Roadha Mihaaru
ލުއިތައް އިއުލާންކުރަން ހަމަޖެއްސި ޕްރެސް ކެންސަލްކޮށްފި

ލުއިތައް އިއުލާންކުރަން ހަމަޖެއްސި ޕްރެސް ކެންސަލްކޮށްފި

10 ޖޫން 2020

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ލުއި ދިނުމުގެ މަރުހަލާގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ ކަންކަން އިއުލާނުކުރަން މިރޭ ބާއްވަން ހަމަޖެއްސި ޕްރެސް ކޮންފަރެންސް ކެންސަލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ލުއި ދިނުމުގެ މަރުހަލާގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ ކަންކަން އިއުލާނުކުރަން މިރޭ ބާއްވަން ހަމަޖެއްސި ޕްރެސް ކޮންފަރެންސް ކެންސަލްކޮށްފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ގައި މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނުމާ އެކު މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރި އެވެ. އެ ފިޔަވަޅުތަކާ އެކު 43 ދުވަހު ތިބުމަށްފަހު މިިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ އެކަމަށް ލުއި ދޭން ފަށައިފަ އެވެ. ފުރަތަމަ ފިޔަވަހީގައި ލުއިތައް ދިނީ ފުރަތަމަ ދެ ހަފުތާއަށެވެ. އެ މުއްދަތު މާދަމާ ހަމަވާނެ އެވެ.

ފުރަތަމަ ދެ ހަފުތާގައި ދިން ލުއިތަކުގެ ތެރޭގައި، ގޭބިސީތަކުން ބޭރަށް ދެވޭ މީހުންގެ އަދަދާއި ބޭރުގައި އުޅެވޭ ވަގުތު އިތުރުކުރުމާއި އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ވެސް ވަކި ވަގުތެއްގައި ބޭރަށް ދާން ހުއްދަ ދިނުން ހިމެނެ އެވެ. މީގެ އިތުރުން ބައެއް ވިޔަފާރިތަކަށް ވެސް ވަނީ ހުއްދަ ދީފަ އެވެ.

އެ ފިޔަވަހީގެ މުއްދަތު ހަމަވުމުން، މާދަމާ ދޭން ފަށާ ލުއިތައް އިއުލާނުކުރަން ހަމަޖައްސާފައި އޮތީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބާއްވާ މީޑިއާ ބްރީފިންގަ އެވެ. ނަމަވެސް އެ ލުއިތައް އިއުލާނުކުރުން މާދަމާ ރެއަށް ފަސްކުުރުމުން، މިރޭގެ ބްރީފިން ވަނީ ކެންސަލްކޮށްފަ އެވެ.

ލޮކްޑައުން ލުއިކުރުމުގެ ގައިޑްލައިންގައިވާ ގޮތުން އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ވެސް ދެ ވަނަ ފިޔަވަހީގައި ބޭރަށް ނުކުމެވޭނެ އެވެ.

އެންއީއޯސީން މީގެ ކުރިން ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިއެމޮލިޖިސްޓް ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކޮވިޑް-19އާ އެކު އުޅެން ދަސްކުރާއިރު ލޮކްޑައުން އުވައިލީ ނޫންކަން ހަނދާން ކުރަން ޖެހޭނެ ކަމަށެވެ.

ލޮކްޑައުން ލުއިކުރި ފަހުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުނު މިންވަރު ދެނެގަތުމަށް ހާއްސަ މަސައްކަތެއް ފަށަން އުޅޭކަމަށް އެޗްޕީއޭއިން ރޭ ވަނީ ބުނެފަ އެވެ. އެގޮތުން ފަސް ކެޓަގަރީއެއްގެ މީހުންގެ ސާމްޕަލް ނަގައި، ޓެސްޓުކުރާނެ ކަމަށާއި ލުއި ދިނުމުގެ ޕްލޭނާ އެކު ކުރިއަށް ދެވޭނީ އެ ޓެސްޓްތަކުގެ ނަތީޖާއަށް ބަލައިގެން ކަމަށް އެ އެޖެންސީން ބުންޏެވެ.

އަދި ވަކި ހާއްސަ ފަރުވާއަށް ހޯދިފައިނުވާ ބައްޔަށް ރާއްޖެއިން 1،942 މީހުން ޕޮޒިޓިވްވިއިރު ހާހަކަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.