Roadha Mihaaru
ތިމާވެށީގެ ދުވަސް: ވަގުތީ މަންފާއަށް ވެށި ހަލާކުނުކުރޭ

ތިމާވެށީގެ ދުވަސް: ވަގުތީ މަންފާ އަށް ވެށި ހަލާކުނުކުރޭ!

05 ޖޫން 2020

މާހައުލުގެ ސަލާމަތަށް ވިސްނައިގެން އިގުތިސާދީ މަޝްރޫއުތައް ރޭވުން މުހިއްމު ކަމަށާއި ކުރު މުއްދަތުގެ އިގްތިސާދީ މަންފާ އަށް ވެށި ގުރުބާންކޮށް ވެށި ހަލާކުވުމުން އަލުން އަރާސްތުކުރުމުގެ ވިސްނުން ދޫކޮށްލަންޖެހޭ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާހައުލުގެ ސަލާމަތަށް ވިސްނައިގެން އިގުތިސާދީ މަޝްރޫއުތައް ރޭވުން މުހިއްމު ކަމަށާއި ކުރު މުއްދަތުގެ އިގްތިސާދީ މަންފާ އަށް ވެށި ގުރުބާންކޮށް ވެށި ހަލާކުވުމުން އަލުން އަރާސްތުކުރުމުގެ ވިސްނުން ދޫކޮށްލަންޖެހޭ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނުގައި ބުނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެ، ދިރިއުޅުން އަލުން ބިނާކުރާއިރު އަހަރެމެންގެ އަމަލުތަކާއި ދިރިއުޅުމުގެ ވައްޓަފާޅި، ފަރުތަކާއި އެ ފަރުތަކާ ގުޅިފައިވާ ގުދުރަތީ ނިޒާމްތަކަށް ވީހާ ވެސް ގެއްލުން ކުޑަ ގޮތަކަށް ބިނާކުރުން މުހިއްމު ކަމަށެވެ.

އެ ކަންކަމުގެ އިތުރުން ގުދުރަތީ މާހައުލަކީ އޭގެ ޒާތުގައި ވެސް އަގު ހުރި އެއްޗެއްކަމާ މެދު ވިސްނައި އެ މާހައުލަށް އިހުތިރާމާއެކު ދިރިއުޅުން ބައްޓަންކުރަން އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.

"...ކުރު މުއްދަތުގެ އިގުތިސާދީ ފައިދާ އާއި މަންފާ އަށް ގުދުރަތީ ވެށި ގުރުބާންކޮށް ވެށި ހަލާކުވުމުން އެ ވެށި އަލުން އާރާސްތުކުރުމުގެ އުސޫލު ދޫކޮށް، ގުދުރަތީ މާހައުލާ ރައްޓެހި، މާހައުލުގެ ސަލާމަތްތެރިކަމަށް ވިސްނައިގެން އިގުތިސާދީ މަޝްރޫއުތައް ރޭވުން މުހިއްމެވެ،" އެ ބަޔާނުގައި ބުންޏެވެ.

އިސްރާފުވާ ގޮތަށް ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމާ ދުރުވެ، ގުދުރަތީ ވަސީލަތްތައް ބޭނުންކުރާއިރު އެކަމުގެ ސަބަބުން މުޅި މާހައުލުގެ ނިޒާމަށް ކުރާނެ އަސަރާ މެދު ވިސްނުން މުހިއްމު ކަމަށާއި ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ނިއު ނޯމަލް އަކަށް ދާއިރު ވެސް ތިމާވެއްޓާ ރައްޓެހި ގޮތްތައް އިހުތިޔާރުކުރުމަށް މިނިސްޓްރީން ވަނީ ބާރުއަޅައިފަ އެވެ. އެގޮތުން ގޭގައި ކުނި އުފެދޭ މިންވަރު މަދުކުރުމާއި މޫދަށް ކުނި އުކުން ފަދަ ނޭދެވޭ އާދަތައް ދޫކޮށްލަން ޖެހޭ ކަމަށް ބުންޏެވެ.

ރާއްޖޭގެ އިގުތިސާދު ބިނާވެފައިވާ ދެ ސިނާއަތް ކަމަށްވާ ޓޫރިޒަމާއި މަސްވެރިކަމަކީ ދުޅަހެޔޮ ވެއްޓެއްގެ މައްޗަށް ބިނާވެފައިވާ ދެ މަސައްކަތްކަމަށާއި ކުދި ޖަޒީރާ ރަށްތައް އޭގެ ޒާތުގައި ސަލާމަތްތެރިކަމާއެކު އޮތުމަށް ގުދުރަތީ ވެށި، ވަކިން ހާއްސަކޮށް ފަރުގެ ވެއްޓާ ގުޅިލާމެހިފައި ކަމަށް ބަޔާނުގައިވެ އެވެ. އޭގެ އިތުރުން ހިތްހަމަޖެހުމާއި މުނިފޫހިިފިލުވުމާއި ނަފްސާނީ ދުޅަހެޔޮކަން ގުދުރަތީ މާހައުލާ ގުޅިފައި ވިޔަސް މި ގުދުރަތީ ވެއްޓާއި އެ ވެށީގެ މުއްސަނދިކަމާއި މުހިއްމުކަމުގެ އަގު އެންމެ ފުރިހަމަ ގޮތުގައި ވަޒަންނުކުރެވޭ ކަމަށް ބުންޏެވެ.

"ވިސްނާލުމެއްނެތި ވެއްޓަށް ގެއްލުންވާ ފަދަ ކަންތައްކޮށް އެކަށީގެންވާ މިންވަރަށް ވުރެ ގިނައިން ގުދުރަތީ ވަސީލަތްތައް ބޭނުންކުރެވޭ ކަމެވެ،" ބަޔާނުގައި ބުންޏެވެ.

މިއަހަރު ތިމާވެށީގެ ދުވަހުގެ ޝިޔާރަކީ "ޓައިމް ފޯ ނޭޗާ" އެވެ. މިއަހަރު އަލިއަޅުވާލަން ނިންމާފައިވަނީ ދިރޭތަކެއްޗާ ބެހޭގޮތުންނެވެ.

މިނިސްޓްރީން ވަނީ މި ހާއްސަ ދުވަހާ ގުޅުވައިގެން ވައިބާ ސްޓިކާ ޕެކެއް ވެސް ތައާރަފުކޮށްފަ އެވެ. އެ ސްޓިކާ ޕެކުގައި ހަކަތަ އާއި ފެނާއި ކުނި ނޭޅުމުގެ އިތުރުން ތިމާވެއްޓާ ގުޅޭ އެކި މެސެޖުތައް ދީފައި ވެ އެވެ.

ތިމާވެށީގެ މުހިއްމުކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ އެފަދަ މައްސަލަތަކަށް ހައްލު ހޯދަން އދ. އިން ތިމާވެށީގެ ދުވަސް ފާހަގަކުރާތާ މިއީ 46 އަހަރެވެ.