Roadha Mihaaru

މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!

ނަތީޖާ އިން ފެންނަން އެ އޮތީ ފަސޭހަ މޮޅެއް ނޫނެވެ. އެމްޑީޕީން, 14 އަހަރު ފަހުން އެ ޕާޓީއަށް މި ފުރޮޅާލީ ޕީޕީއެމަށް ހިބަކޮށްދީފައި އޮތް ގުރައިދޫ ދާއިރާގެ ގޮނޑި އެވެ. މިއީ، ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި ވެސް ކ. އަތޮޅުން ގޮނޑިއަކާ އެމްޑީޕީއަށް ގާތް ވެވުނު ފުރަތަމަ ފަހަރެވެ.

މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

16 އެޕްރީލް 2023

ނަތީޖާ އިން ފެންނަން އެ އޮތީ ފަސޭހަ މޮޅެއް ނޫނެވެ. އެމްޑީޕީން, 14 އަހަރު ފަހުން އެ ޕާޓީއަށް މި ފުރޮޅާލީ ޕީޕީއެމަށް ހިބަކޮށްދީފައި އޮތް ގުރައިދޫ ދާއިރާގެ ގޮނޑި އެވެ. މިއީ، ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި ވެސް ކ. އަތޮޅުން ގޮނޑިއަކާ އެމްޑީޕީއަށް ގާތް ވެވުނު ފުރަތަމަ ފަހަރެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ގޮނޑި ދިފާއުކުރަން، އިދިކޮޅު ޕީޕީއެމަށް މުހިންމުވީ މި ތާރީހު ބަދަލުކޮށްލިޔަ ނުދޭށެވެ. އެމްޑީޕީން މަޖިލީހުގައި ކޮންޓްރޯލްކުރާ 67 ދާއިރާގެ ތެރޭގައި ގުރައިދޫ ހިމެނުމަކީ މި ދަނޑިވަޅުގައި އެ ޕާޓީގެ ވެއްޓުމަކަށް ވާނެތީ އެވެ.

މި ވޯޓުގެ ސިޔާސީ މަންޒަރަކީ ވެރިކަމުގެ ދެ ވަނަ ދައުރަކަށް ނުކުމެ ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސީ ބާރުވެރިކަމާއި ތާއީދު މިނެކިރުމެވެ. ވަގުތު ކުޑަތަން ވެފައި އޮތް ރިޔާސީ އިންތިހާބުގެ ކުރިން އެ މަނިކުފާނު ހުންނެވި ހިސާބެއް ބެލުމުގެ އެންމެ ވަރުގަދަ ޓެސްޓެވެ.

"ވަރަށް ސާފު މެސެޖެއް. މިއީ ސިޔާސީ ގޮތުން ވަރަށް ބޮޑު ވިންއެއް," މާފުށީ ކެމްޕޭންގައި އިސްކޮށް އުޅުއްވި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒް ވިދާޅުވި އެވެ.

ވޯޓުން ދެއްކީ، އޭނާ ވިދާޅުވި ގޮތުގައި، ތިން ރަށުގެ މަޝްރޫއުތަކާ މެދު އޮތް ހިތްހަމަޖެހުމާއި ކުޑަރަށެއް ނުބަލައި ހަމަހަމަކަމާ އެކު ސަރުކާރުން ތަންފީޒުކުރާ ސިޔާސަތު ކަމުދިއުމުގެ އިތުރުން ރައީސްގެ ދެވަނަ ދައުރަކަށް އޮތް ތާއީދެވެ.

ގުރައިދޫ ދާއިރާއަށް ހޮވުނު ކެންޑިޑޭޓް ޝާޒްއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ގުރައިދޫ ދާއިރާއަށް ހޮވުނު ކެންޑިޑޭޓް ޝާޒްއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރިޔާސީ އިންތިހާބަށް ޕީޕީއެމަށް އޮތް ތާއީދު ދައްކާލަން އެ ޕާޓީން ބޭނުންވި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބުކުރީ 1،346 ވޯޓުންނެވެ. އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަދި އެ ދާއިރާ އެންމެ ފަހުން ފުރުއްވި އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއަށް ލިބުނީ 1,226 ވޯޓެވެ.

