Roadha Mihaaru
ހުތުބާއާ ގުޅޭ ގޮތުން ބައެއް އިލްމުވެރިންގެ ކަންބޮޑުވުން

ހުތުބާގައި ސައްހަ ނޫން ވާހަކަ ހުރި ކަމަށް ބުނެ ބައެއް އިލްމުވެރިންގެ ކަންބޮޑުވުން

22 ޖުލައި 2023

އާޝޫރާ ދުވަހާ ގުޅޭ ގޮތުން އިއްޔެގެ ހުކުރު ހުތުބާގައި ދެއްކި ބައެއް ވާހަކަތައް ސައްހަ ނޫން ކަމަށް ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އާޝޫރާ ދުވަހާ ގުޅޭ ގޮތުން އިއްޔެގެ ހުކުރު ހުތުބާގައި ދެއްކި ބައެއް ވާހަކަތައް ސައްހަ ނޫން ކަމަށް ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އިއްޔެގެ ހުތުބާގެ މައުލޫއަކީ "އާޝޫރާ ދުވަހުގެ މާތް ކަން" އެވެ. އެއީ ކޮންމެ އަހަރަކު މުހައްރަމް 10 ވަނަ ދުވަހު މުސްލިމުން ފާހަގަކުރާ ދުވަހެކެވެ.

އެ ދުވަހާ ގުޅޭ ގޮތުން ހުތުބާގައި ބުނެފައި ވަނީ އެއީ ފިރުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތް ކުރައްވައި ފިރުއައުނާއި އޭނާގެ ލަޝްކަރު ޣަރަގު ކުރެއްވި ދުވަހެވެ.

އޭގެ އިތުރުން ތަފްސީރު ފޮތްތަކާ ހަވާލާ ދެއްވައި އެ ދުވަސް ބައެއް އެހެން ނަބީބޭކަލުންނާ ވެސް ހުތުބާގައި ވަނީ ގުޅުވައިފަ އެވެ.

އެގޮތުން އާދަމްގެފާނުގެ ތައުބާ ގަބޫލުފުޅު ކުރެއްވުމާއި، ނޫހުގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ތޫފާނުން ސަލާމަތް ކުރެއްވުމާއި، އިބްރާހިމްގެފާނު އަލިފާނުން ސަލާމަތް ކުރެއްވުމާއި ޔޫސުފްގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު ޔައުގޫބްގެފާނާ ބައްދަލުވުމާއި، ޔޫނުސްގެފާނު މަހުގެ ބަނޑުތެރެއިން ސަލާމަތް ކުރެއްވުމުގެ އިތުރުން އައްޔޫބްގެފާނު އާލާސްކަންފުޅުން ސަލާމަތް ކުރެއްވުން ވެސް ދިމާވަނީ އެ ދުވަހާ ކަމަށް ހުތުބާގައި ބުންޏެވެ.

އެހެން ނަމަވެސް އެކަމާ ބައެއް ދީނީ އިލްމުވެރިން ހިޔާލު ތަފާތެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އޭނާގެ ފޭސްބުކްގައި ވިދާޅުވީ އާޝޫރާ ދުވަހާ ގުޅިގެން ސާބިތުވެފައި ވަނީ އެއީ މޫސާގެފާނު ފިރުއައުނުގެ ކިބައިން ސަލާމަތް ކުރެއްވި ދުވަސް ގޮތުގައި ކަމަށެވެ.

އެހެން ނަބީބޭކަލުން އެ ދުވަހާ ގުޅުވައި ހުތުބާގައި ބަޔާން ކޮށްފައިވާ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔާ އާދަމް ނިޝަން ވެސް ވަނީ ހުތުބާގައި ސައްހަ ނޫން ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ހުތުބާ ލިޔަނީ ޝެއިހެއް ކަމަށާއި ހުތުބާ ފާސް ކުރަން ވެސް ބޮޑު ކޮމިޓީއެއް އެކުލަވާލާފައި އޮންނަ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތައް ތަކުރާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.