Roadha Mihaaru
ޝައިޚް އިލްޔާސްގެ ހުއްދަ ބާތިލްކޮށްފި

ޝައިޚް އިލްޔާސްގެ ހުއްދަ ބާތިލްކޮށްފި

17 އޮކްޓޯބަރ 2016

ދީނީ ދަރުސް ދިނުމަށް ޝައިޚް އިލްޔާސް ހުސައިނަށް ސަރުކާރުން ދީފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން އިއްޔެ ބާތިލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދީނީ ދަރުސް ދިނުމަށް ޝައިޚް އިލްޔާސް ހުސައިނަށް ސަރުކާރުން ދީފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން އިއްޔެ ބާތިލްކޮށްފި އެވެ.

އެ މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން މިއަދު ވިދާޅުވީ، އިލްޔާސަށް ދީފައިވާ ހުއްދަ ބާތިލް ކުރީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދާ ހިލާފަށް މިދިޔަ ހުކުރު ދުވަހު އައްޑޫ ހިތަދޫގައި ހުތުބާ ދެއްވާފައިވާތީ ކަމަށެވެ. އެ ހުތުބާގައި އިލްޔާސް ވިދާޅުވީ ކާޑުގެ އަގު ބޮޑުވަނީ ވެރިންނާ ހިސާބުން ވައްކަން ބޮޑުވުމުން ކަމަށާއި މާހައުލުން އެފަދަ އަމަލުތައް ފެންނަ ނަމަ ރައްޔިތުންނަށް ދަތިތައް ފޯރާނެ ކަމަށެވެ.

އަހުސަން ވިދާޅުވީ ނުބަލައި ހުތުބާ ކިޔުމަކީ ވެސް ފަހުން ހެދި ގަވާއިދުގެ ދަށުން ހުއްދަ ކަމެއް ނޫން ކަމަށާއި ނަމަވެސް އެ ދުވަހު އިލްޔާސް ވިދާޅުވީ އޭނާގެ އަމިއްލަ ހުތުބާއެއް ކަމަށެވެ.

"މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ މިސްކިތެއްގައި އުސޫލާ ހިލާފަށް ހުތުބާ ދީފައިވާތީ އެ މައްސަލަ ބެލުމަށް ފަހު ހުއްދަ ބާތިލްކުރީ،" އަހުސަން ވިދާޅުވި އެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދާ ހިލާފުކަމެއް ކޮށްފިކަން މިިނިސްޓްރީ އަށް ގަބޫލު ކުރެވޭ ވަރަށް ހެކި ލިބިއްޖެ ނަމަ، އެ މައްސަލަ ބެލުމަށް ފަހު ހުއްދަ ބާތިލްކުރުމުގެ ބާރު މިނިސްޓްރީ އަށް ލިބިގެންވެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ހުއްދަ ބާތިލްކުރިކަން އޭނާ އަށް ރަސްމީކޮށް ނާންގާ ކަމަށާއި އެކަން އެންގުމުން ޖަވާބުދާރީވާނެ ކަމަށެވެ.