Roadha Mihaaru
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ފައިދާ ދަށްވެއްޖެ

ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ފައިދާ ދަށްވެއްޖެ

31 ޖުލައި 2023

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު ފައިދާ ދަށްވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު ފައިދާ ދަށްވެއްޖެ އެވެ.

އެސްޓީއޯއިން އާންމު ކުރި މާލީ މައުލޫމާތުތަކުން އެނގޭ ގޮތުން ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 302 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ 65 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެ ކުންފުންޏަށް ފައިދާ ދަށްވެފައި ވަނީ އާމްދަނީ ދަށްވެ، ޖުމްލަ ހަރަދު އިތުރުވުމުގެ ސަބަބުންނެވެ.

ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 3.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 4.4 ބިލިއަން ރުފިޔާ ލިބުނެވެ. އެހެންވެ މިއީ 700 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެ ކުންފުނީގެ ހަރަދު ވަނީ ފުރަތަމަ ކުއާޓަރަށް ވުރެ 72 މިލިއަން ރުފިޔާ އިތުރު ވެފަ އެވެ. ދެވަނަ ކުއާޓަރުގައި ކުންފުނީގެ ހަރަދު ވަނީ ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

އެންމެ ބޮޑު ހަރަދެއް ހިނގީ މާކެޓިންއަށެވެ. މާކެޓިންނަށް ކުރި ހަރަދު ވަނީ ފުރަތަމަ ކުއާޓަރަށް ވުރެ ގާތްގަނޑަކަށް 50 ޕަސެންޓު އިތުރު ވެފަ އެވެ. މާކެޓިންނަށް މިދިޔަ މަހު 183 މިލިއަން ރުފިޔާ ހޭދަކުރި އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނީގެ މާކެޓިން އަށް ހޭދަކުރީ 98 މިލިއަން ރުފިޔާ އެވެ.

ވޭތުވެދިޔަ ކުއާޓަރުގެ ފައިދާ ދަށްވި ނަމަވެސް، މިއީ މިދިޔަ އަހަރުގެ ވަކި ވަކި ކުއާޓަރުގެ މާލީ ފައިދާއާ ބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 155 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރު ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބި، ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ 2021 ވަނަ އަހަރުގެ އާމްދަނީ އަށް ވުރެ 80 ޕަސެންޓް އިތުރު އަދަދެކެވެ.