ވޯޓުގެ ފަރަގަކީ 120 ނަމަވެސް މި މޮޅުގައި ސަރުކާރާއި އެމްޑީޕީން ފަހުރުވެރިވާ ސަބަބުތަކެއް އެބަހުއްޓެވެ.

"ހުރިހާ ދިމާލަކުން ފިއްތުން"

މި ބައި އިލެކްޝަން ކުރިމަތިވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތީ ހުރިހާ ދިމާލަކުން ވެސް ޕްރެޝަރެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ތާއީދު ބޮޑު ދާއިރާއަކަށް ވާތީ ކުރަން ޖެހުނު މަސައްކަތް ގިނަ އެވެ. އަމިއްލަ ޕާޓީގެ ތެރެއިން އެ މަނިކުފާނަށް ދެވަނަ ދައުރެއް ގެއްލުވާލުމުގެ "ހަރަކާތެއް"ގައި ވާދަވެރިންނާ އެކު ރޭވުންތައް ރާވަނީ އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅު ނުޖަހައި މި އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ގަބޫލުކުރި ބަޔަކު ވެސް ތިއްބެވެ. މިއީ އެމްޑީޕީގެ ހަޔާތުގައި ޕާޓީގެ ރައީސް ނަޝީދާ ނުލައި މަޖިލިސް ގޮނޑިއެއް ކަށަވަރުކުރުމުގެ ފުރަތަމަ ކެމްޕޭނެވެ. ޕާޓީގެ އެތެރޭގެ ވަރުގަދަ ކޯޅުމެއްގެ ތެރެއިން ކާމިޔާބު ކުރި ފުރަތަމަ އިންތިހާބެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގަންނަވަނީ.

އެމްޑީޕީން މަޖިލިސް އިންތިހާބަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގަންނަވަނީ.

ރިޔާސީ އިންތިހާބު ގާތްވެ، ސިޔާސީ ކަންކަން ނިއުޅެމުންދިޔަ ގޮތުން, ދައްކަމުން ދިޔަ އަނެއް މަންޒަރަކީ ކޯލިޝަން ޕާޓްނަރުން ފެއަށް ޖެހި އިންތިހާބު ގާތްވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "އެކަނިވެ ބަލިކަށިވެއްޖެ" ކަމެވެ.

ދައުރު ނުނިމެނީސް ކޯލިޝަން "ރޫޅުނީ" އެވެ. ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން އެ މަނިކުފާނު ދެއްވި ދައުވަތު ޖުމްހޫރީ ޕާޓީން ގަބޫލުނުކޮށް، އިންތިހާބުގައި ރައީސް ބަލިކުރަން ނުކުންނަން ނިންމީ އެވެ. ކޯލިޝަން ސްލޮޓްތަކުގައި ޖޭޕީ ތަމްސީލްކުރަން ސަރުކާރު ތެރޭގައި މިވަގުތު ތިބީ އެ މަނިކުފާނުގެ ވާދަވެރިންނެވެ.

"ރިޔާސީ އިންތިހާބަށް ބޮޑު ބާރެއް"

އެމްޑީޕީގެ ކެމްޕޭންތަކުގައި އިސް ދައުރެއް އަދާކުރެއްވި ނިޔާޒް ވިދާޅުވީ އެ ޕާޓީއަށް އުނދަގޫ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ގުރައިދޫ ދާއިރާގެ ގޮނޑި ނެގުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ބައެއް ދާއިރާތައް ވަކި ޕާޓީއަކަށް ނުވަތަ ވަކި މީހަކަށް ހާއްސަވެފައި އޮންނަ އޮތުން ވެސް ނިމުމަކަށް އައީ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ މި ކާމިޔާބީއަކީ އެއްވެސް ރަށެއް ތަފާތުނުކޮށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ނަތީޖާ އެވެ.

