Roadha Mihaaru
ސޯޝަލް މީޑިއާގައި ފާޅުކުރި ހިޔާލަކުން ވަޒީފާ ގެއްލިއްޖެ

ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރާ ބެހޭ ކަމަށް ބުނެ މީހަކު ވަޒީފާއިން ވަކިކޮށްފި

03 ޖޫން 2020

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި ތަކުރުކޮށް ފާޑުކިޔައި އަބުރާ ބެހޭ ކަމަށް ބުނެ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި ތަކުރުކޮށް ފާޑުކިޔައި އަބުރާ ބެހޭ ކަމަށް ބުނެ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

ހިތަދޫގެ އެ މީހާ ވަޒީފާ އިން ވަކިކުރި ސަބަބެއް ކަމަށް އެޗްޕީއެލް އިން އިއްޔެ ފުރަތަމަ ފޮނުވި ސިޓީގައި ބުނީ، ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ވާހަކަ ދައްކާތީ ކަމަށެވެ. އެ ފިޔަވަޅު އެޅީ އެކަން ތަކުރާރުކުރާ ނަމަ ވަޒީފާ އިން ވަކިކުރާނެ ކަން ކުރިން ވެސް އެ މުވައްޒަފާ ހިއްސާ ކުރުމަށް ފަހު، އިސްލާހު ނުކުރުމުން ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ސޮއިކުރައްވާފައިވާ ސިޓީގައި ވެ އެވެ.

ނަމަވެސް އެ މުވައްޒަފަށް ފުރަތަމަ ފޮނުވި ސިޓީގެ ބައެއް އިބާރާތްތައް ގޯސްކޮށް ހުރުމުން، އެޗްޕީއެލް އިން އެ ސިޓީ އަނބުރާ ގެންގޮސް ފަހުން އެހެން ސިޓީއެއް ފޮނުވި އެވެ. ވަޒީފާ އިން ވަކިކުރިކަން އަންގައި ފޮނުވި ފަހުގެ ސިޓީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދުގެ ވާހަކައެއް ނެތެވެ.

ފަހުގެ ސިޓީގައިވާ ގޮތުން އެ މުވައްޒަފު ވަނީ އެޗްޕީއެލްގެ "ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީ" އާ ޚިލާފުވެފަ އެވެ. ޑިސެމްބަރު 1، 2019 ގައި ފޮނުވި އިންޒާރުގެ ލިޔުމުގައި، އެ މުވައްޒަފު ހިންގި ކަންކަން ތަކުރާރު ކޮށްފި ނަމަ ވަޒީފާ އިން ވަކިކުރާނެ ކަން އަންގާފައިވާތީ އެ ފިޔަވަޅު އެޅީ ކަމަށް އެ ސިޓީގައި ވެ އެވެ. ޑިސެމްބަރު 1 ގައި އިންޒާރުގެ ލިޔުން އެ މުވައްޒަފަށް އެޗްޕީއެލް އިން ފޮނުވީ ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރަށް ހުތުރުވާ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުންތައް ލިޔާތީ ކަމަށް ބުނެ އެވެ.

ހިތަދޫ ސަރަހައްދީ ބަނދަރު ބަލަހައްޓާ އެޗްޕީއެލުން ވަޒީފާ އިން ވަކިކުރި މުވައްޒަފަކީ 2014 އިން ފެށިގެން އެ ކުންފުނީގައި އެސިސްޓެން އޮޕަރޭޝަން އޮފިސަރެއްގެ މަގާމު އަދާކުރަމުން އައި މީހެކެވެ.

އެޗްޕީއެލް އަކީ އެމްޕީއެލްގެ ދަށުން ހިންގާ ކުންފުންޏެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދަށް ފާޑުކީ ކަމަށް ބުނެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި އިރު، މިފަދަ މައްސަލައެއްގައި މި ސަރުކާރުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް މީގެ ކުރިން އެތައް ފަހަރަކު އެ ދެ ބޭފުޅުން ވެސް ވިދާޅުވެފައިވެ އެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަބަދުވެސް ރައްޔިތުންނަށް އޮންނާނެ ކަމަށް މި ސަރުކާރުން ވަރަށް ބޮޑަަށް ދައުވާކުރެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގައި ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް އެންމެ ބޮޑަށް "ވިއްކެވި" އެކައްޗަކީ ވެސް އެއީ އެވެ.