Roadha Mihaaru
މަޖިލިސް ކެމްޕޭނަށް ރައީސް އައްޑުއަށް ވަޑައިގަންނަވަނީ

މަޖިލިސް ކެމްޕޭނަށް ރައީސް އައްޑުއަށް ވަޑައިގަންނަވަނީ

03 މާޗް 2019

އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރާ ކެމްޕޭން ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުކުރު ދުވަހު އައްޑުއަށް ވަޑައިގަންނަވާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރާ ކެމްޕޭން ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުކުރު ދުވަހު އައްޑުއަށް ވަޑައިގަންނަވާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވީ މާޗް 8-10 އަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"އައްޑޫގެ އެކި ދާއިރާތަކުގައި، އެކި ހާއްސަ އިވެންޓްތައް ކުރިއަށް ގެންދާނެ،" ރައީސްގެ ދަތުރުފުޅާ ބެހޭ ގޮތުން އަފްޝަން ވިދާޅުވި އެވެ.

"އެޖެންޑާ 19" ގެ ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ މަޖިލިސް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފަށާނީ އައްޑޫއިން ކަމަށް ވަނީ އެނގިފަ އެވެ. އެހެންވެ، ރައީސްގެ ދަތުރުފުޅަކީ އެ ކެމްޕޭން ރަސްމީކޮށް ފަށްޓަވައި ދެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ބެލެވެ އެވެ.

ކެމްޕޭން ރަސްމީކޮށް ނުފެށިޔަސް އެމްޑީޕީން އަންނަނީ ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން 86 ދާއިރާއަކަށް ވާދަކުރާ އިރު އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު ވެސް ވާދަކުރައްވަ އެވެ.