"މިއީ ފެށުމެއް ކަމަށް މި ދެކެނީ. ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅައި ސިޔާސަތުތައް އެކުލަވާލައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު ވަރަށް ބޮޑު ބޫސްޓެއް ހަގީގަތުގައި މި ކާމިޔާބީއަކީ," ނިޔާޒް ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ ކެމްޕޭންގައި ނިޔާޒް އާއި މިނިސްޓަރު އައިމިނަތު ޝައުނާ: އެމްޑީޕީގެ މި ކާމިޔާބީއަކީ އެއްވެސް ރަށެއް ތަފާތުނުކޮށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ނަތީޖާ ކަމަށް ނިޔާ ދެކެވަޑައިގަންނަވާ.

ގުރައިދޫ ދާއިރާގެ ކެމްޕޭންގައި ނިޔާޒް އާއި މިނިސްޓަރު އައިމިނަތު ޝައުނާ: އެމްޑީޕީގެ މި ކާމިޔާބީއަކީ އެއްވެސް ރަށެއް ތަފާތުނުކޮށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ނަތީޖާ ކަމަށް ނިޔާ ދެކެވަޑައިގަންނަވާ.

އޭނާ ވިދާޅުވީ މަޖިލީހުން ގޮނޑިއެއް ކާމިޔާބުކުރުން ފަދަ ސިޔާސީ މުހިއްމު ހަރަކާތެއް ކުރިމަތިވިއިރު ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ނުނިކުމެވި އިންތިހާބުގައި ކުރި ހޯދުމަކީ ވެސް "ސިޔާސީ ގޮތުން ވަރަށް ބޮޑު ވިންއެއް" ކަމަށެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ރައްޔިތުން ބަލައިގެންފައި އޮތް ބްރޭންޑެކެވެ. ޑިމޮކްރެޓިކް އުސޫލް ހިނގަނީ ޕާޓީތަކުގެ ލީޑަޝިޕް ބަދަލުވާ ގޮތަށް ކަމަށާއި އެކި އިރު އެކި ބޭފުޅުން ހިންގަވަން ތިއްބަވާނެ ކަން ޕާޓީގެ އާއްމު މެމްބަރުން ގަބޫލުކުރެ އެވެ.

"ލީޑަޝިޕްގެ ބަދަލު ބަލައިގަނެ ޕާޓީއާ އެކު ކުރިއަށްދާން ބޭނުންވާ ކަން ވެސް މީގެއިން އެނގުނު," ނިޔާޒް ވިދާޅުވި އެވެ.

"މެމްބަރުން ގަބޫލުކުރަނީ ލީޑަޝިޕް އެކި އިރު އެކި ގޮތަށް ބަދަލުވާނެ ކަމާއި އޭރަކު ހިންގަން ތިބި ބަޔަކު އެމްޑީޕީގެ ސިޔާސަތުތަކާ އެއްކޮށް ކުރިއަށް ދިޔައީމަ ރައްޔިތުން ބަލައިގަންނަކަން. މީހެއް ނޫން މުހިންމީ,"

ނިޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީ ބައިބައިވެގެން ހިންގާ ވާހަކަ އޮތީ ވަކިވެގަނެގެން އުޅޭ ބައެއް މެމްބަރުންނާ ހިސާބުގަ އެވެ. ޕާޓީގެ އާއްމު މެމްބަރުންގެ ތެރޭގައި އެކަމެއް ނެތެވެ. މި ބައި އިލެކްޝަނުން އެކަން ފެންނަން އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"ރަށު ލެވެލްގައި ގްރާސްރޫޓް ލެވެލްގައި [ބައިބައިވުމުގެ] އެ ވިސްނުމެއް ނެތް, އެމްޑީޕީ އޮންނަން ވާނީ އެކައްޗެއްގެ ގޮތުގައި ކަން އެ މީހުން ގަބޫލުކުރޭ."

"ޕީޕީއެމް ބައްޔެއް ނުވޭ, ނުފޫޒާއި ރިޝްވަތުން އަތުލީ"

ޕީޕީއެމްގެ ތާއީދު ބޮޑު ޒަމާންތަކެއް ވަންދެން ކޮންޓްރޯލް ނެގި ގުރައިދޫ ދާއިރާ އެ ޕާޓީން ދެކޭ ގޮތުގައި ނުގެއްލެ އެވެ.

