Roadha Mihaaru
ކޮވިޑް-19 އާ ގުޅިގެން ގެންނަ ސާމާނު އިސްރާފެއް ނުވާނެ: ސަރުކާރު

ކޮވިޑް-19 އާ ގުޅިގެން ގެންނަ ސާމާނު އިސްރާފެއް ނުވާނެ: ސަރުކާރު

20 މެއި 2020

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާ އަށް މިހާރު ގަންނަމުންދާ އެއްވެސް ސާމާނެއް އިސްރާފު ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށާއި އެ ތަކެތި ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް އޮންނާނެ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާ އަށް މިހާރު ގަންނަމުންދާ އެއްވެސް ސާމާނެއް އިސްރާފު ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށާއި އެ ތަކެތި ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް އޮންނާނެ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށާއި މީހުންނަށް ފަރުވާ ދިނުމަށް ގެންނަ ތަކެތި ބޭނުންކުރާނީ ކުރިއްސުރެ ހަދާފައިވާ ނޭޝަނަލް ހެލްތު ކެއާ ޕްލޭންގެ ތެރެއިން ކަަށެވެ. އޭނާ ވިދާޅުވީ، މި ބައްޔަށް ފަހު، އެ ތަކެތި ބޭނުންވާ ތަންތަނަށް ފަހުން ފޯރުކޮށްދޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ބޭނުންވާ ވަރަށް ގިނަ ސާމާނު ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ގެނެސްފައި ވެ އެވެ. ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގެ ޕްލޭނެއް މި ސަރުކާރުން އެކުލަވައި އިއުލާން ކޮށްފައިވާއިރު، ބައެއް ސާމާނުތައް އެ ތަންތަނަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިއިން އެއްވެސް އެއްޗެއް އިސްރާފު ވެގެންދާ ވިސްނުމެއް ނޫން އަޅުގަނޑުމެންގެ ހުރީކީ. މި ތަކެތި ޔުޓިލައިޒް ކުރާނެ ގޮތް ކުރިއްސުރެ ހެދިފައި އޮތް ނޭޝަނަލް ހެލްތު ކެއާ ޕްލޭނާ އެއްގޮތަށް، އެ ތަކެތި އެ ބޭނުންވާ ތަންތަނަށް ފޯރުކޮށްދިނުން އެއީ ވިސްނުމަކީ،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރަމުން އަންނަނީ ސިއްހީ މާހިރުން ހަދާފައިވާ ޕްރޮޖެކްޝަންތަކަށް ރިއާޔަތް ކޮށް ކަމަށެވެ.

"ޕްލޭނެއް ހެދި، ޕްލޭނަކާ އެއްގޮތަށް އަމަލުކުރަމުން ދިޔައީމާ، އަޅުގަނޑުމެން ފުރަތަމަ އަންދާޒާ ކުރި ވަރަށް ވުރެ ރަނގަޅަށް ރާއްޖޭގެ ހާލަތު މެނޭޖު ކުރެވިއްޖެ: މަބްރޫކް

ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅިއްޖެ ނަމަ އެހެން ގައުމުތަކުގެ ތަޖުރިބާގެ އަލީގައި، ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ފުރަތަމަ ހެއްދެވި ޕްރޮޖެކްޝަން ދައްކާ ގޮތުން ލައްކަ އަކަށް ވުރެ ގިނަ މީހުންނަށް އެ ބަލި ޖެހޭނެ އެވެ. އެއީ މިދިޔަ މަހުގެ 15 ގައި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރީގެ ޕްރޮޖެކްޝަނެކެވެ.

އެކަމަކު، އޭގެ ފަހުން އޭނާ ހެއްދެވި ޕްރޮޖެކްޝަން ދައްކަނީ ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވް ވާނީ 77،000 މީހުން ކަމަަށެވެ. ބަލި ޖެހިފައި ތިބި އެންމެ ގިނަ ބަޔަކު ފެންނާނީ މި މަހުގެ 31ގަ އެވެ. އެ ދުވަހު ޕީކަށް އަރާއިރު 6،000 މީހުންނަށް ބަލި ޖެހިފައި ތިބޭނެ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ. ނަމަވެސް، ރާއްޖެ އިން ކޮވިޑް-19 މިހާރު ޖެހޭ މީހުންގެ ނިސްބަތަށް ބަލާއިރު، އެ ޕީކަށް އަރާނެ ކަމާ މެދު ވެސް ސިއްހީ މާހިރުން ސުވާލު އުފައްދަވަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެހެން ގައުމުތަކުގައި ހަދާ ޕްރޮޖެކްޝަންތައް ބަދަލުވުމަކީ އާންމު ކަމެކެވެ.

މަބްރޫކް ރޭ ވިދާޅުވީ، ޕްރޮޖެކްޝަންތަކުން ދައްކާ އަދަދަށް ރާއްޖެ އިން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ނުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް، ނޫސްވެރިއެއްގެ ސުވާލު އައްސަވަނީ.

ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް، ނޫސްވެރިއެއްގެ ސުވާލު އައްސަވަނީ.

"ސަރުކާރުން ކުރަމުން އައި މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ޕޮޒިޓިވްވާ ރޭޓް އިރާދަކުރެއްވިއްޔާ މި އޮތީ ކޮންޓްރޯލް ކުރެވިފައި. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކޮންޓްރޯލެއްގެ ތެރޭގައި ބާއްވައިގެން މިކަން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރުން އެއީ ވިސްނުމަކީ،" އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ސިއްހީ ސާމާނުގެ ލިސްޓެއް އޮތީ އެކުލަވައިލައިފަ އެވެ. ތަކެތި ގެންދަނީ އެ ލިސްޓަށް ބަލައިގެން ކަމަށް ވާއިރު އަދިވެސް ތަކެތި ހަމަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ވެސް އެ ލިސްޓު މުރާޖައާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގެންނަ ތަކެތީގެ ތެރޭގައި 200 އަށް ވުރެ ގިނަ ވެންޓިލޭޓަރާއި ޕީސީއާރު މެޝިނާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) އާއި އެނދު ފަދަ ތަކެތި ގިނަ އަދަދަކަށް ހިމެނެ އެވެ.

"ޕްލޭނެއް ހެދި، ޕްލޭނަކާ އެއްގޮތަށް އަމަލުކުރަމުން ދިޔައީމާ، އަޅުގަނޑުމެން ފުރަތަމަ އަންދާޒާ ކުރި ވަރަށް ވުރެ ރަނގަޅަށް ރާއްޖޭގެ ހާލަތު މެނޭޖު ކުރެވިއްޖެ. މި ބުނަނީ މި ކަމުގައި އެއްވެސް ހާލެއްގައި ދަތިކަމެއް ނެތް ވާހަކައެއް ނޫން. މި ކަން ރަނގަށް ދިއުމުގެ އެންމެ ބޮޑު އެއް މަސައްކަތް ކޮށްދިނީ ދަތިކަމުގައި، ހާލުގައި، އުނދަގުލުގައި ތިބެގެން ވެސް ހަމަ ދިވެހި ރައްޔިތުން،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެ އިން ކޮވިޑް-19 ގެ މީހުން ފެނުން މަދުވީ، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، މާލެ ސަރަހައްދު ލޮކްޑައުންކޮށް، ދަތުރުފަތުރު ކުރުމުގައި ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ.