Roadha Mihaaru
ޔާމީން ފެކްޝަނުގެ ނިންމުންތައް ވެސް އީސީ އަށް

ރައީސް ޔާމީން ފެކްޝަނުން ވެސް ނިންމުންތައް ހުށަހަޅައިފި، އީސީން އަދި ގޮތެއް ނުނިންމާ!

18 އޮކްޓޯބަރ 2016

ވެރިކަން ކުރާ ޕީޕީއެމް ދެ ފަޅިކޮށް ވަކިން ހިންގަން ފަށާފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ފަޅިން ނިންމާފައިވާ ނިންމުންތައް ވެސް އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަން ކުރާ ޕީޕީއެމް ދެ ފަޅިކޮށް ވަކިން ހިންގަން ފަށާފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ފަޅިން ނިންމާފައިވާ ނިންމުންތައް ވެސް އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފި އެވެ.

ޕީޕީއެމްގައި ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދާކުރެއްވި ޒިންމާތައް ސިވިލް ކޯޓުގެ އަމުރަކުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމާ އެކު އެމަނިކުފާނު ފެކްޝަނުން ވެސް އަންނަނީ ޕާޓީގެ މަގާމްތަކަށް ބޭފުޅުން އައްޔަން ކުރަމުންނެވެ. އެގޮތުން ސެކްރެޓަރީ ޖެނެރަލް އާއި ސެކްރެޓަރީ ޖެނެރަލްގެ ނައިބަކު ވެސް އައްޔަންކޮށް، ޕާޓީގެ އާ އޮފީހެއް ހުޅުވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

އެހެންވެ ޕީޕީއެމްގައި މިހާރު ދެ ރައީސުންނާއި ދެ ކައުންސިލާއި ދެ ސެކްރެޓަރީ ޖެނެރަލް އަކު ވެސް އެބަހުއްޓެވެ.

މައުމޫން ފެކްޝަނުން ނިންމާ ނިންމުންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނިންމި ކަންކަން ވެސް އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ވަނީ ވިދާޅުވެފަ އެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވީ ކޯޓު އަމުރާ އެއްގޮތަށް ޕާޓީ ހިންގަން ފަށައި، ގެންނަމުންދާ ބަދަލުތައް އިލެކްޝަނާ ހިއްސާކޮށްފައިވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެކަންކަން ހިއްސާކުރާނެ ކަން ފާހަގަކުރައްވައި ވިދާޅުވީ، ކޮމިޝަނުން ނިންމާ ނިންމުމެއް ގަބޫލުކުރާނެ ކަމަށެވެ.

"ޕާޓީގެ މުސްތަޝާރު ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުން ކުރިއަށް ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުން. އެހެންވީމާ އެއީ ސައްހަ ބައްދަލުވުމެއްތޯ ނޫންތޯ ސުވާލު އުފެއްދޭނެ ޖާގައެއް ނެތް. އެ ބައްދަލުވުމުގައި ނިންމި ކަންކަން ވެސް ވާނީ އިލެކްޝަނަށް ހުށަހަޅާފައި. އެ ކޮމިޝަނުން ނިންމާ ގޮތެއް ރައީސް މައުމޫނާއި އެމަނިކުފާނާ އެކުގައި ތިއްބެވި ބޭފުޅުން ވެސް ގަބޫލުކުރައްވާނެ ކަމަށް އުއްމީދުކުރަން،" ހަލީލް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ބެއްލެވުމުގެ ދަށުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ކުރިއަށް ދަނީ. --

ރައީސް މައުމޫންގެ ބެއްލެވުމުގެ ދަށުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ކުރިއަށް ދަނީ. --

ޕީޕީއެމްގެ މައުމޫން ފެކްޝަނުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނަށް އިއްޔެ ފޮނުވި ސިޓީގައި ބުނެެފައި ވަނީ "ކޮންމެވެސް ފަރާތަކުން ދައުވަތު ދެއްވައިގެން ކަމަށް ބުނެ ދަރުބާރުގޭގައި ބޭއްވި ކަމަށް ބުނާ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަކީ ސައްހަ ބައްދަލުވުމެއް ނޫން" ކަމަށެވެ. އެ ސިޓީގައި ބުނެފައި ވަނީ ޕީޕީއެމްގެ ކައުންސިލް ހިންގާ ގަވައިދުގެ އަށް ވަނަ މާއްދާގައި ބުނާ ގޮތުން ކައުންސިލްގެ ބައްދަލުވުންތަކަށް ދައުވަތު ދިނުމުގެ އިހުތިޔާރު އޮންނަނީ ޕާޓީގެ ރައީސަށް ކަމަށެވެ. އަދި އެރޭ ބައްދަލުވުމަށް ދައުވަތުދީފައި ވަނީ އެހެން ފަރާތަކުން ކަމަށާއި ރޭގެ ނިންމުންތައް ވާނީ ބާތިލް ކަމަށް މައުމޫން ފެކްޝަނުގެ ސިޓީގައިވެ އެވެ.

މި ދެ ފެކްޝަނުން ފޮނުވި ލިއުންތަކަށް ބަލައި ގޮތެއް ނިންމުން އޮތީ އިލެކްޝަންސް ކޮމިޝަނުގެ އަތް މަތީގަ އެެވެ.

އެ ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ޕީޕީއެމުގެ ނިންމުންތަކަށް ކަމަށް ބުނެ ދެ ފަރާތަކުން ލިއުންތައް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ސައްހަ ނިންމުންތައް ކަނޑައެޅުމަށް ކޮމިޝަނުން ބައްދަލުވުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ލިއުންތަކަށް ބަލައި ކޮމިޝަނުން ގޮތެއް ނިންމާނެ،" އަކްރަމް ވިދާޅުވި އެވެ.