ގުރައިދޫ ދާއިރާގެ މާފުއްޓާއި ގުޅި ހިމެނޭ ތިން ރަށުގެ ތެރެއިން ޕީޕީއެމް އަބަދުވެސް އެންމެ ވަރުގަދައީ ގުރައިދޫގަ އެވެ. އެ ރަށުގެ ތެރެއަށް ބާކީ ދެ ރަށުގެ ވޯޓު އެއްކޮށްލުމުން ޕީޕީއެމް ނޫން ބައަކަށް ގޮނޑި ނުލިބެ އެވެ.

ގުރައިދޫގެ ވޯޓު މި ފަހަރު ތިން ބަޔަށް ބެހުމަކީ ޕީޕީއެމަށް ލިބުނު ގެއްލުމެކެވެ. ތިން ކެންޑިޑޭޓުން ވެސް އެ ރަށުން ނުކުތްއިރު އެ ޕާޓީއަށް މުހިއްމު އާއިލާތަކަކުން ވާދަވެރި ދެ ކެންޑިޑޭޓުން ނުކުތުމަކީ ނަތީޖާއަށް އަސަރުކުރާނެ ކަމެކެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމުން ވާދަކުރެއްވި ހުސެއިން ރިޒާ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމުން ވާދަކުރެއްވި ހުސެއިން ރިޒާ.

އެކަމަކު މިއީ ޕީޕީއެމުން ބުނާ ގޮތުގައި ގޮނޑި ގެއްލޭނެ ވަރުގެ ސަބަބެއް ނޫނެވެ. ސަރުކާރުން އެ ގޮނޑި"ނުފޫޒާއި ރިޝްވަތުން" އަތުލީ އެވެ.

ބައި އިލެކްޝަނުގެ މެދުތެރެއަށް އޮއްސާލި މަޝްރޫއުތަކާއި ނުފުއްދާ ވައުދުތަކާއި ބެހި ފައިސާތަކަކީ އެމްޑީޕީ އާއި ސަރުކާރަށް އޮތް ތާއީދުގެ ގޮތުގައި ބެލޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ޕީޕީއެމުން ބުންޏެވެ.

"އަޅުގަނޑުމެން މާޔޫސްއެއް ނުވޭ. ރިޔާސީ އިންތިހާބު ކާމިޔާބުކުރާނަން. ހުރިހާ ރަށަކަށް ބަހާނެ ފައިސާއެއް ނުހުންނާނެ. ހުރިހާ ރަށެއްގައި މަޝްރޫއު ހިންގަންވީމަ ފެނަކަ އާއި އެހެން ކުންފުނިތަކުގެ މުވައްޒަފުންނާއި ވަސީލަތްތައް ގެންގޮސް އެ ހުރިހާ ސަކަރާތެއް ނުޖެހޭނެ،" ގުރައިދޫ ދާއިރާގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް ގޮނޑި ނެގިޔަސް "ގޯސްވާނީ ގޯހަށްކަން" ރައްޔިތުން ގަބޫލުކުރާނެ އެވެ.

މައްސަލައަކީ, އާދަމް ޝަރީފް ވިދާޅުވި ގޮތުގައި, އިދިކޮޅު ޕީޕީއެމް/ޕީއެންސީގެރިޔާސީ ކެންޑިޑޭޓް, ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުކޮށްގެން އިންތިހާބުތައް ބޭއްވުމެވެ. އެ މަނިކުފާނު ޖަލަށްލައިގެން ތިބެ އިންތިހާބު ބާއްވައި ޕީޕީއެމް ބަލިކަށިކަމަށް ބުނުމަކީ އޭގައި ހަގީގަތެއް އޮތް ސިފަކުރުމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ހަގީގަތަކީ އެ މީހުންނަށް އެ އުޅެނީ ރައީސް ޔާމީން ދޫކޮށްލަން ނުކެރިގެން. އެ މަނިކުފާނު މިނިވަންކޮށް ބަހައްޓައިގެން އިންތުހާބު ބާއްވަން ނުކުރޭ ކަމަށް ވަންޏާ ވާދަކުރުމުގެ ވާހަކަ ދައްކާނެ ކަމެއް ނެތެއް ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާއަށް ޕީޕީއެމް އިން ކުރިމަތިލި ކެންޑިޑޭޓް ހުސެއިން ރިޒާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

