Roadha Mihaaru
ޓޫރިޒަމް ހުޅުވައިލުން ގޯހެއް ނޫން: ޑރ. ބްރޫސް

ހާލަތު ޑޮކްޓަރުންނަށް އެނގޭނެ، ޓޫރިޒަަމް ހުޅުވައިލުން ގޯހެއް ނޫން: ޑރ. ބްްރޫސް

03 ޖޫން 2020

ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާ ދޭނެ ގޮތްތައް ރާއްޖޭގެ ރަށްރަށުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް ކޮންމެވެސް ވަރަކަށް އެނގޭނެ ކަމަށާއި އެހެންވެ، ޓޫރިޒަމް ހުޅުވައިލުން ގޯހެއް ނޫން ކަމަށް ޑޮކްޓަރުންނާއި ނަރުހުންނަށް ކްރިޓިކަލް ކެއާގެ ތަމްރީނު ދެއްވުމުގައި އިސްކޮށް އުޅުއްވި ދެކުނު އެފްރިކާގެ ތަޖުރިބާކާރު ޑރ. ބްރޫސް ސްޓޯވާ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާ ދޭނެ ގޮތްތައް ރާއްޖޭގެ ރަށްރަށުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް ކޮންމެވެސް ވަރަކަށް އެނގޭނެ ކަމަށާއި އެހެންވެ، ޓޫރިޒަމް ހުޅުވައިލުން ގޯހެއް ނޫން ކަމަށް ޑޮކްޓަރުންނާއި ނަރުހުންނަށް ކްރިޓިކަލް ކެއާގެ ތަމްރީނު ދެއްވުމުގައި އިސްކޮށް އުޅުއްވި ދެކުނު އެފްރިކާގެ ތަޖުރިބާކާރު ޑރ. ބްރޫސް ސްޓޯވާ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނަށް ތަމްރީނު ދެއްވުމުގައި ކުރެއްވި ތަޖުރިބާއާ އެކު، ކޮވިޑް-19 އަށް ރާއްޖެ ތައްޔާރުވެފައި ވަނީ ކިހާވަރަކަށް ކަމަށް ދެކެވަޑައިގަންނަވަންތޯ "މިހާރު"ން ސުވާލު ކުރުމުން އޭނާ ވިދާޅުވީ "އަންނާނީ ކޮން ކަމެއް ކަން" ކޮންމެވެސް ވަރަކަށް އެނގޭ ޑޮކްޓަރެއް ނެތް ރަށެއް މިހާރު އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ބަލާ ނަމަ އަޅުގަނޑަކަށް ހީއެއް ނުވޭ ހުރިހާ ރަށެއްގައި ތިބި ޑޮކްޓަރުންނަށް ވެސް މައުލޫމާތު ނުދެވި އޮތް ހެނެއް. އެހެންވީމާ އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަންނަން އުޅެނީ ކޮންކަމެއްކަން [ކޮވިޑް-19 ޖެހިގެން ކުރިމަތިވާނީ ކޮން ކަމެއްކަން]،" ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ޑރ. ބްރޫސް ވިދާޅުވި އެވެ.

އެ ހޭލުންތެރިކަމާ އެކު ދެން އެންމެ މުހިއްމު ކަމަކީ އޭނާ ވިދާޅުވި ގޮތުގައި މީހެއްގެ ހާލު ބޮޑުވެ، އޮކްސިޖަން ދޭން ޖެހިދާނެ ހާލަތަކަށް ބޭނުންވާ ވަރަށް އޮކްސިޖަން ހުރުމެވެ.

ޑރ. ބްރޫސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވައިލުމަކީ ރަނގަޅު ކަމެކޭ ނުވަތަ ގޯސް ކަމެކޭ މިވަގުތު އެއްވެސް މީހަކަށް ނުބުނެވޭނެ ކަމަށާއި އެކަމަކު އޭނާ ވިދާޅުވާނީ ހުޅުވައިލުމަކީ ރާއްޖެ އަށް އެންމެ މަސްލަހަތު ހުރި ގޮތަށް ވެސް ވެދާނެ ކަަމަށެވެ. އެ ވިސްނުމާ އެކު ޓޫރިޒަމް އަލުން ހުޅުވައިލުމުން ކަންތައްތައް ގޯސްވާ ނަމަ، އެ ހާލަތަކަށް ބެކަޕް ޕްލޭނެއް ބޭއްވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި މުހިއްމު ކަމަކަކީ ގައުމަށް ކޮންމެވެސް ވަރަކަށް ފައިސާ ހޯދުން. ތިޔަ ބޭފުޅުންގެ އާމްދަނީގެ ބޮޑުބައެއް ބަރޯސާ ކުރަނީ ޓޫރިމަށް ކަމަށް ވާތީ. އެހެންވީމާ އަޅުގަނޑެއް ނުދަންނަވާނަން ހުޅުވައިލަން މާ އަވަހެކޭ ވެސް މާ ލަހެކޭ ވެސް. މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ވެދާނެ،" ޑރ. ބްރޫސް ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ނިންމާފައި ވަނީ ޓޫރިޒަމް އަންނަ މަހަށް ހުޅުވައިލުމަށެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ މާޗް 27 ގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 ފެތުރޭ ގަންނަ ބިރުން އަރައިގަތުމަކީ ވެސް މުހިއްމު ކަމެކެވެ. އެހެންވެ، ގިނަ ގައުމުތަކެއް އަންނަނީ ހުޅުވަމުން ކަމަށް ވިދާޅުވި އެވެ. އެ ގައުމުތަކުން ހުޅުވައިލަމުން އަންނަނީ އެހެން ކަންތައް ނުކޮށްފި ނަމަ ކޮވިޑް ނޫން އެހެން ބަލިތައް ފެތުރުމާއި ބަނޑުހައިހޫނުކަން ފަދަ އެހެން ބޮޑެތި ކަންތަކާ ކުރިަމތިވާނެތީ ކަަމަށް ޑރ. ބްރޫސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަށް މުހިއްމީ ޕާސަނަލް ޕްރޮޓެކްޝަން އިކްއިޕްމެންޓް (ޕީޕީއީ) ހުރުމާ އެކު އުސޫލުތައް ހަރުދަނާވުން ކަމަށެވެ.

ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުން ކްރިޓިކަލް ކެއާއަށް ތައްޔާރުވުމަށް ޑރ. ބްރޫސް އިސްކޮށް ހުންނަވައިގެން ހިންގި ޕްރޮގްރާމްގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ގޮތުން 400 އަށް ވުރެ ގިނަ މީހުން ތަމްރީނުކޮށްފައި ވެ އެވެ. ޓޫރިޒަމް މިނިސްޓްރީން ރާއްޖެ އަށް ގެނައި މާހިރުންގެ ޓީމުގައި އިސްކޮށް އުޅުއްވަނީ ޑރ. ބްރޫސް އެވެ.