Roadha Mihaaru
ގެސްޓްހައުސްތަކުގައި ތިބޭނަމަ ވެކްސިންގެ 2ޑޯޒް މަޖުބޫރު

ވެކްސިން ފުރިހަމަ ނުކުރާ އެއްވެސް ޓޫރިސްޓަކަށް ގެސްޓް ހައުސްތަކަށް ނުދެވޭނެ

21 ޖުލައި 2021

ކޮވިޑް-19ގެ ވެކްސިން ފުރިހަަމަ ނުކޮށް، ރާއްޖެ އަންނަ އެއްވެސް ޓޫރިސްޓަކަށް ގެސްޓް ހައުސްތަކަށް ނުދެވޭގޮތަށް އެޗްޕީއޭއިން މިރޭ ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19ގެ ވެކްސިން ފުރިހަަމަ ނުކޮށް، ރާއްޖެ އަންނަ އެއްވެސް ޓޫރިސްޓަކަށް ގެސްޓް ހައުސްތަކަށް ނުދެވޭގޮތަށް އެޗްޕީއޭއިން މިރޭ ނިންމައިފި އެވެ.

އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ 26 އިން ފެށިގެން ގެސްޓް ހައުސްތަކަށް ދެވޭނީ ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، 14 ދުވަސްވެފައިވާ ޓޫރިސްޓުންނަށް އެކަނި ކަމަށެވެ. އެކަމަކު އެ މީހުންނާ އެކު ދަތުރުކުރާ، ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުދިންނަށް ހުރަހެއް ނޯންނާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ވެކްސިން ފުރިހަމަކުރި ނަމަވެސް ޓޫރިސްޓުންނަށް ރާއްޖެ އާދެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކުގަ އެވެ. އަދި ގެސްޓް ހައުސްތަކުން ޗެކްއައުޓް ވާން ވެސް ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުން ވާނެ އެވެ.

ކޮވިޑް ވެކްސިން ފުރިހަަމަ ނުކުރާ ޓޫރިސްޓުންނަށް ވަކި ޝަރުތަތަކާ އެކު ގެސްޓް ހައުސްތަކުގައި ތިބެވޭނެ އެވެ. އޭގެ ތެރޭގައި، ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓަކު ޗެކިންވާ ގެސްޓް ހައުސް ހުންނަ ރަށަކީ ވެކްސިން ޖެހޭ އާބާދީގެ 60 ޕަސެންޓު ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށަކަށް ވާން ޖެހޭނެ އެވެ.

މީގެ އިތުރުން އެ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުންގެ 95 ޕަސެންޓު މީހުން ވެކްސިން ފުރިހަމަ ކޮށްފައި ތިބެން ޖެހޭއިރު، އެ ރަށެއްގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭނެ އެވެ.

އެޗްޕީއޭއިން ބުނިގޮތުގައި އެ އިދާރާ އިން ވަކި ގޮތެއް އަންގަންދެން މިގޮތަށް އަމަލު ކުރަން ޖެހޭނެ އެވެ. އަދި ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ކޮވިޑުގެ ހާލަތަށް ބަލައި މި ކަންކަމަށް ބަދަލު ގެންނާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އެޗްޕީއޭ އިން މިރޭ ހަމަޖައްސާފައިވާ ގޮތުން ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކޮށް، 14 ދުވަސް ފަހުން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން މި މަހުގެ 26 އިން ފެށިގެން ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.

އެ އިދާރާ އިން ބުނީ ކޮވިޑަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވެފައިވާ މީހުންގެ ތެރެއިން ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ މީހުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީ ޔޫޒާސް ލިސްޓުގައި ހިމެނޭ ކޮވިޑް ވެކްސިނެއް ފުރިހަމަކޮށް، 14 ދުވަސްވެފައިވާ ނަމަ ރާއްޖެ އެތެރެވުމަށް ފަހު ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.