ގުރައިދޫ ދާއިރާއަށް ޕީޕީއެމް އިން ކުރިމަތިލި ކެންޑިޑޭޓް ހުސެއިން ރިޒާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

"އެ ބޭފުޅުންގެ ހުރިހާ ރިސޯސްއެއް ބޭނުންކުރީމަ ވެސް ގާތްގަނޑަކަށް 100 އެއްހާ ވޯޓުގެ ތަފާތު މި އުޅެނީ. ރައީސް ޔާމީން މިނިވަންކޮށް ހުންނެވި ނަމަ މި ކެމްޕޭންގައި ވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ. އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންނެވި އަޅުގަނޑުމެންނަށް ރައީސް ޔާމީން ގެންނާކަށް ފުރުސަތެއް ނުލިބުނު. އެކަހަލަ ބައިވަރު އަޅުގަނޑުމެންނަށް ހުރި އޮޕޮޗުނިޓީސްތައް ބަންދުކޮށްފައި ދެން ތިމަންނަމެން ކާމިޔާބުކުރީއޭ ބުންޏަކަށް އެއީ ކާމިޔާބެއް ނޫން. ގާނޫނީ ހައްގުތަކާއި ފުރުސަތުތައް އުނި ނުކޮށް ވާދަކުރި ނަމަ ނަތީޖާ ފެންނާނެ."

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ގުރައިދޫ ދާއިރާއިގެ ނަތީޖާ އިން ފެނުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ތާއީދެއް ނޫނެވެ. ކެމްޕޭނަށް އެ މަނިކުފާނު ވަޑައިގަތުމުން ނުކުތީ މަދު ބައެއް ކަމަށް ވިދާޅުވި އެވެ.

މި ތުހުމަތު ދޮގުކުރައްވައި ނިޔާޒް ވިދާޅުވި ގޮތުގައި އިންތިހާބަށް ނުފޫޒެއް ސަރުކާރުން ނުފޯރުވަ އެވެ. ނަތީޖާއިން ފެނުނީ އޮތް ތާއީދެވެ.

"ސަރުކާރާއި ޕާޓީ ވެސް ވަރުގަދަ"

އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ގުރައިދޫ ދާއިރާ އޮތީ ސަރުކާރާ އެކު ކުރިއަށްދާން ނިންމައިގެންނެވެ. މިއީ މުޅި ރާއްޖެއިން ފެންނަން ސަރުކާރާއި އެމްޑީޕީން ބޭނުންވާ ނަތީޖާ އެވެ.

ކެމްޕޭންގައި ރައީސް އާއި ޗެއާޕާސަން ފައްޔާޒް، ގުރައިދޫ ދާއިރާއަށް ހޮވިވަޑައިގަތް ޝާޒްއާ އެކު.

ކެމްޕޭންގައި ރައީސް އާއި ޗެއާޕާސަން ފައްޔާޒް، ގުރައިދޫ ދާއިރާއަށް ހޮވިވަޑައިގަތް ޝާޒްއާ އެކު.

އެމްޑީޕީ ވަރުގަދަ ކަމާއި މިސްރާބު ވެސް ރަނގަޅު ކަން ފެނުމަކީ މިވަގުތަށް ސިޔާސީ ގޮތުން ލިބުނު އިތުރު ހިތްވަރެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސީ ބާރުވެރިކަން ދައްކަން ވެސް ލިބުނު މޮޅެކެވެ. ސިޔާސީ މޮޅު ގުނަނީ އިންތިހާބުތަކުގެ ނަތީޖާ އަށް ކަމަށް އެންމެން ގަބޫލުކުރެ އެވެ. އެހެން ބަލައިފި ނަމަ ކޮމަންޑޫ ދާއިރާ އާއި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާ އަށް ބަލައިފި ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެމްޑީޕީ އަށް އެ ދިނީ މެސެޖެކެވެ.