Roadha Mihaaru
ފަގީރުން ރަޖިސްޓްރީވާން ހުޅުވާލާނީ ހާލަތު ބަދަލުވުމުން

ފަގީރުން ރަޖިސްޓްރީވާން ހުޅުވާނުލީ ހަމަހަމަ ފުރުސަތު ނުލިބިދާނެތީ: އިސްލާމިކް މިނިސްޓްރީ

20 މެއި 2020

ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓްގައި ޖެހެން މިއަހަރު ހުޅުވައިނުލީ ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކާ ހެދި، ރާއްޖޭގައި މިހާރު އޮތް ހާލަތުގައި ފޯމް ފުރަން ބައެއް މީހުންނަށް އުނދަގޫވެ، ހަމަހަމަ ފުރުސަތު ނުބިދާނެތީ ކަމަށާއި ހާލަތު ބަދަލުވުމުން ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓްގައި ޖެހެން މިއަހަރު ހުޅުވައިނުލީ ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކާ ހެދި، ރާއްޖޭގައި މިހާރު އޮތް ހާލަތުގައި ފޯމް ފުރަން ބައެއް މީހުންނަށް އުނދަގޫވެ، ހަމަހަމަ ފުރުސަތު ނުބިދާނެތީ ކަމަށާއި ހާލަތު ބަދަލުވުމުން ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ޖެހުމުގެ ފުރުސަތު، މިހާލަތުން އަަރައިގަނެވުނުހާ އަވަހަކަށް ހުޅުވާލާނެ ކަމަށެވެ. މި ރަމަޟާން މަހުގެ ކުރިން ވެސް އެ ދަފްތަރުގައި ޖެހުމަށް ހުޅުވައިލުމަށް އާމިލުން ނަގަން ވެސް އިއުލާނުކޮށްފައި ވާނެ ކަމަށާއި ނަމަވެސް ކޮވިޑް-19 ފެތުރެން ފެށުމުން، ފޯމު ފުރުމާއި ލިޔެކިއުންތައް ފުރިހަމަކުރުމުގައި ދަތިތަކާ ކުރިމަތިވީ ކަމަށް ވެސްް އެބަޔާނުގައިވެ އެވެ.

"...މިހާލަތުގައި ރަޖިސްޓްރީވުމަށް އެދި ހުޅުވާލަައިފި ނަމަ އެކަމަށް އެދޭ ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ނުލިބިދާނެ ކަމަށްޓަކައި މި ޚުތޫރަތްތެރި ވަގުތުގައި އެ ފުރުސަތު ހުޅުވައި ނުލުމަށް މި މިނިސްޓްރީން ވަނީ ނިންމައިފަ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވާއިރު، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވަނީ މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް ބަލައިގެން ޒަކާތް ބަހަން އިސްލާމިކް މިނިސްޓްރީން ނިންމާފައި ވާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ ހާލަތާއި މި އަހަރުގެ ހާލަތު ވަރަށް ތަފާތު ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ގައުމަށް ދިމާވެފައިވާ ދަތި ހާލަތުގައި އެތައް ބައެއްގެ ވަޒީފާ ގެއްލި މީހުން ހާލުގައިޖެހިފައިވާ ކަމަށާއި އެހެންވެ މި އަހަރު ޒަކާތް ބަހާއިރު ލިސްޓު އާ ނުކޮށް ޒަކާތް ބެހުމަކީ ޝަރުއީ ނަޒަރަކުން ބަލާއިރު ވެސް ރަނގަޅު ގޮތެއް ނޫން ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

މި ރޯދަމަހުގެ ކުރިން ފަގީރުންގެ ދަފްތަރުގައި ޖެހެން ހުޅުވައި ނުލެވުނަސް، މިދިޔަ އަހަރު، ދެ ފަހަރެއްގެ މަތިން އެ ދަފްތަރުގައި މީހުން ޖައްސާފައިވާ ކަމަށާއި މިހާރުގެ ހާލަތުގައި ހާލުގައި ޖެހޭ ގިނަ ބަޔަކަށް ޒަކާތު ފައިސާ އިން އެހީތެރިވެދެމުން އަންނަ ކަމަށް ވެސްް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު ބުނެފައިވާ ގޮތުގައި އެހައިތަނަށް ފަގީރުންގެ ގޮތުގައި މުޅި ރާއްޖެ އިން ރަޖިސްޓަރީވެފައި ވަނީ 8،764 މީހުންނެވެ.

ރާއްޖޭގައި ފަގީރެއްގެ ގޮތުގައި ބަލަނީ މީހަކަށް ދުވާލަކު 45ރ. އަށް ވުރެ މަދުން އާމްދަނީ ލިބޭ ނަމަ އެވެ.