލިބެން ހުންނާނެ ކަމުގެ ޔަގީން ކަން ވެސް އެ ކުންފުނިން ވަނީ ދީފަ އެވެ.