Roadha Mihaaru
"މިއީ ވެށި ހިމާޔަތްކޮށް މޮޅަށް ދިރިއުޅެންވީ ވަގުތު"

މިއީ ވެށި ހިމާޔަތް ކުރުމާ އެކު މޮޅަށް ދިރިއުޅުން ބިނާ ކުރަންވީ ވަގުތު: މިނިސްޓަރު

05 ޖޫން 2020

މިއީ، ތިމާވެށި ހިމާޔަތް ކުރުމާއެކު ކުރިއަށް ވުރެ މޮޅަށް ދިރިއުޅުން އާރާސްތު ކުރަންވީ ވަގުތު ކަމަށް، އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިއީ، ތިމާވެށި ހިމާޔަތް ކުރުމާއެކު ކުރިއަށް ވުރެ މޮޅަށް ދިރިއުޅުން އާރާސްތު ކުރަންވީ ވަގުތު ކަމަށް، އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބެއްގައި ވިދާޅުވީ، ކުރިމަތިވެފައިމިވާ ކޮވިޑް-19ގެ ވަބާއިން ހަނދާން ކޮށްދޭ އެއްކަމަކީ، ވެއްޓަށް ބަރޯސާ ވާން ޖެހިފައިވާ މިންވަރު ކަމަށެވެ. އެހެން ކަމުން މިއީ، ވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމާއެކު، ދުނިޔޭގެ ތަބީއަތުގެ މަސަލަސްކަން ނުގެއްލޭ ގޮތަށް ދިރިއުޅުން އަލުން އާރާސްތުކޮށް، ބިނާކުރުމަށް ލިބޭ ފުރުސަތަކަށް ހަދަން ޖެހޭ ކަމަށް ހުސައިން ވިދާޅުވި އެވެ.

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ، "ދުނިޔޭގެ ތަބީއަތާ މެދު ވިސްނައި ގޮތް ނިންމުމުގެ ވަގުތު" ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ޝިއާރު އަމާޒު ވަނީ، އިންސާނީ ތަރައްގީ އާއި ދުނިޔޭގެ ދިރުންތައް އަށަގަންނުވައި، ދެމެހެއްޓުމުގައި ދުނިޔޭގެ ތަބީއަތް އަދާކުރަމުން އަންނަ މުހިންމު ދައުރުގެ މައްޗަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އިންޑިޔާ ކަނޑުގައި މުރަކައިގެ އަތޮޅުތަކެއްގެ ގޮތުގައި އުފެދިފައިވާ މި ގައުމުގައި ދިރިތިބުމާއި ދިރިތިބުމަށްޓަކައި ކާނާ އާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ބިނާވެފައި ވަނީ ދުނިޔޭގެ ތަބީއަތުގެ މައްޗަށެވެ.

"އަޅުގަނޑުމެންނަށް ބޭނުންވާ އިގުތިސާދީ ކުރިއެރުން ހޯދުމުގައްޔާއި، ކާބޯތަކެތި ހޯދުމުގައި އަޅުގަނޑުމެން ބަރޯސާވަނީ އަޅުގަނޑުމެންގެ ވަށައިގެންވާ މުރަކަ ފަރުތަކާއި ސާފު ކަނޑުތަކުން ފޯރުކޮށްދޭ ގުދުރަތީ މުއްސަނދިކަމާއި ހިދުމަތްތަކުގެ މައްޗަށް. އަޅުގަނޑުމެންގެ އިގުތިސާދުގެ އެންމެ މުހިންމު ދެ ތަނބު ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައިވަނީ ކަނޑުގެ ދިރުންތަކުގެ ދެމެހެއްޓެނެވިކަމުގެ މައްޗަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައްޔާއި ސާފު ބޯފެން ހޯދުމުގައްޔާއި އަތިރިތައް ގިރައިގެން ދިޔަނުދީ ދެމެހެއްޓުމުގައްޔާއި ވެލި އުފެދޭކަން ކަށަވަރު ކުރަމުން ދިޔުމުގައްޔާއި ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމުގައި އަޅުގަނޑުމެން ބަރޯސާވަނީ ވެށީގެ ދިރުންތަކަށާއި ކަނޑުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައްޗަށް."

މިނިސްޓަރު ވިދާޅުވި ގޮތުގައި، އިންޑިޔާ ކަނޑުގައި މުރަކައިގެ އަތޮޅުތަކެއްގެ ގޮތުގައި އުފެދިފައިވާ މި ގައުމުގައި ދިރިތިބުމާއި ދިރިތިބުމަށްޓަކައި ކާނާ އާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ބިނާވެފައި ވަނީ ދުނިޔޭގެ ތަބީއަތުގެ މައްޗަށެވެ.

މިނިސްޓަރު ވިދާޅުވީ ވެއްޓަކީ، ލިބިފައިވާ ނުހަނު އަގު ހުރި ތަރިކައެއް ކަމަށާއި އެހެންކަމުން، އެ ތަރިކަ ހިމާޔަތް ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރިހައި ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމުގައި ވެސް، ވެއްޓަށް ތަކާ މިންވަރެއްގައި ކަންކަން ކުރާކަން ކަށަވަރުކުރަމުން ގެންދަން ވާނެ. އަދި ގުދުރަތީ މުއްސަނދިކަން ހަރުދަނާ ގޮތެއްގައި މެނޭޖުކޮށް ދެމެހެއްޓެނެވި އިގްތިސާދީ ތަރައްގީއަށް އެހީތެރިވެދޭން ޖެހޭނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޖަޒީރާ މާހައުލުގެ ނިޒާމުތައް ދެމެހެއްޓުމަށްޓަކައި ފަރުދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ރަށު ފެންވަރުގަ އާއި ގައުމީ ފެންވަރުގައި އަޅާ ފިޔަވަޅުތައް އެޅުމުގައި ފަރުދީ ގޮތުން ބައިވެރިވުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ހުސައިން ވިދާޅުވި އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށްޓަކައި، ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތުން، ވިލިމާލޭގެ ފަރަށް ކިސަޑު ފެތުރި، ފަރުތައް މަރުވެދާނެ ކަމުގެ ކަންބޮޑުވުން ތިމާވެއްޓާބެހޭ ފަރާތްތަކުން އަންނަނީ ފާޅު ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން، ސޭވް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ، ލޮކްޑައުންގައިވާ މި ވަގުތުގައި ވެސް ސަރުކާރުން ގެންދަނީ ގުޅީފަޅު ހިއްކުން ފަދަ ދެމެހެއްޓެނިވި ތަރައްގީއާ ބީރައްޓެހި ޕްރޮޖެކްޓްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުން ކަމަށެވެ. އޭގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.